ކުރުނބާ، ގަބުޅި އަދި ކާށި، ވެމްކޯއިން މާ އަގުހެޔޮ

ވެމްކޯއިން ކުރުނބާ، ގަބުޅި އަދި ކާށި، ހެޔޮ އަގުގައި ވިއްކުން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު

ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ ކުނި މެނޭޖުކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މިހާރު ކާމިޔާބު ކަމާއެކު ހިދުމަތް ދެމުން އަންނަ ދިވެހިންނާ ގާތް ކުންފުންޏެއް ވެސް މެއެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށް އުފެއްދި ކުންފުނި ވަނީ ރަމަޟާން މަހާ ދިމާކޮށް ކުރުނބާ، ގަބުޅި އަދި ކާށީގެ އަގު އުފުލެމުންދާ ދިއުމަށްވެސް ހައްލު ގެނެސްފައެެވެ.

ވެމްކޯއިން ކުރުނބާ، ގަބުޅި އަދި ކާށި މާލެ ގެނެސް ވިއްކަން ފެށީ ރަމަޟާން މަހާ ދިމާކޮށް އެތަކެތި ވީހާވެސް ހެޔޮ އަގެއްގައި އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެ މަސައްކަތް ފަށާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ހުށަހެޅުމެއްގެ މަތިން، އެ މިނިސްޓްރީއާ ގުޅިގެންނެވެ.

ވެމްކޯއިން ކުރުނބާ، ގަބުޅި އަދި ކާށި، ހެޔޮ އަގުގައި ވިއްކުން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު

ވެމްކޯއަށް ދޫކޮށްފައިވާ ރ. ވަންދޫއިން ރޯދަމަހަށް ވިއްކަން ގެނައި ފުރަތަމަ ޝިޕްމަންޓްގައި ގެނެސްފައިވަނީ 12،000 ކާއްޓާއި 5،000 ކުރުނބާ އަދި 5،000 ގަބުޅިއެވެ. އަދި އެ ތަކެތި ވެމްކޯގައި ވިއްކަނީ ކާއްޓެއް ފަސް ރުފިޔާއަށް، އަދި ކުރުނބާއާއި ގަބުޅިއެއް 12 ރުފިޔާގެ މަގުންނެވެ. މިއީ މާލޭގައި މިހާރު މިތަކެތި ލިބެން ހުންނާނެ އެންމެ ހެޔޮ އަގެވެ.

"ފުރަތަމަ ޝިޕްމަންޓްގައި ގެނައި 5،000 ކުރުނބާ މިހާރު މިވަނީ އެއްކޮށް ހުސްވެފައި. ކުރުނބާ ހަމަ ގެނައި ތަނުން ވަރަށް އަވަހަށް ހުސްވެއްޖެ. ކުރުނބާއަށް އެންމެ ބޮޑު ޑިމާންޑެއް އޮތީ. ދެ ދުވަސް ތެރޭގައި އަނެއްކާވެސް ކުރުނބާގެ އެހެން ޝިޕްމަންޓެއް އަންނާނެ،" ވެމްކޯގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓްގެ މެނޭޖަރު އިސްމައިލް އުބައިދު ވިދާޅުވިއެވެ.

ވެމްކޯއިން ކުރުނބާ، ގަބުޅި އަދި ކާށި، ހެޔޮ އަގުގައި ވިއްކުން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު

މާލޭގެ މީހުން ނޫޅޭ ހިސާބާ ދުރު އިންޑަސްޓްރިއަލް ވިލެޖުގައި ވެމްކޯއިން އެތަކެތި ވިއްކަމުން ދިޔަނަމަވެސް އާންމުންގެ ތަރުހީބު ވަރަށް ބޮޑެވެ. ހަވީރު ފިންޏަށް ހިނގާލާފައި ނުވަތަ ދުއްވާލާފައިވެސް ވެމްކޯއިން ކުރުނބާ ނުވަތަ ގަބުޅި ގަންނަން ދިއުމަކީ އާންމުންނަށް މާ ބުރަ ކަމެއް ކަމަކަށް ހިއެއް ނުވެއެވެ. ތަކެތީގެ އަގު ބޮޑުވަމުންދާ މި މަހުގައި އެގޮތް ވެސް އާންމުންނަށް މާ ރަގަޅީ ކަންނޭގެއެވެ.

ވެމްކޯއިން ކުރުނބާ، ގަބުޅި އަދި ކާށި، ހެޔޮ އަގުގައި ވިއްކުން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު

މާލޭގެ ލޯކަލް މާރުކޭޓްގައި ކުރުނބާ، ގަބުޅި އަދި ކާށީގެ އަގުތައް ހުރީ އެކި ވަރުވަރުގައެވެ. އެގޮތުން ކުރުނބާ އުޅެނީ 25 ރުފިޔާ، 30 ރުފިޔާ އަދި 40 ރުފިޔާ އަށެވެ. ގަބުޅި އުޅެނީ 15 ރުފިޔާ، 20 ރުފިޔާ އަދި 25 ރުފިޔާ އަށެވެ. އަދި ކާށި އުޅެނީ ހަ ރުފިޔާއާ އަށް ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

މޭ 26، 2017: މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުގައި ކުރުނބާތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް މާރުކޭޓްގެ އެކި ގޮޅިތަކުގައި އެކި އަގަށް ކުރުނބާ، ގަބުޅި އަދި ކާށި ވިއްކަމުން ދިޔަނަމަވެސް އެތަކެތީގެ އަގު، އިންޑަސްޓްރިއަލް ވިލެޖުގައި ވެމްކޯއިން ވިއްކަމުން އަންނަ އަގަށްވުރެ ބޮޑެވެ. ސައިޒުގައި މާބޮޑު ތަފާތެއް ނެތަސް، އަގަށް ވަރަށް ހެޔޮ ތަފާތެއް ވެމްކޯއިން ގެނެސްދީފިއެވެ.

comment ކޮމެންޓް