ތަފާތު ލޯތްބެއް - 09

ކެމީލާ ގެއާއި އަރާހަމަވީއިރު ކޮންމެވެސް މީހަކު ގޮވައިލުމުން ސިހުނުވަރުން ފޮތްތައް މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. އަޑުއިވުނުކަމަށް ނަހަދާ ދޮރާށިން އެތެރެއަށް ދެމިގަންނަން އުޅުނުވަގުތު އެމީހަކު ދޮރުގައި ހިފެހެއްޓިއެވެ. އޭނަގެ ގައިގާ އަތްނުލިކަމީ ނަސީބެކޭ ހިތަށް އެރިއެވެ. އެއްފަރާތަކަށް ޖެހި ބަލައިލެވުނީ މަސްހުނި ބެލުކަމުންނެވެ. ރުޅިއާއި ބިރުވެރިކަން އަދި ނުރުހުން އެއްވެ އެ ދޮންމޫނު ބަނަކޮށްލިގޮތުން ހަނދަށް ވިލާކޮޅެއް އެޅުނުފަދައެވެ. ކުރިމަތީގައި މިހިރީ ޖޯންއެވެ.

"ނޯ ނޮޓް ދެޓް ފާސްޓް ބޭބީ....."

ކެމީލާ އަނގައިން ނުބުނެ ތުން ފިތާލައިގެން ހުރީއެވެ. ނޭވާއެއް ލިޔަސް ޖޯންގެ ގޯނާއެއް ކުރިމަތިވެދާނެތީ ބިރުން ހުރިފަދައެވެ. ކެމީލާގެ ދެލޮލުގެ ކުލަވަރު ތަރުޖަމާކުރެވުމުން ޖޯން އެއް ބުމަ އަރުވައިލިއެވެ.

"އަހަރެންދެކެ ބިރުން ތިހިރީ. ނޫޅެމޭ ކަމެއް ކުރާކަށް. އައި ޕްރޮމިސް. ކެމީލާގެ ގައިގާ އިނގިލި ކުރި ޖައްސާލާކަށްވެސް. ތީ ހުރިގޮތަށް ހުރި ދީނީ ކުއްޖެއްކަން ބަލާލަފައިވެސް އެބައެނގޭ އެހެންވެ ކައިރިވާކަށް ނުވެސް އުޅެން. ޖަސްޓް ރިލެކްސް އިނގޭ. މިއައީ މި އެއްޗެހި ދޭންވެގެން. ބޭނުންތަ؟ " ޖޯން ވާހަކަދެއްކީ ދިވެހިންނެވެ. ކޮތަޅު ދިއްކޮށްލުމުން ކެމީލާ ހިފާކަށް ނޫޅުނެވެ. ހަމަ އެގޮތަށް ފޮތްތައް މޭމަތީގައި ޖައްސާލައިގެން ދެލޯ ބޮޑުކޮށްގެން ހުރީއެވެ. ކައިޒާންގެ ސިފަތައް އެ މޫނުން އެބަފެނެއެވެ. މިއަދުވެސް ނުފެނުނީ އަވިއައިނުން ފޮރުވާފައިވާ ދެލޮލެވެ. ކައިޒާން ސިއްރުކުރަން އުޅުނަސް މީނަ ވައްތަރީ ކައިޒާންއާއެވެ. އެއްމާބަނޑު ފިރިހެންކުއްޖަކީ ކަން ނޭގެއެވެ. ހިނގާގޮތާއި އަޑު އަދި ވާހަކަދައްކާ ބަސް ތަފާތުވިޔަސް މިދެމީހުންގެ މޫނުގެ ސިފަތައް ތަފާތެއްނެތެވެ.

"ކެމީލާ.........." ޖޯން ތަންކޮޅެއް ކައިރިވެލިއެވެ. އެ ނޭވާގެ ތާޒާކަމާއި ހޫނުކަން މޫނަށް އެޅުނެވެ.

"ޕްލީޒް ދުރުގައި ހުރޭ....." ކެމީލާ ނުރުހުންވިއެވެ.

"ތަކުރާރުކޮށް ތިހެން ކިޔަންޏާ ކައިރިވާ ހިތްވާނީ އިނގޭ. އަހަރެން އެންމެ ކުރިންވެސް ބުނެފީމެއްނު މިއައީ އެންމެ ކަމަކު އޭ. ކީއްވެ ހީވަނީ އެންމެން އުޅެނީ ތިކުއްޖާގެ ގައިގާ އަތްލާންވެގެންނޭ. ތިހާ ނުރުހޭއިރު ބޭނުމެއްނޫނޭ އެކަމަކު އަދި ކެމީލާ އަހަންނަށް ފޯލްވާނެ. އަހަންނާއި ނުލާ ނޫޅެވޭވަރުވާނެ. ސަބަބަކީ ކޮންމެވެސް ދުވަހަކުން އަހަރެންގެ މީހަކަށް ވާނެ. އެހެން މީހަކަށް ބީހުމުގެ ޝަރަފް ނުދެއްޗޭ................" ޖޯންގެ އަޑުގައި ވީ ޔަގީންކަމެކެވެ. މި ހުރިހާ ފިރިހެނުން އެކައްޗެއް ކިޔަނީ ކީއްވެހެއްޔެވެ. ނާޔަލް އަރީން އަދި ޖޯންވެސް އޭނައަކީ ހައްގެއްކަމުގައި ބުނެފިއެވެ. އެންމެނަށް އޭނަ ލިބޭނެ ސަބަބެއް ނުވިސްނެއެވެ. އެތަނުން އެކަކަށްވެސް އޭނަ ލިބުމަށް އިރާދަނުކުރައްވާށިއެވެ. ކެމީލާ ހިތާހިތުން ދުޢާކުރިއެވެ.

"މީގައި ނުހިފާނަންތަ..." ޖޯން ކޮތަޅު ބިންމަތީގައި ބަހައްޓާފައި އެއް ލޯ މަރައިލިއެވެ. އަނގަޔަށް ހަދައިލިގޮތުން ހަމަ ހަނދާނަށް އަންނަނީ ކައިޒާންއެވެ. ގެއިން ނިކުތް އުލާއަށް ޖޯން ފެނި ކަޅި ވިދި ބަލަހައްޓައިގެން ހުރެވުނީ އާޝޯޚުވެފައެވެ. އުލާ ރީތި މީހުންދެކެއެވެ. މިވަރެއް ނުދެކެއެވެ. ފެނިފާ ފައިގާ ވާގި ދޫވެ ހަމަ ރަގަޅަށްވެސް ކޮސްވެއްޖެއެވެ. މީހަކު ފެނިފާ ހޭދެބައި ވާން ވެއްޖެއްޔާ ކުރިމަތީގައި މިހިރީ އެފަދަ އިންސާނެކެވެ.

