މާބައިދޫ ބަނދަރުގެ 79 ޕަސެންޓް މަސައްކަތް ނިންމާލައިފި

ލ. މާބައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ އެމްޓީސީސީ

ލ. މާބައިދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިންމާފައިވާ ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ހުޅަނގު ފަރާތުގައި 210 މީޓަރު ދިގު އަދި 78 މީޓަރު ފުޅާ ބަނދަރެއް ހަދަން ވަނީ ހަވާލުކޮށްފައެވެ. އަދި 275 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ހެޑް ރިޓަޔާޑް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ ކުއޭ ވޯލްގެ ތިން ބަޔަކާއި ބަނދަރުގައި ހަދާ ފެން ހިންދުމުގެ ނިޒާމް އަދި އެ ސަރަހައްދު ޕޭމަންޓްގެ މަސައްކަތް އެެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ފަޅު ފުން ކުރުމުގެ މަަސައްކަތް ކަމަށާއި އެ މަސައްކަތުގެ 30 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބޭރު ތޮށީގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ޖުލައި މަހުގެ ނިޔަލަށް ބަނދަރު ނިންމައި ހަވާލުކުރާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

އާބާދީގައި 1108 މީހުން އުޅޭ މާބައިދޫގައި ހަދާ ބަނދަރަކީ ޖުމްލަ 45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ބަނދަރެކެވެ.

comment ކޮމެންޓް