ދިހަ އަހަރުވަންދެން އިންޑިއާގައި ތާށިވެފައި ތިބި ދިވެހި އާއިލާއެއް ސަރުކާރުން ރާއްޖެ ގެންނަނީ

އިންޑިއާގައި ދިރިިއުޅެމުންދާ ދިވެހިންތަކެއް --

އިންޑިއާގެ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖެ ނާދެވިފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ އެމީހުން ރާއްޖެ ގެންނަން ނިންމައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ އާއިލާއަށް ރާއްޖެ ނާދެވިފައި ތިބީ އެމީހުންގެ ޕާސްޕޯޓް އިންޑިއާގެ ޓްރިވެންޑްރަމް ކޯޓަކުން ހިފަހައްޓައި، އެ ކޯޓަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ އޮތުމުންނެވެ.

މި މައްސަލާގައި ދިހަ އަހަރުވަންދެން އިންޑިއާގައި ތާށިވެފައި ތިބީ ސ. ހިތަދޫ، އުމުރުން 63 އަހަރުގެ މުހައްމަދު ފަޔާޒާއި އޭނާގެ އަންހެނުން އަދި ހަގު ދަރިފުޅެވެ. އިންޑިއާގެ ތިން މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައި އެ ފައިސާ ނުދައްކައިގެން ފަޔާޒްގެ މައްޗަށް ކޯޓުގައި ދައުވާކޮށްފައިވާ އިރު، އެ މައްސަލަ ފެންމަތިވީ 2008 ވަނަ އަހަރުއެވެ.

މި މައްސަލައާ ގުޅޭގޮތުން ފަޔާޒް މިރޭ "ސަން"އަށް ބުނީ އޭނާ ކޯޓަށް ދައްކަން ޖެހޭ ފައިސާއަކީ ދިވެއްސެއްގެ އެދުމުގެ މަތިން ނިއު ދިއްލީގައި ހުރި މުދާ ކޮންޓެއިނަރުތަކެއް ކްލިއާރ ކުރުމަށް ހޯދި ފައިސާ ކަމަށެވެ. އެ ފައިސާ ދައްކަން އެއްބަސްވީ އެމީހާ ކަމަށް ފަޔާޒް ވަނީ ބުނެފައެވެ.

"އޭނާ އަޅުގަނޑު ގާތު ބުނީ އިންވެސްޓް ކޮށްދޭނެ ބަޔަކު ހޯދަން. ދެން އަޅުގަނޑު އެކަމާ އުޅެގެން ތިން ރަހުމަތްތެރިޔަކު އަތުން 11 ލައްކަ ރުޕީޒް ހަމަކުރިން. ދެން އެ ހުރިހާ ފައިސާއެއް ދިނީ އޭނާއަށް،" ފޯނުން ދިން އިންޓަވިއުގައި ފަޔާޒް ބުންޏެވެ.

ފަޔާޒް ބުނީ ފަހުން އެމީހާ ފައިސާ ނުދައްކާ ފިލީ ކަމަށާއި އެކަމާ ގުޅިގެން އޭނާއާއި އޭނާގެ އަންހެނުން އަދި ދަރިފުޅުގެ ޕާސްޕޯޓް ޓްރިވެންޑްރަމްގެ ކޯޓުން ހިފަހައްޓާފައިވާ ކަމަށެވެ.

ދިހަ އަހަރުވީ އިރުވެސް އޭނާއަށް އެ ފައިސާ ދެއްކިފައި ނުވާއިރު އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކިބައިން އެދިފައި ވަނިކޮށް އެކަން މިހާރު ހަމަޖެހިފައިވާ ކަަމަށް ފަޔާޒް ވަނީ ބުނެފައެވެ.

ފަޔާޒް ބުނީ ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ އެހީގައި ރައީސް އަބްދުﷲ ޔާމީނަށް ސިޓީއަކުން އޭނާގެ ހާލު ދަންނަވައިގެން މިހާރު އެ ފައިސާ ކޯޓަށް ދެއްކޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށާއި ފައިސާ ހަމަޖައްސައިދިނީ ޒަކާތު ފަންޑުން ކަމަށެވެ. އަދި އެކަން އޭނާއަށް އަންގާފައިވާ ކަމަށް ފަޔާޒް ވަނީ ބުނެފައެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ވަނީ އެފަދަ ކަމެއް ހިނގައިގެން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިންކަން ޔަގީން ކޮށްދެއްވައިފައެވެ.

މި މައްސަލާގައި ފަޔާޒްއާއި އޭނާގެ އާއިލާ ސަލާމަތް ކުރުމަށް ސަރުކާރުން 275000 (ދެ ލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ ދޭން ނިންމާފައިވާ އިރު، ފަޔާޒް ބުނީ އެ ފައިސާ ކޯޓަށް ދެއްކުނުހާ އަވަހަކަށް އޭނާ އަނބުރާ މާލެ ދާނެ ކަމަށެވެ.

comment ކޮމެންޓް