"އޫ..............ހެންޑްސަމް ޑެވިލް. ހަމަ ވެމްޕަޔާ ފިލްމެއްގެ ހީރޯ އަކާއި މަށަށް ވައްތަރީ. ކެމީލާ މިއީ އަޅެ ހިއުމަންއެއްތަ ނޫނީ އިންސާނެއް މިހާ ޕަފެކްޓެއްނުވާނެ. އޯ އެމް ޖީ. ހީޒް ވޭ ޓޫ ހޮޓް. ކޮން ގައުމެއްގެ ބިޓެއްތަ ފޯލިން ފޯ ޔޫ ސޯ ހާޑް....ސީރިޔަސްކޮށްނޭ............." އުލާ އަނގަމަތީ އަތްއަޅާލާފައި މާ ތުއިވެލާފައި ދުވެފައި އައިގޮތަށް ޖޯންގެ ގައިގާ ބައްދާލާހިތްވިއެވެ. ނަމަވެސް އެންމެ ފިޔަވަޅެއްކުރިއަށް އަޅައިލިއިރު ޖޯން ދާން ހިނގައިގަތެވެ. އުލާ ކެމީލާގެ ގައިގާ އެލިގަތުމުން މަޑުމަޑުން ކޮށްޕާލާފައި ދުރަށް ޖެހުނުއިރު ނުރުހުމުގެ ކުލަވަރު ފެންނާން ހުއްޓެވެ. އެގޮތަށް ފިރިހެނުންނާއި ބެހެން ހަދައިގެން އުލާއަށް ލަނޑެއްލިބިދާނެ ނޫންހެއްޔެވެ. ފެންނަހާ މީހަކު ރީތިވެގެން މޮޔަވާކަށް ނުޖެހޭނެއެވެ. އުލާ ކެމީލާ އަތުން ކޮތަޅު ޖަހައިގަތެވެ. ވަކި ހިސާބަކަށްގޮސްފާ ޗެކްކޮށްލުމާއިއެކު އުލާ މޫނަށް ޖައްސައިލި ވައްތަރު ފެނި ކެމީލާއަށް ހީގަނެވިއްޖެއެވެ. ޔަގީނެވެ. އުލާ ގަޔާވާ އެއްޗެއް ނެތީއެވެ. އޭނަ ކޮތަޅު ކެމީލާއާއި ދިމާލަށް ހޫރުވާލައިފިއެވެ. ކެމީލާއަށް ޝައްކުވެގެން ބަލައިލިއިރު ކޮތަޅުގައިވީ އޭނަގެ އައިޑީއެވެ. އެދުވަހު ފެންގަނޑަށް ވެއްޓުނު ފޮތުގެ ބަދަލުގައި އާ ފޮތެއް ގަނެދީފައިވެއެވެ.

"ވެލް....ތޭންކްސް" ކެމީލާއަށް ހެވިއްޖެއެވެ. އަރީންދެކެ ރުޅިއަންނަހެން ޖޯންދެކެ ރުޅިނާދެވެންވީ ސަބަބެއް ނޭގުނެވެ. އެ ދެމީހުންގެ މިޒާޖު އެއްގޮތްވާން އުޅުނަސް ޖޯން މާ ރަގަޅެވެ. އުޅޭލެއް މާ ލޯބިއެވެ. މިއަދުވެސް އޭނަ އުޅުނީ ކެމީލާ ނުރުހޭކަން އެނގި އަތްނުލާންވެގެންނެވެ. އަރީން ހުންނާނީ ކެތްނުލަވާފައެވެ. ދެން ހުރީ ނާޔަލްއެވެ. އޭނަ އަމިއްލައަށް އަގު ހިފަހައްޓާން ބޭނުންވާނެއެވެ. ހަރުދަނާ އަދި މާތް ފާޑު ހުރި މީހެކެވެ.

ކެމީލާ ކޮފީތަށްޓެއް ތައްޔާރުކޮށްލުމަށްފަހު އެކަނިމާ އެކަނި ކާމޭޒުދޮށުގައި އިނދެ ލަސްލަހުން ބޯންފެށިއެވެ. ވާރޭވެހޭތީ ހޫނު ބަޖިޔާއާއިއެކު ކޮފީ ބުއިމުން ހީފިލާ އުފާވެރިކަން ލިބުނެވެ. އެހެން އިންއިރު ކެމީލާގެ ޚިޔާލުގައި އެކި ކަންތައް ހިނގިއެވެ. އޭނަ ދީނަށް އުޅެން މަސައްކަތްކޮށް ދީނީ ފޮތްތައް ބަލާއިރު އެއްފަހަރާ ހަތަރު ފިރިހެނުން ހަޔާތަށް އައިސްގެން އުޅޭ އުޅުން ސިފަކުރެވުނީ ނުބައިކަމެއްގެ ގޮތުގައެވެ. ހަގީގަތުގައި އެއިންމީހަކަށްޓަކާ ހިތުގައި ވިންދު ޖަހަނީއެއްވެސް ނޫނެވެ. ނަމަވެސް ތިން މީހުން އެތިބީ އޭނައަކީ އެމީހުންގެ އަމިއްލަ މުދާގަނޑެއްކަމުގައި ހީކޮށް މަގޭ މިލްކެކޭ ކިޔާ އިންޒާރުދީއެވެ. ހަތަރުވަނަ ފަރާތަކީ ކައިޒާންއެވެ. ތަފާތެވެ. ހުރިހާގޮތަކުންވެސް ތަފާތެވެ. އެއީ އޭނަގެ ތުއްތު އެކުވެރިޔާގެ ބައްޕައެވެ. މީހެއްގެ ފިރިއެކެވެ. ރީތިކަމުގެ މިސާލެއްކަމުގައި ވިޔަސް ލަދުރަކިގޮތެއްވެސް ހުރެއެވެ. ފިރިހެނަކު ލަދުރަކިވުމުން ރަނޑުކަމަށް ކިޔާނެއެވެ. ނަމަވެސް ކައިޒާންގެ ލަދުރަކިކަން އޭނަގެ ފިރިހެންވަންތަކަމުގެ ބަޔެކެވެ. އެހާ މަޑުމައިތިރިއެވެ. ހިތްހެވެވެ. އޭނައާއި ދިމާލަށް ހުއްދަނެތި ބަލަން މަސައްކަތް ނުކުރާފަދައެވެ. ފަޅުރަށެއްގައި އެކަނިވެސް އުޅެވިދާނެކަމުގައި ކެމީލާގެ ހިތް ބުނެއެވެ.

ކޮފީގެ ހޫނުކަމުން އެ ހިމަ ހޯލި އިނގިލިތަކަށް ހޫނުވާން ފެށުމުން ދެލޮލުގައި ޖައްސައިލެވުނީ ލޮލުގައިވެސް ރިއްސާތީއެވެ.

"ޔާ ﷲ. މިއަޅާއަށް ކޮންމެވެސް މަގެއް ދައްކަވާ ނުބައި ލޯތަކުން ސަލާމަތްކުރައްވާދޭވެ....."

އެތައްފަހަރު އޭނަ ނިކަމެތިކަމާއިއެކު އާދޭސް ދަންނަވާ ހާލު ދުޢާކޮށްފިއެވެ. އަރީންގެ އިންޒާރާއިއެކުގައިވެސް އުއްމީދުގެ އެންމެ ފަހު ދޯދިފަށުން އަދިވެސް ދޫކޮށްނުލެވޭ ސަބަބަކީ އެ އުއްމީދެވެ. ރަހުމަތަށްޓަކާ ކުރެވޭ އިންތިޒާރެވެ. ދުޢާކުރުމަށްފަހު މާޔޫސްވެ ނުވާނެކަމަށް ހީކުރުމަށްވުރެ އެންމެ ފަހު ވަގުތާއި ޖެހެންދެން އޭނަ އުއްމީދު ކަނޑައެއްނުލާނެއެވެ. ކެމީލާ ފޯނުން ގުރުއާން އެޕް ހުޅުވާލައިގެން ކިޔަވަންފެށިއެވެ. އިނގިރޭސި ތަރުޖަމާއިއެކު ކިޔެވިޔަސް އަދި އެހާ ބޮޑަށް މާނަ ނޭގެއެވެ. އޭގައިވާ ފުން ބަލާޣަތްތެރި ލަފުޒުތަކާއި ހަމަޔަށް ވާސިލުވުމަށް ތަފްސީރުވެސް އެނގެން ޖެހޭނެއެވެ. ކެމީލާގެ ފޯނަށް އަންނަމުން ދިޔަ މެސެޖްތަކަށް އަޅާނުލާ އޭނަ ގުރުއާން މަޚުރަޖުން ކިޔަވަން އެތައް އިރެއްވާންދެން އިނެވެ.

ހެނދުނު ތެދުވެގެން ކެމީލާ ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދާލުމަށްފަހު ނުކުތްއިރުވެސް މާމައާއި އުލާ ފުން ނިންޖެއްގައި ތިބިތަން ފެނި ކަންނެތްވެގެން އެނދަށް އެރިއެވެ. އިރުގެ ދޯދިތައް ބިއްލޫރިތައް ފުރާނާލާފައި އޭނަގެ މޫނުގައި ބޮސްދޭންފެށުމުން އަރާމު ހޫނުކަމެއް އިހުސާސްވިއެވެ. ބާލީސްމަތީގައި ހަމަޖެހިލަމުން ފޯނު ހުޅުވާލުމާއިއެކު ފެނުނު މެސެޖަކުން ވަގުތުން ހުރިހާ ވަރުބަލިކަމެއް ފިލާ އެނދުގައި އިށީދެވިއްޖެއެވެ. ހިތަށް ލިބުނު ފިނިކަމަކުން މޫނުމަތި އަލިވިއެވެ.

