އިންޑިއާއަށް ވަންނަން ފުރުސަތެއް ނުދިން، ސަބަބެއް ނާންގާ: ނިހާން

ނިހާން ހޮޓެލް ޖެން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއްވެސް ސަބަބެއް ނާންގާ އިންޑިއާގެ ޗެންނާއީއަށް ވަނުމުގެ ފުރުސަތު ނުދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިރޭ ހޮޓެލް ޖެން ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ހުއްޓުވި ސަބަބަކީ ޕީޕީއެމްގެ މެމްބަރަކަށް ވީމަތޯ ނޫނީ މިހާރު ރާއްޖޭގައި އޮތް ސަރުކާރަށް ތާއީދުކުރާ މީހެއްވީމާތޯ ވެސް އިންޑިއާއިން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ޗެންނާއީ އަށް ވަންނަން ހުއްދަ ނުދިނުމުން ހިތްހަމަ ޖެހިވަޑައި ނުގެން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އޭނާ ޗެންނާއަށް ވަޑައިގަތީ ސައިނަސް މައްސަލަ ހުންނާތީ ރޫޓިންކޮށް މީގެ ކުރިން ވެސް ދައްކާ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ވަޑައިގަތީ އޮން އެރައިވަލް ވިސާގައި އިންޑިއާއަށް ވަންނަން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އަތުން އެއްވެސް ލިޔުމެއްގައި ސޮއެއް ނުކުރުވާ. ޕާސްޕޯޓުގައި ތައްގަނޑެއް ނުޖަހާ. އިންޑިއާއަށް އެރުން މަނައެކޭވެސް ނުބުނޭ. އެކަމަކު ތިން ކަރުދާހެއް އެބޭފުޅުން ގެންގުޅުއްވި. އެ ތިން ކަރުދާހުގެ ތެރޭން އެއް ކަރުދާހެއް އަޅުގަނޑު ދަތުރުކުރި އެއާލައިންގެ އެޖެންޓާ ހަމައިގައި އޮތްކަން އަޅުގަނޑަށް އެނގޭ. އެކަމަކު ނުވެއް ދެކެން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެގޮތަށް ކުއްލިއަކަށް އިންޑިއާއަށް އެތެރެވުން މަނާކުރާ ގޮތްތަކެއް އިންޑިއާއިން ކަނޑައަޅައިފިއްޔާ އެކަން ރާއްޖެއަށް އަންގަންޖެހޭ ކަމަށެވެ. ނިހާން ގަބޫލުކުރެއްވީ އިންޑިއާގެ އިމިގްރޭޝަނުން އޭނާއަށް "ބުލީ ކުރީ" ކަމަށެވެ.

ނިހާން ވިދާޅުވީ އެކަން އެހެން މީހުންނަށްވެސް ކުރިމަތިވެދާނެ ކަމަށާއި އެހެންވީމަ އެކަން ހިނގާދިޔަގޮތް ސާފުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބައެއް އެހެން ދިވެހިންނަށް އެކަން ތަކުރާރުކޮށް ދިމާވެފައިވާ ކަމުގެ މައުލޫމާތެއްވެސް ލިބިފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"މި މަންޒަރު ސާފުވެގެން ދާއިރުގައި އަޅުގަނޑަށް ހަމަ ހިޔާލަށް އާދޭ ބުލީ ކުރުމުގެ ވައްތަރަކަށް މިކަން ވެގެންދާކަން. ވަރަށް ރަނގަޅަށް ކާން ލިބިފައި ހުރި މާސިންގާ ކުއްޖަކު ހަމަ ކުލާހުގައި އިންނަ ތަންކޮޅެއް ބަލިކަށި ކުއްޖެއްގެ ބޮލުގައި ދުވާލު ހަތަރުފަހަރު ޖެހުން ކަހަލަ ކަމެއް މި ކޮށްގެން މިދިޔައީ،" ނިހާން ވިދާޅުވި އެވެ.

މާސިންގާ ބޮޑު ގައުމަކުން އެފަދަ ކަމެއް ތަންފީޒު ކުރާނަމަ އެއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ. އެހެންވީމަ އެކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާފުކޮށްދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުން އިންޑިއާއަށް ނުވަދެވިގެން އޭނާ އެއްގޮތަކަށްވެސް ދެރައެއް ނުވެ އެވެ. އަދި އިންޑިއާއަކީ އެގައުމަކަށް ނުވަދެވިގެން ދެރަވާނެ އެންމެ ފަހު ގައުމު ކަމަށް ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް