މާލޭގެ މަގުތަކަށް ކުނި އެޅުން ހައްލުކުރަން އަނެއްކާވެސް ޑަސްބިން ބަހައްޓައިފި

އަޖުމަބެލުމުގެ ގޮތުން އެންވާރަމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ޑަސްބިން ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ހަރުކުރި ޑަސްބިނެއް ކައިރީގައި އެ މިނިސްޓްރީގެ އޮފިޝަލުންތަކެއް --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައި ހުރުން ހައްލުކުރަން މާލޭގެ މަގުތަކުގައި އަނެއްކާވެސް ޑަސްބިން ބަހައްޓަން ފަށައިފިއެވެ.

އެންވާރަމަންޓު މިނިސްޓްރީން މާލޭގައި ޑަސްބިންތަކެއް ހަރުކުރުމުގެ މަޝްރޫއެއް އަލުން ފެށިއިރު، މީގެ ކުރީން ކުނި އެޅުމަށް ހާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ހާއްސަ ޑަސްބިންތަކެއް ބަހައްޓައިފައެވެ.

އެގޮތުން އަލުން ބޭނުންކުރެވޭނެ ކުންޏަށާއި އެހެނިހެން ޒާތުގެ ކުނި އެޅުމަށް ވަކިން ދެ ޑަސްބިން އޭރު ބެހެއްޓިއެވެ. އަދި އޭގެ ފަހުން ހައުސިން މިނިސްޓްރީގެ ފަރާތުން ވެސް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓާނެ ކަމަށް ބުންޏެވެ.

އެންވާރަމަންޓް މިނިސްޓްރީން މިއަދު ބުނީ، މާލޭގެ މަގުތަކުގައި ޑަސްބިން ބެހެއްޓުމަށް މިފަހަރު ހިންގާ މަޝްރޫއުއަކީ މީގެ ކުރިން ޑަސްބިން ބަހައްޓައިގެން ދިމާވި ގޮންޖެހުންތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ އަޖުމަބެލުމުގެ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މިއަދު ވަނީ ޗާންދަނީމަގުގައި ތިން ޑަސްބިނެއް ބަހައްޓައިފައެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނާގޮތުން، މިފަހަރު މާލޭގެ މަގުތަކުގައި ބަހައްޓަނީ މާލޭގެ މަގުތަކުގައި ބެހެއްޓުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޑަސްބިންތަކެކެވެ.

އެ ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑެއް ހަރުކުރެވި، އެ ހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށެވެ.

އޭރުން ޑަސްބިން ހަރުކުރެވޭ ހޮޅިދަނޑި ހުންނާނީ ދުވާރު ބޭނުންކުރާ ފަރާތްތަކަށާއި ސައިކަލު ޕާކުކުރާ ފަރާތްތަކަށް ދަތިނުވާނެހެން ބިމުން މައްޗަށް އުފުލާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، އަލަށް ބަހައްޓާ ޑަސްބިންތަކުން ގަވާއިދުން ކުނި ހުސްކުރުމާއި އުކާލުމުގެ އެންމެހާ ޒިންމާތައް ވެމްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށް ބުންޏެވެ.

comment ކޮމެންޓް