"ކެމީލާ. ޖަސްޓް ވޯންޓެޑް ޓު ވިޝް ޔޫ އެ ގުޑް މޯނިން...." ކައިޒާން އެ މެސެޖަށްފަހު ފޮނުވައިލީ ކައިޒާންއާއި ޖޫލްގެ ސެލްފީއެކެވެ. ދެބަފައިން ޕިޖާމާގައި އަދިވެސް އެނދުގައެވެ. ދެން އައި ހިތްތަކެއް ހުރި ސްޓިކާ ފެނުމުން ކެމީލާއަށް ދެލޯ ބޮޑުކޮށްގެން ބަލަން އިނދެވުނެވެ. ހިތް އަވަސްވެ ފިނިވަމުން ދިޔަ ދެއަތް އުގުޅައިލެވުނެވެ. އުފާވެރިކަމުގެ ހޯމޯން ބާނިތަކެއްފަދައިން އޭނަގެ ޖިސްމުގައި ދަތުރުކޮށް ބުނަން ނޭގޭފަދަ އުފާތަކެއް ލިއްބާދިނެވެ. ބަޔާންކުރަން ދަތި ތަފާތު އިހުސާސެކެވެ. އުފަލުން ހަދާނެގޮތެއް ނޭގިގެން އެ ހިތްތަކަށް ބަލަހައްޓައިގެން އިނދެ ހަމަ ހެވުނީއެވެ. ހެމުންގޮސް މޫނަށް ޖަންބުކުލަ ވެރިވިއެވެ. އެތައް އިރެއްވާންދެން އެ މެސެޖްކޮޅަށް ބަލަހައްޓައިގެން އިންއިރު އެކި ގޮތްގޮތަށް ކައިޒާންގެ ތަސްވީރަށް ބެލިއެވެ. ހިތު ދަސްވާވަރަށެވެ.

ހަވީރު ކޮޓެޖަށް ދިޔުމާއިއެކު އޭނަ ފޮނުވި ހިތްތައް ލިބުނުހެއްޔޭ ޖޫލް އެހުމުން ކެމީލާގެ ހިތް ގެނބިގެން ދިޔައެވެ. ހިންދިރުވައިލަން އުދަގޫވިއެވެ. އަނގަ ސަކަރާތްވެ އެކަނި ހުރެވެސް ފާޑަކަށް ރަކިވެއްޖެއެވެ. ލިބުނު ހުރިހާ އުފާކޮޅު އެދިޔައީ ވަޔަށް ބުރައިގެންނެވެ. ކައިޒާންގެ ހިތުގައި އޭނައަށްޓަކާ އެއްވެސް އިހުސާސެއްވީ ކަމަށް ހީކުރެވުނީ މޮޔަކަމުންނެވެ. ކައިޒާން އޭނައަށް ލޯބިން އެފަދަ އެއްޗެއް ފޮނުވަފާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. މީހެއްގެ ފިރިއެކެވެ. ޅަދަރިއެއްގެ ބައްޕައެކެވެ. ކެމީލާ މާޔޫސްކަމާއިއެކު އެ މެސެޖާއި ފޮޓޯ ހިތުން ފިލުވައިލަން ކެނޑިނޭޅި ބޭކާރު މަސައްކަތްކުރިއެވެ.

ހަގީގަތަކީ އެ ސްޓިކާ ޖޫލް ފޮނުވާލުމުންވެސް ކައިޒާންއަށް މާ ބޮޑުކަމަކަށްނުވިއެވެ. އަޅައެއް ނުލިއެވެ. އެމެރިކާގައި އުޅެ ބޮޑުވެފައި ހުރުމުން އެފަދަ ކަންތައްތައް އޭނަ ސީރިޔަސްކޮށެއް ނުނަގައެވެ. އެއީ ކައިޒާންއަށް މާނައެއް ނެތް އާދައިގެ ކަމެކެވެ. ހިތެއް ފޮނުވައިލިއޭ ކިޔާފައި އަދި އެ ގުޅުން ސީރިޔަސް ލޯތްބަކަށް ބަދަލުވާނެ ޖެހޭނެކަމަކަށް ކައިޒާން ހިތަކަށްވެސް ނާރާނެއެވެ. ކެމީލާ އެފަދަ ގޮތަކަށް ވިސްނަފާނެކަމަކަށް އޭނަ ހީކުރަންވީ އެއްވެސް ސަބަބެއްނެތެވެ. އަނެއްކާ ޖޫލް އެ ހިތް ފޮނުވުމުން ކެމީލާ ގެ ހިތަށް އެއްވެސް އަސަރެއް ކޮށްފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެކަން ނަގައިގަތުން ފަސޭހައެއްނުވީ ކެމީލާއަށެވެ. ހިތުގައި ޖެހި މާ ބޮޑަށް ދެރަވީއެވެ. އޭނަ ހީކުރިގޮތަކަށް ނުވުމުން އެކި އިހުސާސްތަކުން ހިތް ބަރާވިއެވެ. ލަދުވެސް ގަތެވެ. ފެންކަޅިވިއެވެ.

ކެމީލާއަށް އެމެރިކާގެ ކޮލެޖަކުން މެޑިސިން ކޯހެއް ލިބުނެވެ. އެކަން ގަބޫލުކުރަން ދަތިވިއެވެ. އޭނަގެ އެފްބީއަށް އެމެސެޖް އައުމުން ހުރީ ޔަގީންނުވެފައެވެ. ވަގުތުން އެމީހުން ދިން އެޑްރެހަށް މެއިލްކުރިއެވެ. އޭގައި އޮތީ މިމަސް ނިމުމުގެ ކުރިން ކޮލެޖަށް އައުމަށެވެ. އޮކްޓޫބަރުގައި ސެމެސްޓާ ފެށޭނެކަމުގައެވެ. އެމީހުންގެ ނިޔަތާއިމެދު ކެމިލާ ޝައްކުވިއެވެ. ނެޓުން ބަލައިލިއިރުވެސް އެއީ އެމެރިކާގައި ނަން މަޝްހޫރު ކޮލެޖެކެވެ. ކޮލެޖުން ބުނީ އެގޮތަށް ބައެއްތަންތަނަށް އެމީހުން ކޯސްތައް ފޮނުވާކަމުގައެވެ. ޝަރުތު ހަމަވަންޏާ ހަމަ ހިލޭ ކިޔަވައިދޭނެއެވެ. ކެމީލާގެ އުމުރުކުދިންނަށް ބައެއްފަހަރު ވިސްނާ ނުލާ ގޯސްތައް ހެދޭނެއެވެ. އެހެން އަންނަ މެއިލްތަކަށް އިތުބާރުކޮށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް މިފަހަރު ކެމީލާއަށް އެކޯސް އެދިނީ ނާޔަލްކަން ކެމިލާ ދެނެގަތެވެ. ކެމީލާގެ މައްސަލައަކަށްވީ އެހާ ދުރު ގައުމަކަށް ވީކަމެވެ. އެމެރިކާދެކެ ފޫހިވެސް ވާތީއެވެ. ކޮންމެ ގޮތެއްވިޔަސް ކެމީލާ އެހާވަރުން ފުރަނީ މަންމަމެން މަޖުބޫރުކޮށްގެން އަރީންއާއި ކައިވެނިކުރުވަން ކަމުގައި އެއްވެސް މީހެއްގެ ކައިރިއަކު ނުކިޔާނެއެވެ. މަންމަ އޭނައާއި ދޭތެރޭ ކަންތައްކުރާ ގޮތްވެސް އޭނަ ސިއްރުކުރާނެއެވެ. އެއީ އެހެންމީހުންނާއި ހިއްސާކުރަން ޖެހޭޒާތުގެ ވާހަކަތަކެއް ކަމަށް އޭނަ ގަބޫލެއްނުކުރެއެވެ.

