ޒުވާނުންގެ މަރުކަޒުތަކަށް ޕްރޮޖެކްޓަރާއި ޖިމް ސާމާނު ހަދިޔާކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅިފައިހުރި ޒުވާނުންގެ މަރުކަޒުތަކަށް ޖިމް ސާމާނާއި ޕްރޮޖެކްޓަރު ހަދިޔާ ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީންގެ ސަރުކާރުގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ޒުވާނުންގެ މަރުކަޒުތަކަށް ޖިމް ސާމާނާއި ޕްރޮޖެކްޓަރު މިރޭ ހަދިޔާކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު ކުޅިވަރަށް ކޮށްފައިވާ ހިދުމަތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުންގެ މިނިސްޓަރު އިރުތިޝާމް އާދަމެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އެހެނިހެން އިސްވެރިންނާއި ގިނަ ޒުވާނުން ބައިވެރިވެފައިވެއެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގައި ހިނގަމުންދާ 60 ޒުވާނުންގެ މަރުކަޒުގެ ތެރެއިން ޖިމް ސާމާނާއި ޕްރޮޖެކްޓަރު ހަދިޔާ ކޮށްފައިވަނީ ހަތް ޒުވާނުންގެ މަރުކަޒަކަށެވެ. އެހެން ނަމަވެސް ކުރިއަށް އަވަސް މުސްތަގުބަލެއްގައި ބާކީ ހުރި ހުރިހާ ޒުވާނުންގެ މަރުކަޒަކަށްވެސް އެ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް މިރޭގެ ހަފްލާގައި ޔޫތު މިނިސްޓަރު އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.

"މިރޭ ޒުވާނުންގެ މަރުކަޒުތަކަށް ހަމަޖެހިގެންދާ ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ތަނަސްވަސްވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން، މިރޭ ޖިމް އިކުއިޕްމަންޓް ހަމަޖެހިގެން މިދަނީ ހަތް ޒުވާނުންގެ މަރުކަޒަށްކަމުގައި ވިޔަސް، ޖިމް އިކްއިޕްމަންޓް ހޯދަންޖެހޭ އެހެން މަރުކަޒުތަކަށް އެތަކެތި ހޯދުމަށް މަސައްކަތްކުރަމުން ގެންދާ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ވޯލްޑް ކަޕްގެ މޫސުން ކަމަށްވުމާއެކު، މިރޭ ދޫކުރެވޭ ޕްރޮޖެކްޓަރު ތަކުގެ ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް، އުފާވެރި މާހައުލެއްގައި އެއްތަނެއްގައި ތިބެ ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ތަނަވަސްވެގެން ދިއުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

އޭގެ އިތުރުންވެސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައުމާއެކު ޒުވާނުންގެ ކުރިމަގަށް، ޒުވާނުންގެ އުންމީދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށާއި މި ސަރުކާރުން ހިންގަމުންދާ ޒުވާނުންގެ މަރުކަޒުތަކަކީ އެކަމުގެ ރަމްޒެއް ކަމަށެވެ.

"މި ސަރުކާރު އައުމުގެ ކުރިން ރާއްޖޭގައި ގާއިމުކުރެވިފައިވަނީ 28 ޒުވާނުންގެ މަރުކަޒު. ރައީސް ޔާމީންގެ ޒައާމަތުގައި މުޅިން އަލަށް 24 ޒުވާނުންގެ މަރުކަޒުގެ ހިދުމަތް ދޭން ވަނީ ފެށިފައި. ހަތް ޒުވާނުންގެ މަރުކަޒެއް ހުޅުވުމަށް މިހާރު މިވަނީ ތައްޔާރުވެފައި، އަދި 2018 ވަނަ އަހަރު ނިމުމުގެ ކުރިން އިތުރު ހަތަރު ޒުވާނުންގެ މަރުކަޒު ހުޅުވިގެންދާނެ،" މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި މިނިސްޓަރު ވަނީ މި ސަރުކާރުގައި ކުޅިވަރަށް ކޮށްދެވިފައިވާ ހިދުމަތްތަކުގެ ތަފްސީލު ހިއްސާ ކޮށްދެއްވައިފައެވެ.

comment ކޮމެންޓް