ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ސައުދީއަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން

ކުރީގެ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ --- ފޮޓޯ/ ފޭސްބުކް

ކުރިން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދީ އައްޔަން ކުރެއްވިކަން ރައީސް އޮފީހުން ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ ހިދުމަތުގައި ގާތްގަނޑަކަށް 26 ވަރަކަށް އަހަރު ހިދުމަތް ކުރައްވާފައިވާ ސައުދީއަކީ ކުރިން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމާއި ސެންޓަރަލް އޮޕަރޭޝަން ކޮމާންޑުގެ ހެޑްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ މަގާމުތަކަށް އައި ބަދަލާއެކު ކުރިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް ވަކިކުރައްވައި ސައުދީއަށް އެކްޓިން ކޮމިޝަނަރުގެ މަގާމު ދެއްވިއެވެ.

ނަމަވެސް މަގާމު ދިންތާ 48 ގަޑިއިރު ނުވަނީސް އޭނާ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ސައުދީ އެއްވެސް މަގާމެއް އަދާކޮށްފައެއް ނުވެއެވެ.

ޔޫތު މިނިސްޓްރީގެ ނައިބަކަށް ސައުދީ އައްޔަން ކުރެއްވި އިރު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ކުރިން ހުންނެވި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރިން ހުންނެވި އަހުމަދު ހާފިޒު ދާދިފަހުން ވަނީ ޔޫތު މިނިސްޓްރީއަށް ބަދަލު ކުރައްވައިފައެވެ.

comment ކޮމެންޓް