މާކަސް ކެމީލާ ކައިރީ ޖޫލްއާއިއެކު އުޅެން އެމެރިކާއަށް ގޮސްދާނަންތޯ އެހުމުން ކެމީލާ ވަރަށް ހާސްވިއެވެ.

"ވަރަށް އުދަގޫ ކަމެއް. ޖޫލް މިރަށުގައި އުޅޭނެނަމަ.." ކެމީލާ ބުނެލިއެވެ.

"އެގޭގައި ޖޫލްގެ މަންމަވެސް އުޅޭނެއްނު. އައި ޕްރޮމިސް. ކެމީލާ ބޭނުން ކޮންމެ ގޮތަކަށް މިނިވަންކޮށް އުޅެވޭނެ. ޖޫލް ކެމީލާއާއިހެދި އުޅޭވަރުން ހަމަ އެކޮޅުގައިވެސް މިގޮތަށް ހުރެވޭނެއްނު. ނުހުރޭތަ އެކޮޅުގައި ފްރެންޑެއް...." މާކަސް އަހައިލިއެވެ.

"އެކަމާ ވިސްނާނަން. މާދަން ޖަވާބެއް ދޭނަން......"

ކެމީލާ ގަސްތުކުރީ އިސްތިޚާރާ ނަމާދުކުރުމަށެވެ. އޭރުން އޭނަ އެމެރިކާއަށް ދިޔުމަމީ ރަގަޅުކަމެއްކަމުގައި ވާނަމަ އެކަމަށް މަގުދައްކަވާނެއެވެ. އެއްވެސް ކަމެއްގައި އަމިއްލައަށް ގޮތެއް ނިންމުމަށްވުރެ އޭނަ އިތުބާރުކުރަނީ ހެއްދެވި ފަރާތަށެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް އެކަންތައް ނިންމެވުމަށް ދޫކޮށްލުމުން އެފަރާތުން ރުހޮވޮޑިގެންވާގޮތަށް އެކަން ދިޔުމުގެ މަގު ދައްކަވާނެއެވެ.

ކެމީލާ އިސްތިޚާރާ ނަމާދުކުރިއެވެ. ދުޢާކުރިއެވެ.

ހެނދުނު ހޭލިއިރަށް މަންމަ އެންގީ ކައިވެނީގެ ހެދުން މިން ޖަހަން އޭނައާއިއެކު ދިޔުމަށެވެ. މަންމަ ހުރީ އެކައިވެނި ކުރުވުމަށް އަތުކުރި އޮޅާލާފައެވެ. ކެމީލާ ދެކޮޅު ހެދުމަކާއިނުލާ މަންމައާއިއެކު ދިޔައެވެ. އެއަށްފަހު އެދުވަހު އުޅުނީ ޕާސްޕޯޓް ހައްދާށެވެ. ކޮލެޖުން ޖާގަ ލިބުނުކަމުގެ ލިޔުން ހޯދައިގެން އޭނަ ވިސާ ޖައްސަންވެސް އުޅުނެވެ. އެހުރިހާކަމެއް ކުރަމުންދާއިރު އޭނަގެ ނާޒުކް ހިތަށް ކޮށްފައިވާ ބާރާއި ހިތުން ކަރުނަ އޮއްސާވަރު ދެނެވޮޑިގެންވަނި ހެއްދެވި ފަރާތެވެ. ނަމަވެސް އޭނައަށް ފަސޭހަކަމާއިއެކު އެމެރިކާއަށް ދިޔުމުގެ އިންތިޒާމްހަމަޖެހެމުން ދިޔައެވެ. ހިތްވެސް ނިންމީ ޅަ އެކުވެރިޔާއާއިއެކު އެމެރިކާއަށް ދިޔުމަށެވެ. ކައިޒާންގެ ހިތްހެޔޮކަމަށް އިތުބާރުކުރެވުނުއިރު ޖޫލްއާއިއެކު ކުޅެން ދެވޭނެ ނޫންހެއްޔެވެ. ކޮންމެގޮތެއް ވިޔަސް ކޮލެޖްގެ ހޮސްޓެލްއިންވެސް ޖާގަ ލިބިފައިވިއެވެ. ކައިޒާންގެ ގޭގައި އަންހެނުން ނޫޅެންޏާ ހޮސްޓެލްގައި އުޅެވިދާނެ ނޫންހެއްޔެވެ؟

އަރީންގެ އަތްދަށުވުމަށްވުރެ ކައިޒާންގެ ގޭގައި ހުރުން ރަގަޅުކަމަށް ނިންމި ހިސާބުން ފެށިގެން ކެމިލާގެ ސިކުނޑިއަށް މަގުދައްކައިދިނީ ކައިޒާންއާއިއެކު ދިޔުމަށެވެ.

ނޯޔާ ބެލްކަނީގެ ދޮރު ހުޅުވާލާފައި ހުރުމުން މަޑުމަޑުން ހިނގާފައި ގޮސް އެހިސާބަށް ހުއްޓުމާއިއެކު ސިހޭގޮތްވިއެވެ. ނާޔަލް ފޯނުގެ ސްކްރީނަށް ކެމީލާގެ ފޮޓޯއެއްލާފައިވާއިރު އެ ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން އިނދެ ހީލާފައި ބުނެލި ލަފުޒުތަކުން ފައިކޮޅުން ވާގިދޫވާގޮތްވިއެވެ.

"ޔޫ އާ މައިން ކެމީލާ. އޮންލީ މައިން..އިތުރަށް ކެތްކުރަން ވެއްޖެއްޔާ މޮޔަވެދާނެ. ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެން ކެމީ އަހަރެންގެ މީހަކަށް ހަދާނަން. މިވަރަކަށް އިންސާނަކަށް އަނެކަކު ދެކެ ލޯބި ވެވޭނީ..........." ނާޔަލް ކެމީލާގެ ފޮޓޯއާއި ވާހަކަދައްކަން އިންތަން ފެނުމުން ނޯޔާ ފިޔަވަޅުގެ އަޑު ނީއްވާ ފަހަތަށް ދަމުންގޮސް އެކޮޓަރިން ބޭރުވިއެވެ. ދޮންބެގެ އެންމެ ބޮޑު ސިއްރު މިގޮތަށް ފަޅާ އަރާފާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. ނާޔަލްގެ އެ ނިންމުން ނޯޔާއަށް ކަމުދިޔައެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ފުންވެ ނޯޔާއަށް ހީގަނެވުނެވެ. ވަގުތުން ކެމީލާއަށް ގުޅާފައި މަރުހަބާ ކިޔަން އުޅެފައިވެސް ކެމީލާގެ ޚިޔާލު އެނގެން ބޭނުންވިއެވެ. ކެމީލާ ދޮންބެދެކެ ލޯބިވޭހެއްޔެވެ؟ ނޫނީ މިއީ އެންމެ ފަރާތަކުން ވެވޭ ލޯތްބެއް ހެއްޔެވެ. ކެމީލާ ދުވަހަކުވެސް އެފަދަ ޚިޔާލެއް ކުރާކަމެއް އެނގިފައެއްނެތެވެ. އޭނަ ކެމީލާ ކައިރީ އަހާނެއެވެ. ކެމީލާ އެގެއަށް އަންނަން ދައުވަތު ދިނުމަށްފަހު ނޯޔާ ހުރީ ފޯރި އެއް އައިސްފައެވެ.

