ސަހާބީ ބޭކަލުންތަކެއް ފަސްދާނުލާފައިވާ ސަހަރާއެއް ތަޅާލައި، އިސްރާއީލުން ޕާކެއް ހަދަނީ

އިރުމަތީ ގުދުސްގައި އޮންނަ ބަބް އަލް ރަހްމާ ސަހަރާގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ އޭއޭ

ގަދަކަމުން ވެރިވެގަނެ، އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސާފައިވާ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ބޭރުގައި އޮންނަ އާސާރީ ސަހަރާއެއް ތަޅާލައި، އިސްރާއީލުން އެތަނުގައި ހަދާ ޕާކުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ، އަލް އަގްސާ މިސްކިތުގެ އިރުމަތީ ފާރުގެ ބޭރުގައި އޮންނަ ބާބުއްރަޙްމާ (باب الرحمة) ސަހަރާއަކީ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم ގެ ދެ ސަހާބީ ބޭކަލުންކަމަށްވާ އުބާދާ ބުނު ސާބިތު އަދި ޝައްދާދު އިބްނު އައުސް ފަސްދާނުލާފައިވާ ކަމަށް ބުނެވޭ ތަނެވެ.

އުބާދާ ބުނު ސާބިތުއަކީ އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ކީރިތި ރަސޫލާ صلى الله عليه وسلم ރަސޫލުކަމާއިގެ ފޮނުއްވުނުތާ ދިހަވަނައަށްވީ އަހަރުގައެވެ.

އަދި ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގަތުމުގެ ކުރީން، އަގަބާގެ ފުރަތަމަ ބައިޢަތުގައި ބައިވެރިވި 12 ބޭކަލުންގެ ތެރޭގައިވެސް ޢުބާދާ ބުނު ސާބިތު ހިމެނިވަޑައިގަތެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަލޭގެފާނު ކުރެއްވި ހުރިހާ ހަނގުރާމަތަކެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހަޔާތްޕުޅުގައި ހިނގާފައިވާ ހުރިހާ ބޮޑެތި ހާދިސާތަކުގައި އެކަލޭގެފާނުގެ އެންމެ އަރިސް ބޭކަލުންގެ ތެރޭގައި އުބާދާ ބުނު ސާބިތު ހިމެނިވަޑައިގަތެވެ.

ޝައްދާދު ބުނު އައުސްއަކީ އިލްމުވެރިކަމުގައި ފާހަގަކޮށްލެވޭ ފަގީހެކެވެ. އަދި އެކަލޭގެފާނަކީ މުހައްމަދު صلى الله عليه وسلم ގެ އަރިހުން އެތައް ހަދީސެއް ރިވާކުރެއްވި ބޭކަލެކެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީއެއް ކަމަށްވާ "ވަފާ"އިން ބުނާ ގޮތުން، ސަހަރާގެ ބިމެއްގައި ނެޝަނަލް ޕާކެއް ތަރައްގީކުރަން އިސްރާއީލުގެ ނޭޗާ އެންޑް ޕާކް އޮތޯރިޓީ (އައިއެންޕީއޭ)އިން އަލުން އިއްޔެ ފެށިއިރު، އެ މަސައްކަތް ފެށީ މީގެ ތިން ހަފްތާ ކުރިންނެވެ.

އެގޮތުން، މީގެ މަހެއް ކުރިން އައިއެންޕީއޭއިން ވަނީ ޕާކު ތަރައްގީކުރާ ތަނުގެ އިން ވަކިކުރުމުގެ ކުރިން އެތަނުގައި ދަގަނޑު ފެންސެއް ވެސް ޖަހާފައެވެ. ވަކިކުރި ބިމުގެ ތެރޭގައި މުސްލިމުންގެ ބައެއް ލީޑަރުންތަކެއް ފަސްދާނުލާފައިވާ މަހާނަތައް ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ބާބުއްރަހްމާ ސަހަރާގެ ބައެއް ތަޅާލައި އެތަނުގައި ޕާކެއް ތަރައްގީކުރާނެ ކަމަށް އިސްރާއީލުން އެންމެ ފުރަތަމަ އިއުލާންކުރީ 2015 ވަނަ އަހަރުއެވެ.

comment ކޮމެންޓް