ވަޒަނުން ބޭރުގައި ހޭދަކުރި ހިތްދަތި ދިހަ އަހަރު، ފަޔާޒުގެ ދުލުން!

އިންޑިއާގައި ދިރިއުޅޭ ދިވެހިންތަކެއް --

މީގެ ދިހަ އަހަރު ކުރިން، 2008 ވަނަ އަހަރު ސ. ހިތަދުއަށް އުފަން މުހައްމަދު ފަޔާޒް އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރީ އޭނާގެ އަންހެނުންނާއި ދަރިއަކާއެކުއެވެ. މިއީ އެ ގައުމަށް އެމީހުން ކުރި ފުރަތަމަ ދަތުރެއް ނޫނެވެ. ފަޔާޒަށް އިންޑިއާއަކީ ފަރިތަ އަދި ދަންނަ މީހުންވެސް އުޅޭ ގައުމެކެވެ.

ފަޔާޒްގެ މިފަހަރުގެ ދަތުރުމަތިން އޭނާއާ ބައްދަލުވީ ކުރިން ފެނިދެނިވެ އުޅޭ ރަހުމަތްތެރިއަކާއެވެ. މުހައްމަދު އަތީފް (އަސްލު ނަމެއް ނޫން)އާ ބައްދަލުވެ އޭނާއާއެކު ވިޔަފާރިއެއް ކުރުމުގެ ޚިޔާލު ބަދަލު ކުރެވެން ފެށުނެވެ. ފަޔާޒަށް އަތީފް ހުށަހެޅީ އޭނާގެ ނަންމަތީގައި ހުރި މުދާތަކެއް ދެ މީހުން އެކުގައި ވިއްކުމަށެވެ. އެކަމާ ގުޅޭ ބައިވަރު ލިޔެކިޔުންތަކެއް ވެސް ފަޔާޒަށް އަތީފް ވަނީ ހުށަހަޅައި އޭނާގެ ވިޔަފާރީގައި ފަޔާޒް ހިއްސާވުމަށް ހުށަހަޅައިފައެވެ.

އަތީފްއަކީ އައްޑު އަތޮޅަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ އެ ދުވަސްވަރު މާލޭގައި ވިޔަފާރި ކުރި ވިޔަފާރިވެރިއެއް ވެސް މެއެވެ.

އަތީފް ވިއްކަން ގެނައި މުދާތައް އޭރު ހުރީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށް އޭނާ ވަނީ ފަޔާޒަށް ވިސްނައިދީފައެވެ. ފަޔާޒް ގާތުން އެދުނީ އެ މުދާ ކްލިއާ ކުރުމަށް ފައިސާ ދެއްކުމަށްޓަކައި 11 ލައްކަ ރުޕީޒް އިންވެސްޓް ކޮށްދޭނެ މީހަކު ހޯދައި ދިނުމަށެވެ.

"އޭނާ އަޅުގަނޑު ގާތު ބުނީ އިންވެސްޓް ކޮށްދޭނެ ބަޔަކު ހޯދަން. ދެން އަޅުގަނޑު އެކަމާ އުޅެގެން ތިން ރަހުމަތްތެރިޔަކު އަތުން 11 ލައްކަ ރުޕީޒް ހަމަކުރިން. ދެން އެ ހުރިހާ ފައިސާއެއް ދިނީ އޭނާއަށް،" ފޯނުން ދިން އިންޓަވިއުގައި ފަޔާޒް ކިޔައިދިނެވެ.

ފަޔާޒް ބުނީ ފައިސާ ހަމަކުރީ އެއް މަސްދުވަސް ތެރޭގައި ދައްކާ ގޮތަށް ކަމަށާއި އެ ފައިސާ ދިން އިރު އެއްބަސްވީ ވިޔަފާރިކޮށްގެން ލިބޭ ނަފާގެ 30 އިންސައްތަ އޭނާއަށް ދިނުމަށް ކަމަށެވެ. އަދި އެ ވިޔަފާރީގައި އޭނާ ބައިވެރިވީ އެގޮތަށް އަތީފް އެއްބަސްވާތީއެވެ.