ކެމީލާއަށް ނޯޔާ ހަދިޔާކުރީ ވިސްކޯސް ފޮތިން ފަހާފައިވާ ކަކުލާއި ހަމަޔަށް އޮތް ބޭބީ ޕިންކުކުލައިގެ ހެދުމެކެވެ. އަގުބޮޑުވެފައި އެހާ ރީއްޗެވެ. އޭނަގެ ކޮޓަރީގެ ފާޚާނާ ތަޅުލެވިގެން އުޅޭކަމަށް ބުނެ ނޯޔާ ކެމީލާ ގެންގޮސް ވެއްދީ ނާޔަލް ކޮޓަރިއަށެވެ. އެކޮޓަރީގެ ތަނަވަސްކަމާއިއެކު ފަރުނީޗަރުތަކުގެ ކުލައިން ފިރިހެން ކޮޓަރިއެއްކަން އެނގި ކެމިލާ ނުތަނަވަސްވިއެވެ. ނޯޔާ ބުނީ ދޮންބެ ޑިއުޓީއިން އަވަހަށް ނާންނާނެކަމުގައެވެ. ކެމީލާ ފާޚާނާއަށް ވަނެވެ. ދަނޑިވަޅު ބަލާލާފައި ނޯޔާ އަވަސްވެގެން އެނދުމަތީ އޮތް ކެމީލާގެ ފޯނުނެގިއެވެ. އެކިފަހަރު މަތިން ވިސްނައިގެން ކެމިލާގެ ޕާސްވޯޑް އޭނަވަނީ ހިތު ދަސްކޮށްފައެވެ. ފޯނު ހޭވިވަރަކަށް ނޯޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކެމީލާ ޖޫލްއާއި އޭނަގެ ބުޅަލާއިއެކު ނަގާފައި ހުރި ފޮޓޯތަކުން އެތައް ސުވާލެއް އުފެދި އަވަހަށް އެހެން ފޯލްޑާތައް ހުޅުވަންފެށިއިރު ހަތަރެސްފައި ފިނިވެ ގަނޑުފެންކޮޅެކޭ އެއްވަރެވެ. ކައިޒާން އެންމެ ފަހުން ފޮނުވާފައި އިން ސެލްފީއާއި ހިތްތައް ތޫނު ހަތިޔާރަކަށްވެ އޭނަގެ ހިތުން ލޭ އޮހޮރުވާލައިފިއެވެ. އަރީންއަކުވެސް ހާދަ ވަރެއްވެފައި އެބަހުއްޓެވެ. އަދި ނާޔަލް ފޮނުވި ވައިބާ މެސެޖްތަކުން ނޯޔާގެ ހިތަށް ތަފާތު އަސަރުތަކެއް ކޮށް ހަމްދަރުދީވާގޮތްވިއެވެ. އޭނަގެ ދޮންބެ ދީވާނާވާހާ ލޯބިވާއިރު ކެމީލާ އާއެކޭ ނުބުނެގެން އުޅޭ ސަބަބުވެސް އެނގިއްޖެއެވެ. ހުއްދަނެތި އެންމެ ގާތް އެކުވެރިޔާގެ ފޯނު ހާވާލުމުން ކުށްވެރި އިހުސާސްތަކެއް ކުރެވުނަސް އޭނައަށް ބައިވަރު އެއްޗެހި އެނގިއްޖެއެވެ. ދެމީހުން އެންމެ ގާތް އެކުވެރިންނަށްވިޔަސް ހާމަނުކުރާ ސިއްރުތަކެއް އެބަވެއެވެ.

"ޔޫ ލުކް ގޯޖަސް..." ނޯޔާ ގަދަކަމުން ހީލިއެވެ.

"ތެންކިއު........"

ކެމީލާ ރީތިވާ މޭޒުދޮށުގައި ހުއްޓުމާއިއެކު ލޮލުގައި އަޅައިގަތީ ނާޔަލްގެ ގަޑިއެވެ. ބްރޭންޑެޑް ގަޑިއާއި އަވިއައިނު އަދިވެސް އެހެން ސާމާނުތަކެވެ. ސެންޓްފުޅިތަކާއި ކްރީމްތަކަށް ބަލައިލުމުން ލޯ ތަރަތަރަޖަހައިގެން ދާވަރުވިއެވެ. މުޅި މިތަނުގައި ހިފާލާފައިވާ ލުއި މީރުވަހަކީ މުއްސަދިކަމާއި ގުޅި ލާމެހިފައިވާ މީރުވަހެވެ. މޭޒުމަތިން ފެނުނު ރިސިޓްކޮޅަށް ބަލަހައްޓައިގެން އިނދެފައި ކެމީލާއަށް ގަބޫލެއް ނުކުރެވުނެވެ. މިއީ ހަގީގަތުގައިވެސް މި ސެންޓްފުޅީގެ އަގު ބާވައެވެ. ނާޔަލްގެ އަގުބޮޑު ދިރިއުޅުން އޭނަ ހައިރާންކުރުވައިފިއެވެ.

"އަހަންނަށްވުރެ ދޮންބެ ސްޕެންޑްކުރާލެއް މާ ގިނަ. މިއޮތް ރޮލެކްސް ގަޑި އެކަނިވެސް ސިކްސްޓީ ތައުޒަން ޑޮލާސް. މަގޭ ގަޑި ޓެން ތައުޒަންކަން ނޭގޭ.. އަސްލު ފިރިހެން ގަޑި އެޅީމަ މާ ރީތި ދޯ..................." ނޯޔާ ގަޑި ނަގާ އޭނަގެ އަތުގައި އެޅިއެވެ. ފިރިހެން ގަޑިއަކަށްވުމުން ގުޅޭނީ ނާޔަލްފަދަ ފިރިހެން އަތަކާއެވެ. އެ ނާޒުކް އަތަށް ހެޔޮވަރު ނުވެ ކައްސާލުމުން ކެމީލާއަށް އަތްދިއްކޮށްލެވުނީ ހިފާށެވެ. އެހާ އަގު ބޮޑު އެއްޗެއްސާއިމެދު ނޯޔާ ހާދަ ފަރުވާކުޑައެވެ. ކެމީލާގެ ހެދުމާއިއެކު ދިން ހައިހީލް ލައިގެން އެންމެ ފިޔަވަޅެއް އެޅުމާއިއެކު ކައްސާލަން އުޅުނެވެ. ހަޅޭއްލަވައިގަތުމާއިއެކު އަތްދިއްކޮށްލުމުން ކައުޗްގައި ހިފަން އުޅެނިކޮށް އެތާ ހުރި ފޮށިގަނޑުގައި އަތުން ޖެހި ވެއްޓުނެވެ. ކެމީލާ ހާސްވީ އޭގައި ހުރީ ކޯންޗެއްކަން ނޭގިފައެވެ . މިކޮޓަރިއަށް ވަދެވުނުކަމުގެ މޮޔަހީވިއެވެ. މިއިން އަގު ބޮޑު އެއްޗެއް ހަލާކުވެއްޖެއްޔާ އޭނަގެ ގެއާއި މިލްކުގައި ހުރި ހުރިހާ އެއްޗެއް ދިނަސް އަގުކުރެވޭނެކަމެއް ނޭގެއެވެ. ކައްސާލާފައި ދޫލަމަތީ ޖެހުނު ފޮށިގަނޑު ތެރެއިން ނޯޔާ ނެރުނީ ބޫޓެކެވެ. ނައިކު ބޫޓެކެވެ.

"ކައްމި. ގެސް ހައު މަޗް ދެޓް އިޒް......"

"ހަތަރުސަތޭކަ ޑޮލަރު....."ކަމީލާ ހިތުން ބުނީ ބޮޑު އަދަދެކެވެ. މުއްސަދި ޒުވާނަކު އަރާނީ އަގު ބޮޑު ބޫޓަށްތާއެވެ. ގަޑީގެ އަގު އަހާފައި އޭނަ އަދިވެސް ހައިރާންކަން ފިލާ ނުދެއެވެ.

"ފިފްޓީން ތައުޒަން ޑޮލާސް އޭ ބުނެފިއްޔާ؟ " ނޯޔާ އެއް ލޯ މަރައިލިއެވެ. ކެމީލާއަށް ލިބުނު ޝޮކްގައި ލޯ ދެފަރާތަށް ތަޅުވައިލެވުނެވެ. ނޫނެކެވެ. އެހާ އަގުބޮޑު ބޫޓެއް ހުރެދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

"އައި ޖަސްޓް ޓްރިޕްޑް އޯވާ ފިފްޓީން ތައުޒަން ޑޮލާސް؟ " ކެމީލާ އަނގަޔަށް ވައްތަރެއް ޖައްސާލާފައި ކިޔާލިއެވެ. އަވަސް އަވަހަށް ގުދުވެލާފައި އިށީދެ ފޮށިގަނޑަށް ބޫޓު ލާފައި ހުރިތާ ބަހައްޓަން އުޅުނުއިރަށް ނޯޔާ އެ ބޫޓު އަތުލިއެވެ.

