އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރޭ މިންވަރު އަދިވެސް ދަށަކަށް ނުދޭ: އެޗްޕީއޭ

އައިޖީއެމްއެޗްގައި ބަޔަކަށް ފަރުވާ ދެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަރިދަފުސް ރޯގާއާއި އިންފްލްއެންޒާ ފެތުރެމުންދާ މިންވަރު އަދިވެސް ދަށަށް ނުދާ ކަމަށް ހެލްތު ޕްރެޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ޖެހިގެން ވޭތުވެދިޔަ ހަފުތާގައި 9050 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އޭގެ ކުރީ ހަފުތާގައި 9710 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު މަދުނުވާތީއާއެކު، ރައްކާތެރިވުމަށް ކުރިންވެސް އިލްތިމާސްކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އިންފްލުއެންޒާއާއި އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކެއް ކަމަށާއި، އެހެންކަމުން އާންމުން އެއްވެއުޅޭ ތަންތަނަށް އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް:

  1. އަރުދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތްމަތީގައި ޓިޝޫ ނުވަތަ ކުޑަ ރުމާލެއް އެޅުން އަދި ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
  2. އާންމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން.
  3. ރޯގާޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ކުޑަކުދިން އެތަންތަނަށް ނުގެންދިއުން.
  4. ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
  5. ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކޮށް، ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
  6. ބަލިޖެހުމުން ނުރައްކާވުމުގެ ފުރުސަތު އޮތް މީހުން، އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި ރޯގާ ޖެހި ހުން އަންނަނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން.
  7. ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ވީހާވެސް މަދު މީހުން ބަލިމީހާއާއެކު ހޮސްޕިޓަލަށް ދިއުން.
comment ކޮމެންޓް