ފަޔާޒް ބުނީ އޭގެ ފަހުން މަސްދުވަސް ފާއިތުވީ އިރުވެސް އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާ އަތީފް ދީފައި ނުވާކަމަށާއި 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ގޮވައިގެން އަތީފް ދިއްލީއަށް ދިޔަ ކަމަށެވެ. އަދި ކްލިއާ ކުރަން އުޅުނު މުދާވެސް ދިއްލީގައި ނެތްކަން އެ ދަތުރުގެ ތެރެއިން އެނގުނު ކަމަށް ބުންޏެވެ.

"ދިއްލީއަކު ނެތް އެ މުދަލެއް. އޭނާ ދެން އަޅުގަނޑު ބަހައްޓާފައި އައީ ޓްރިވެންޑްރަމަށް. އެތަނުން އޭނާ ދިޔައީ ކޮޗިންއަށް. ބުނީ ތިމަންނަ ގޮސް ހުރިހާ ފައިސާއެއް ދައްކާނަމޭ،" ފަޔާޒް ބުންޏެވެ.

ފަޔާޒް ކިޔައިދިން ގޮތުގައި އެ ފައިސާ ހޯދަން އޭރު ފައިސާ ދިން އިންޑިއާ މީހުން ދިޔައީ ފާރަލަމުން ކަމަށާއި އެކަމުގެ ތެރެއިން އޭނާގެ ދަރިފުޅާއި އަންހެނުން އެމީހުން ރަހީނު ކުރި ކަމަށެވެ. އެގޮތަށް 15 ދުވަސް ވަންދެން ބެހެއްޓި ކަމަށެވެ. އަދި އެ ދެމައިންގެ ޕާސްޕޯޓް އަތުލި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަންހެނުންނާއި ދަރިފުޅުގެ ޕާސްޕޯޓް މި ހިފެހެއްޓީ. އަތީފް ވެސް އެމީހުން އަތުލައިގަތް. އެކަމަކު ލާރި ދޭން އެއްބަސްވީމަ އޭނާ ދޫކޮށްލައިފި. ފަހުން އެމީހުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި،" މިހާރު އުމުރުން 63 އަހަރުވެފައިވާ ފަޔާޒް ބުންޏެވެ.

ފަޔާޒް ބުނީ އެ މައްސަލައިގައި އޭނާގެ އަންހެނުން ޖަލަށްވެސްލީ ކަމަށާއި ޖަލުން ސަލާމަތްވީ 20،000 ރުޕީޒް ދެއްކުމުން ކަމަށެވެ.

"ފުލުހުންނަށް އަޅުގަނޑު އެދުނިން ދެ މައިންގެ ޕާސްޕޯޓް ދޫކޮށްލުމަށްފަހު އަޅުގަނޑުގެ ޕާސްޕޯޓް ބާއްވަން. އެކަމަކު އެހިސާބުން އަޅުގަނޑުގެ ޕާސްޕޯޓް ވެސް ހިފެހެއްޓީ. އަދި ޖަލަށްވެސްލި،"

ފަޔާޒް ބުނީ އޭނާ ޖަލުން މިނިވަންވުމަށް ޖުމްލަ 45،000 ހާސް ރުޕީޒް ދައްކަން ޖެހުނު ކަމަށާއި އެ ފައިސާ ހަމަކުރީ ގދ. ތިނަދޫގައި އޮންނަ އޭނާގެ އަންހެނުންގެ ބިމެއް ރަހުނު ކޮށްފައި ކަމަށެވެ.

ފަޔާޒް ބުނީ އެ ދުވަހުން ފެށިގެން ކޯޓުގައި އެ މައްސަލަ އެކި ގޮތްގޮތަށް ހިނގަމުންދާ ކަމަށާއި ފައިސާ ދެއްކުމުން ނޫނީ ޕާސްޕޯޓް ނުދޭނެ ކަމަށް ކޯޓުން އެންގި ކަމަށެވެ. އަދި އެކިއެކި ފަހަރު އެކި ގޮތްގޮތަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވި ކަމަށް ފަޔާޒް ކިޔައިދިނެވެ.

