ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަނީ

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށުން: އެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޔާމީން ---

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބައެއް ސަރަހައްދުތަކުގެ ފަސްގަނޑު އިތުރަށް ހަރު ކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް މިހާރު ހިއްކާފައިވާ ސަަރަހައްދުގެ އިތުރުން، ކުޅިން އިތުރު ބައެއް ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މިހާރު ފެތުރެމުންދާ ހަބަރާ ގުޅޭގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ ހެޑް، ރިޓަޔާޑް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ މިހާރު ހިއްކާފައި އޮތް ސަރަހައްދަށް ވުރެ އިތުރަށް ކުޅީގެ އެއްވެސް ބައެއް ނުހިއްކާނެ ކަމަށެވެ.

ހުޝާމް ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތަކީ ފަސްގަނޑު ހަރުނުވެ ހުރި ބައެއް ސަރަހައްދުތަކުން އަލުން ފަސް ނަގައި އެ ފަސްގަނޑުގެ އަޑީގައި ހުރި ޗަކަތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ޗަކަ ނަގާފައި ހުރީ ތިލަކޮށް ނަމަވެސް މިފަހަރު ބައެއް ދިމާތަކުން ވަރަށް ފުންކޮށް ޗަކަ ނެގުމަށްފަހު އެ ތަންތަނަށް ފަސް އަޅާނެ ކަމަށެވެ. އަދި އެއަށްފަހު އެ ތަންތަން ހަރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ އެ މަސައްކަތް ކުރި ނަމަވެސް މިހާރު ރާވާފައިވާ ޝެޑިއުލާ އެެއްގޮތަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭގޮތުން މިހާރު ކުރިއަށްދާ ބައެއް މަސައްކަތްތަކަށް ބަލާއިރު މިވަގުތު ކުރިއަށްދަނީ ރަންވޭގެ ސަބް ގްރޭޑިންގް މަސައްކަތެވެ. އެ ރަށުގައި އަޅާ 1.2 ކިލޯ މީޓަރުގެ ރަންވޭގެ 800 މީޓަރުގެ ސަބްގްރޭޑިންގް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބާކީ ދެން އޮތީ 400 މީޓަރުގެ ސަބްގްރޭޑިންގް މަސައްކަތެވެ.

އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް އެމްޓީސީސީ އިން ނިންމަން ޖެހޭނީ 160 ދުވަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ އަގަކީ 53.9 މިލިއަން ރުފިޔާއެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު ހެދުމަށްޓަކައި އެރަށުގެ ފަޅުން ހަ ހެކްޓަރު، އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ އެމްޓީސީސީން، އެކުންފުނީގެ ޑްރެޖަރު "މަހާ ޖައްރާފުން"ނެވެ.

comment ކޮމެންޓް