"މިކަހަލަ އެއްޗެހި ހަލާކުވިޔަސް ނާޔަލްއަށް މިއީ މާ ބޮޑުކަމަކަށް ނުވާނެ......" ނޯޔާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ. ކުރު ސޯޓްކޮޅެއްލާފައި ޓޮޕްގެ ގޮށްތައް ނައްޓާލައިގެން ހުރުމުން ނޯޔާ ފެންނަނީ ޅަކުއްޖެއްހެންނެވެ. ބުޅި ނުކިޔަމަންތެރި އިސްތަށިގަނޑު އޮތީ ބޭންޑެއްގެ އެހީގައި ހައްޔަރުކޮށްލާފައެވެ. އެހެދުމާއިއެކު ބޫޓަށް އެރުމުން ފައިގެ ރީތިކަން ފާހަގަކުރެވެއެވެ. ނޯޔާ ބޫޓާއިއެކު ފައި ކޮންމެވެސް ވަރަކަށް އަރުވާފައި ފޮޓޯއެއްނެގީ އިންސްޓާކޮށްލާށެވެ.

ނޯޔާ އެ ބޫޓު އަރާމޭ ކިޔާފައި އަރައިގެން ހިގަންފެށުމުން ކެމީލާ އިނީ އިނގިލީގައި ދައިގެންނެވެ. އޭނަގެ ސަބަބުން ނޯޔާ ނާޔަލްގެ އެއްޗިއްސާއި ކުޅެންފެށުމުން އޭނަ ރުޅިއަންނާނީ ކެމީލާދެކެއެވެ. ނާޔަލް ހަމަ މިވަގުތުވެސް ނާންނާނެއެކޭ ބުނާކަށް ނޭގޭނެއެވެ. ކެމީލާ ދެލޯ ބޮޑުކޮށްގެން ބިރުން ހުރި މަންޒަރުދެކެ ނޯޔާއަށް މަޖާވިއެވެ.

"އިޓްސް ފައިން. ސްޓޮޕް ފްރީކިން އައުޓް..." ކެމީލާއަށް ވެފައި ހުރިވަރު ފެނި ނޯޔާ ހޭންފެށިއެވެ." މީތި ގަނެފަ މި ނުލާވެސް ނާޔަލް ހުރެދާނެ. ހީ ލައިކްސް ޓު ކަލެކްޓް. އެތައް ގަޑިއަކާއި އަވިއައިނު ބޫޓު އަދި ހެދުންތަކުން ކްލޯޒެޓް ފުރިފައި ހުންނާނީ. އެމެރިކާގައި އޭނަ އުޅޭ މުއްސަދި ދިރިއުޅުން އަދި ކައްމިއަށް ފެނިއްޖެއްޔާ ހާޓްއެޓޭކެއް ޖެހޭނެ. އެރަށަށް ގެންގޮސް ދައްކާނަން. ފެރާރީ ކާރުތަކާއި އެއްޗެހި ބާރުބާރަށް ދުއްވުން ކަހަލަ ކަންތައް ތަކުގައި އުޅޭއިރު ކާކު ދޯ ބުނާނީ ނަފްސާނީ ޑޮކްޓަރެކޭ. ނުވެސް ގުޅޭ............" އެވަގުތު ކެމީލާ ގަޔާވެފައި އިންތަން ފެނި ނޯޔާ ހިތަށް އެރީ ފަހަރެއްގައި ކެމިލާވެސް ހަމަ ނާޔަލްފަދަ މަލްޓިމިލިއަނަރަކާއިހެދި އުޅެފާނެކަމުގައެވެ. އެނގޭނީވެސް ކެމީލާގެ ޚިޔާލެއް ބަލައިލީމައެވެ. ދެކުދިން އެކޮޓަރިން ނުކުމެ ދޮރު ލައްޕައިލުމުން ކެމީލާ ހީލިއެވެ.

"އެމެރިކާއޭ ބުނީމަ ހަދާންވެއްޖެ. އެބައޮތޭ ވާހަކައެއް..............." ކެމީލާގެ ޖުމްލައިން ނޯޔާ ހީކުރީ އޭނަ ކައިޒާންއާއި އޮތް ގުޅުން ހާމަކުރަން އުޅެނީކަމަށެވެ. ނޭވާ ހިފަހައްޓާލެވުނުއިރު ނިތްކުރިން ދާތިކިތައް ވިދާލައިފިއެވެ. ކެމީލާ ހިއްސާކުރީ މުޅިން އެހެން ވާހަކައެކެވެ.

އެންމެ ގާތް އެކުވެރިޔާ ނޯޔާ ކައިރީ އެމެރިކާއަށް ކޯހެއްގައި ދާ ވާހަކަ އޭނަ ބުނެލުމުން ނޯޔާ އޭނަގެ ގައިގާ ބައްދާލަމުން މަރުހަބާ ކިއެވެ. ދެކުދިން އެކީ ކޮފީ ބޯން ޖައްސައިލީ ކޮޓަރީގެ ބެލްކަނީގައެވެ. އެހެން ދުވަހު އަނގަ ތަޅާ އަންހެންކުއްޖާ މިއަދު މާ މަޑުން އިންކަން ކެމީލާއަށް ފާހަގަވީ މާ ފަހުންނެވެ. ބައެއްފަހަރު ކެމީލާ ކުރާ ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކުރުމުން ސިއްސައިގެންގޮސް ބަލައިލަނީ ހުވަފެނެއްގައި އިނދެފާ ހޭލެވޭހެންނެވެ.

"ނަންނި ކިހިނެއްވެފަ ތިއިނީ؟ ކޮންމެވެސް ކަމެއްވެއްޖެ. ބުނެބަލަ....." ކެމީލާ ކަންބޮޑުވެފައި ނޯޔާގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ.

"އެނގޭތަ؟ އަހަރެން ހެނެއްނޫން. ދޮންބެގެ ބައްޕަ އަލީ މައިކަލްއަކީ އެމެރިކާ މީހެއް. ދޮންބައްޕަ ނިޔާވުމަށްފަހު އެމެރިކާގައި ހުރި ބޮޑު ގެއާއި ބިންތައް އަދި އެތައް ކުންފުނިތަކާއި މުދާތަކުގެ ވާރިސަކަށް ވެ ދޮންބެވަނީ މަލްޓި މިލިއަނަރަކަށްވެފައި. އެހާ ޔަންގްއިރު ދުނިޔެ ވަނީ މުށުތެރޭ. ޔޫ ނޯ ވަޓް. ޔަންގް ހެންޑްސަމް މަލްޓި މިލިއަނަރެއްގެ ވައިފަކަށް ވެވޭނީ ނަސީބު ރަގަޅު އަންހެންކުއްޖަކަށް. ދޮންބެ ހޮޓްވެގެން އަންހެންކުދިން އުޅުނަސް ފަހަރިއަކަށް ގެންނަވަރުގެ ކުއްޖެއް އަދި ނުފެނޭ. ދޮންބެ ކިތަންމެ މުއްސަންޖަސް އެ ޚާންދާނުގެ މީހުން އާއްމުކޮށް އެކަން ނުދައްކާނެ. ސޯ ރާއްޖޭގެ އެކުވެރިންނަށްވެސް ދޮންބެ އެމެރިކާގައި ދިރިއުޅޭ އަރާމު ޝާހީ ދިރިއުޅުމުގެ އެންމެ ޕަސެންޓްވެސް އެނގިފައެއްނުވާނެ. ޓްރަސްޓް މީ..ހީޒް ދަ ބެސްޓް.ކޮންމެހެން ދޮންބެ ވީމައެއްނޫން. ފެމިލީ މީހުނަށް އެހާ ކެއާ ކުރޭ. އަހަރެން ކިބިއްސެއް އަޅާލިޔަސް ދޮންބެ ހާސްވާނެ............"