ފަޔާޒް ބުނީ ވޭތުވެދިޔަ ދިހަ އަހަރު އެ އާއިލާއިން ހޭދަކުރީ ވަރަށް ހިތްދަތި ދިރިއުޅުމެއް ކަމަށާއި އެމީހުން ތިބީ އެއްވެސް އުންމީދެއް ނެތި ކަމަށެވެ. އަދި ގިނަ ފަހަރު ތިބެނީ ނުކައި ކަމަށާއި ދިރިއުޅޭ ތަނަށް ކުލި ދައްކަނީވެސް އޭނާގެ އާއިލާ މީހަކު ފޮނުވާ ފައިސާ ކޮޅުން ކަމަށެވެ.

"އެ ފައިސާއިން ކިރިއާ ގެ ކުލި ދެއްކެނީ. ރުފިޔާއެއް ލިބެނީ ބޭހަށް އަންނަ މީހަކަށް އެހީތެރިވުމުން ފައިސާ ފައްޗެއް ދިއްކޮށްލައިފިއްޔާ،" ފަޔާޒް ބުންޏެވެ.

އަދި އޭނާ ބުނީ އޭނާގެ ދަރިފުޅު ކިޔެވުމުންވެސް މަހުރޫމް ވެފައިވާ ކަމަށާއި ދަރިފުޅަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

"ދަރިފުޅުވެސް އަދި އަންހެނުންނަކީވެސް ހިތުގެ ބަލި ހުންނަ ދެ މީހުން،" ފަޔާޒް ބުންޏެވެ.

ފަޔާޒް ބުނީ އެ ހިތްދަތި ދިރިއުޅުމަށް ހައްލެއް ލިބުނީ އިންޑިއާ ކޮންސިއުލޭޓްގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރަށް އެމީހުން ހާލަތު ބަޔާންކޮށް ފޮނުވި ސިޓީއަކުންނެވެ. ފަޔާޒް ބުނީ ކުރިންވެސް އެހެން ސަރުކާރުތަކުގައި އެހީއަށް އެދުނު ނަމަވެސް އެހީތެރިވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑުމެން ހާލަތަށް ރިއާޔަތްކޮށް މި ސަރުކާރުން ވަނީ އެހީވާން ނިންމާފައި. ސަރުކާރުން ޒަކާތު ފަންޑު މެދުވެރިކޮށް ފައިސާ ދޭނެ ކަމަށް ވަނީ އަންގާފައި. އެއީ 275000 ދިވެހި ރުފިޔާ،" ފަޔާޒް ބުންޏެވެ.

ފަޔާޒް ބުނީ ވަރަށް ގިނަ ވެރީން، އޭނާގެ އުމުރުން މިވީ މުއްދަތުގައި ފެނިއްޖެ ކަމަށާއި ހާލުގައި ޖެހުނު ދުވަހު ސަރުކާރުން ވީ އެހީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަަމަށެވެ. އަދި ބުނީ އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް ކޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްފަހު އެނބުރި މާލެ ދިއުމަށް ކަމަށެވެ.

"އަހަރެމެން ތިބީ އުންމީދު ކެނޑިފައި. ޝުކުރިއްޔާ ވަރަށް ބޮޑަށް ސަރުކާރަށް. މިއީ ހުވަފެނުންވެސް ނުދެކޭ ދުވަހެއް. އުންމީދު ނުކުރާ ކަމެއް،" ފަޔާޒްގެ ވާހަކަ ނިންމާލީ މިހެންނެވެ.

ފަޔާޒަށް އެހީވާން ސަރުކާރުން ނިންމައި މިހާރު ދަނީ އެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. ފަޔާޒަށް ލަނޑުދިން އަތީފް އަދިވެސް ފިލައިގެން އުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ޓްރިވެންޑްރަމްގެ ކޯޓުން އޭނާ ހައްޔަރުކުރަން އެރެސްޓް ވޯރަންޓް ނެރެފައިވާކަން ވެސް ވަނީ އެނގިފައެވެ.

comment ކޮމެންޓް