"ނަންނި ކީއްވެ ތިހުރިހާ ވާހަކަތައް ތިދައްކަނީ؟ " ކެމީލާ ދެލޯ ބޮޑުކޮށްލަމުން އަހައިލިއިރު ހިތަށް ނުތަނަވަސްކަމެއް ވެރިވެއްޖެއެވެ. ނާޔަލްގެ މުއްސަދިކަމާއި ބެހޭގޮތުން ނޯޔާ މިނޫނީ އޭނަކައިރީ އެއްވެސް ވާހަކައެއް ބުނެފައެއް ނެތެވެ. ނާޔަލްގެ ބައްޕައަކީ އެހެން މީހެއްކަމެއް ކެމީލާއަކަށް އެނގިފައެއްނެތެވެ. ނާޔަލްގެ ލޮލުގެ ކަޅި އަޅިކުލައިގާ ހުރުމުގެ ސިއްރަކީ އެއީތާއެވެ. ދިވެހިބަހުން ވާހަކަދައްކާއިރު ކޮށިކަމެއް ހުންނަ ސަބަބަކީވެސް އެއީއެވެ.

"ދޮންބެ ކައްމިއާއިހެދި އުޅޭތީ. ހީ ލަވްސް ޔޫ މޯ ދޭން އެނީތިން. ވީއިރު ޑޯންޓް ހާޓް ހިމް. ޑޯންޓް އެވާ ލީވް ހިމް......އައި ބެގް ޔޫ. ފޯ ދަ ސޭކް އޮފް އަވާ ފްރެންޑްޝިޕް...ޕްލީޒް............."ނޯޔާ ކެމީލާގެ އަތުގައި ހިފަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ. ކެމީލާ ބުނާނެ އެއްޗެއް ނޭގިފައި ބަލަން ހުރިއިރު އެތައް އިހުސާސްތަކުން އެލޯ ފުރިފައިވިއެވެ. ނާޔަލްގެ މުއްސަދިކަމަށްޓަކާ އޭނަ ނާޔަލްއާއިހެދި އުޅެން ނޯޔާ ބޭނުންވީ ކީއްވެހެއްޔެވެ؟ އޭނައަކީ މުދަލާއި ފައިސާގެ ފަހަތުން ދުވާނެ ކުއްޖެއްނޫނެވެ. އެހިތުގައި ނާޔަލްއަށްޓަކާ އެއްވެސް ކަހަލަ އިހުސާސެއް ނެތް ވާހަކަ ބުނެގެން ނޯޔާގެ ހިތް ހަލާކުކޮށްލާކަށް ނުކެރުނެވެ. ކެމީލާ ބުނީ ވިސްނާނެކަމުގައެވެ. ނޯޔާ އެދުނީ އެކުވެރިކަން ފަހަރިކަމުގެ ގުޅުމަށް ބަދަލުކޮށްދިނުމަށެވެ.

އަރީން ރުޅިގަދަވެގެން ދެލޮލުން ކަނި ބުރާފަދައެވެ. އޭނައަށް ދެން ހަމަޖެހުމެއް ލިބޭނީ ކޮޓްޖްގައި ދިރިއުޅޭ ފިރިހެނާ ދުނިޔެއިން ނައްތައިލެވިގެންނެވެ. އަރީން އޭނަގެ އެކުވެރިންނަށް ގުޅައިގެން ގެނައެވެ

"އޭނަ ކޮށާލާފައި ކަނޑަށް އުކާލާ..." އަރީން އަމުރުކުރިއެވެ.

"މިރޭ އެކަން ނިންމާނަން ބްރޯ....." އެކަކު ޔަގީންކަން ދިނެވެ. އަރީންއާއިއެކު އެކޮޓަރީގައި އެކުވެރިން ރާބޮއި މަސްތުކަން މަތީތިބެގެން ކައިޒާންގެ ދުވަސްދުއްވާލަން މަޝްވަރާކުރަމުން ދިޔައިރު ހަމަހޭގައި އިނީ އަރީން އެކަނިއެވެ. ބޮލުގަޔާއި ހަށިގަނޑުގެ އެތަން މިތަން ބެންޑޭޖްކޮށްލާފައި ވާއިރު ހުރިހާ ހުޅެއްގައި ވަކިން ރިއްސައެވެ. އަދިވެސް ލޯމައްޗަށް ފެންނަނީ އެ ޒުވާނާގެ ހަލުވިކަމެވެ. އިންސާނެއްކަމާއިމެދު ޝައްކުވިއެވެ. އެކަނި ހުރެ ބަލިކޮށްނުލެވުނަސް އޭނަގެ ގޭންގަށް އިތުބާރުކުރެވެއެވެ. އެމީހުން އެ ފިރިހެނާގެ ހަޔާތުގެ ބައްތި އަބަދަށްޓަކާ ނިވާލާނެއެވެ.

ވެޑިން ހެދުން ފަހާ ކާޑު ތައްޔާރުކުރެވުނެވެ. ކެމީލާ އުޅެނީ ހަމަޖެހިލައިގެންނެވެ. ގިނަވަގުތު ނަމާދުކޮށް ގުރުއާން ކިޔަވާފައި ބާކީ އޮންނަ ވަގުތު އޭނަ ހޭދަކުރަނީ މާމައާއިއެކުގައެވެ. އެންމެ ހިތަށް ތަދުވެ ރޮވެނީ މާމައާއި ވަކިވާން ޖެހޭކަމަށްޓަކައެވެ. އޭނަ ނެތިއްޔާ މާމަ އުޅޭނެ ހާލު ހިތަށް އަރާފައި ކެމީލާއަށް ރޮވެއެވެ. ނަމަވެސް އޭނައާއި މާމައަށް ރަގަޅުގޮތްތައް ވުމަށް ދުޢާކޮށް އޭނަ މާތް ﷲއާއި ވަކީލުކުރިއެވެ. ބައްޕަ މާމަ މަރާނުލާނެ ނޫންހެއްޔެވެ. މިހާރުވެސް ކާންދީ ނިދާނެ ތަނެއް ދީފައިވޭ ނޫންހެއްޔެވެ. އޭނަ ކިޔަވައިގެން އެމެރިކާއިން ވަޒީފާއެއް ލިބިއްޖެއްޔާ މާމަ ހައްޖަށް ގެންދާނީއެވެ. މާމަ ދިރިއުޅޭނީ އޭނައާއިއެކު އެމެރިކާގައެވެ.

ފުރަން އޮތް ދުވަހުގެ ކުރީ ރޭ ކެމީލާ ސިއްރުން މާމަ ކައިރީ އޭނަ ކިޔަވަން ފުރަން އުޅޭކަމަށާއި އެކޮޅުގައި ހަމަޖެހިގެން މާމަ ގެންދާނެކަމުގައި ބުނުމުން މާމަގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"މާމައަކަށް ނޭގޭ ދަރިފުޅާއި ނުލާ ލޮލަށް ނިންޖެއް އަންނާނެކަން. އެކަމަކު މާމަ ހަމަ ވަރަށް އުފާވެއްޖެ. ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށްވެގެން ވަޒީފާއަށް ދާން ފެށުމުން މާމަ އިރާދަކުރެއްވިއްޔާ އުޅޭނީ ދަރިފުޅު އުޅޭތާކު..." މާމަ މޮޅިވެރިކަމާއިއެކު ކެމީލާގެ މޫނަށް ބަލައިލިއެވެ. ކެމީލާ މާމަގެ ގައިގާ ބައްދާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ.

"ކިޔަވަން އެންމެ އެދޭ ރޮގަކުން ނޫން ކުރިއަށްދާން ލިބުނީ. މަންމަ އެނުލަފާ މީހާގަނޑާއި އިންނަން މަޖުބޫކުރުކުރަނިކޮށް މި ފުރުސަތު ލިބުނީ އިސްތިޚާރާ ނަމާދުކުރީމަ ހަމަ މިކަމަށް ހިންމަވާދެވީ. އެހެންވެ ހިތް ބުނަނީ އެމެރިކާއަށް ދިޔަސް ދެރަގޮތެއް ނުވާނެއޭ. މާމަ ދުޢާކުރައްޗޭ..."

"ދަރިފުޅާ. އެތަނަށް ދިޔަސް ގަވާއިދުން ނަމާދުކުރައްޗޭ ގުރުއާން ކިޔަވައްޗޭ...." މާމަ ހަނދާންކޮށްލަދިނެވެ.

"އިރާދަކުރެއްވިއްޔާ އެންމެފަހު ނޭވައާއި ހަމަޔަށްވެސް ނަމާދު ނާޅާނަނަން. ބަލިވެ ތަންމަތީގައި އޮންނައިރުވެސް ނަމާދުދޫކޮށްލާކަށް ނުޖެހޭނެކަން އެނގޭ. މާމަގެ ސަބަބުން އަޅުގަނޑަށް މިގޮތަށް އުޅެވެނީ. އުމުރުން ތޭރަ އަހަރުގައި މާމަ ބުނީމެއްނު ތަރާވީސް ނަމާދުގެ ވާހަކަ. ރަމަޟާންމަހަށް ޚާއްސަ އެނަމާދު ކޮންމެހެންވެސް ކުރަންވާނެއޭ. އެކަނި ގޭގައި ހުއްޓަސް އެންމެ މަދުވެގެން އަށް ރަކުއަތް ނަމަވެސް ކުރަންވާނެއޭ. ފުރަތަމަ ރޭ ބަލިވެގެން ހުއްޓާލާނަމޭ ހިތަށް އެރި ހަދާނެއްވެސް ވޭ ފަހުން އެނގުނީ އެނަމާދުތައް ކުރުމުން ރަމަޟާން ވަކިން ޚާއްސަވިކަން. ދަމު ނަމާދުކުރުމުން ލިބޭ ހިތްހަމަޖެހުން ދަސްކޮށްދިނީ މާމަ. ފަހު ދިހަ ދުވަހު ހޭލާ އިނދެ ގުރުއާން ކިޔެވީ އިތުރު އެހެން ހުރިހާކަމެއް އެއްފަރާތްކޮށްފައި. ގެއަށް ވަންނައިރު އަދި ނިކުންނައިރު ދުޢާކުރަން އެގުނީމާމަ ބުނެދިނީމަ. އެހެންވެ ކޮންމެ ފަހަރަކު ދާއިރު އަދި ގެ ރައްކާތެރި ކޮށްދެއްވަން ދުޢާކުރެވޭ. ކޮންމެ ކަމެއްގައި ދުޢާކުރަން ދަސްވި މާމައާއިހެދި....." ކެމީލާ މާމަގެ ގައިގާ ބައްދާލައިގެން އިންއިރު ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

"އިރާދަކުރެއްވިއްޔާ ކޮންމެ ތާކަށް ދިޔަސް މާމަގެ ތަރުބިއްޔަތުގެ އަސަރު ފިލައިގެން ނުދާނެ. ކުޑައިރުއްސުރެ ބޮޑުވީ މާމައާއިއެކު. މާމަ ކިހާ ރަގަޅު. މާމަގެ ސަބަބުން ދީނަށް ލޯބިޖެހުނީ. މިހާ ގަދަޔަށް ދީންދެކެ ލޯބިވެ އަގީދާ ވަރުގަދަވުމަށްފަހު ކާފަރުންގެ ތެރެއަށް ދިޔަސް ދެން މިހިތް ބަދަލެއްނުވާނެ. އިންފެކްޓް އެމީހުން ކެމީލާއާއި ޖެހުނީމަ ބަދަލުވާނީ ހެހެ..." ކެމީލާ ތެދުވުނުއިރު މޫނަށްވަނީ ފިޔާތޮށި ކުލަ އަރާފައެވެ.

"އެކޮޅުގައި ސްކޫލްގައި ފިރިހެނުންވެސް އުޅޭނެއްނު ދަރިފުޅާ. އެއްވެސް މީހަކަށް އަތްލިޔަ ނުދޭތި..."މާމަ އަބަދުވެސް އިއްފަތްތެރިވާން ހަދާންކޮށްދެއެވެ.

" އެއްވެސް ފިރިހެނަކަށް އެ ހުއްދައެއް ނުލިބޭނެ. އެކަހަލަ ކަމަކަށް ހިތަށް އަރުވާލިޔަސް މިއޮތީ ހަތިޔާރު...." ކެމީލާ ދަބަހުން ޕެޕާ ސްޕްރޭ ފުޅި ނެގިތަނުން އުލާ ވަނެވެ.

"ހޫމް ފޮނި ފިރިހެނުންނަށް ކޮން ކަމަކަށް ހުއްދަ ނުލިބޭނީ. މިޒަމާނުގައި ތިހެން އުޅުނީމަ ދެން ފޫހި. ނާތަހުޒީބު ވައްތަރަށް އުޅޭނެކަމެއްނެތް. އަނެއްކާ އަހަރެމެންގެ ހެންސަމް އަރީން ދޮންބެއަށް ހުއްދަނުދޭންތަ އުޅެނީ؟ " އުލާ އެއްލޯ މަރައިލިއެވެ.

"މިބުނީ ކައިވެނީގެ ކުރިން އެއްވެސް މީހަކަށް އާއެކޭ ނުބުނާށޭ..." ކެމީލާ ކޮއްކޮއަށްވެސް ވިސްނައިދޭން އުޅުނެވެ.

"ލޯބިވަންޏާ ބުނާނީ އާއެކޭ. އަހަރެމެންނަށް ތިބުނާ ޕްރިންސް އިންނާކަށް ނުލިބޭނެ ދެން ރީތި ސްމާޓް ބިޓެއް ލިބިފައި އޭނަ ޑޭޓަކަށް އަންނަން ބުނެފިއްޔާ ހަމަ ނޫނެކޭ ބުނަންވީ؟ އަރީންގެ ކޮއްކޮ މަށަށް ވަރަށް ރީތި. އޭނައަށް މަ ނޫނެކޭ ނުބުނާނަން.........." އުލާ ތުން އަބުރައިލިއެވެ. ދޮންތަ ވައްހާބީކަމުން އެކީ އުޅެވޭވަރެއް ނޫނޭ ހިތަށް އެރިއެވެ. މިޒަމާނުގައި ލޯބިވެރިޔާއާއިއެކު ނުނިދާނީ ކާކުހެއްޔެވެ. އުލާއަށް ނޭގުނީ މުޖުތަމައަ ފަސާދަވަނީ ވިސްނުމުގައި އެގޮތްތައް ހަރުލެވި ދީނާއި ދުރުކޮށް އުޅެވުނީމަކަމެވެ. އެކަމުގެ ސަބަބުން އަންހެންކުދިންގެ ދިރިއުޅުމަށް ކުރާ ނުބައި އަސަރުގެ އިތުރަށް ދެދުނިޔެވެސް ހަލާކުވުމުގެ ސަބަބަކަށް ވެދާނެކަމެވެ.

ކެމީލާ ދެއްކި އެއްވެސް ވާހަކައެއް އުލާއަކަށް ކަމަކުނުދިޔައެވެ. ފިރިހެންކުދިންނާއި އެހާ ދުރުން އުޅެން ޖެހޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އުލާ ދެކުނު ގޮތުން ކެމީލާއަކީ ބޮޑު ފޫހިގަނޑެކެވެ. ފިރިހެންކުދިންނަށް ރަގަޅުވާނީ ތަޖުރިބާ ހުރިވަރަކުންނެވެ.

"ދެން ފިރިހެންކުއްޖަކު ކިރިޔާ ގާތްވެލިޔަސް ޕެޕާ ސްޕްރޭ. މަ މާ ރަގަޅު އައިޑިއާއެއް ދެންތަ. ގެންގުޅެންވީނު ފިޔޮއްސެއް. ކަނޑާލާނީ. ނޫނީ ހަމަ އުފުރާލާނީ."

"އުލާ. ބޮޑު ވާހަކަދައްކާނެ ކަމެއްނެތޭ. ވަރަށް ފޫހިވޭ......." ކެމީލާ ރުޅިއަންނަގޮތްވިއެވެ.

(ނުނިމޭ...)

comment ކޮމެންޓް