ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި 20 މިލިޔަން ޑޮލަރު މީރާއަށް ދައްކަން ޖީއެމްއާރަށް އަންގައިފި

ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ---

ޓެކްސްއާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 20.5 މިލިޔަން ޑޮލަރު ދައްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިންޑިއާގެ ޖީއެމްއާރަށް އަންގައިފިކަމަށް އެކުންފުނިން ބުނެފިއެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހުން މިއަދު ރިޕޯޓުކޮށްފައި ވާގޮތުން، ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 20.5 މިލިޔަން ޑޮލަރު ދައްކަން އެންގީ ޓެކްސް އޮޑިޓު ރިޕޯޓުތަކަކާ ހަވާލައިދީއެވެ.

އެގޮތުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 14.4 މިލިޔަން ޑޮލަރު، ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިޔަން ޑޮލަރު އަދި ޖޫރިމަނާގެ ގޮތުގައި 3.3 މިލިޔަން ޑޮލަރު މީރާއަށް ދެއްކުމަށް ޖީއެމްއާރަށް އަންގާފައި ވާކަމަށް އިކޮނޮމިކް ޓައިމްސްއިން ރިޕޯޓުކުރެއެވެ.

ޖީއެމްއާރުގެ ތަރުޖަމާނަކު އިކޮނޮމިކް ޓައިމްސްއަށް ބުނި ގޮތުގައި މިއީ ދައްކަންޖެހޭ ފައިސާއެއް ނޫނެވެ. އަދި މިކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބަހަކަށް އިންތިޒާރުކުރަމުން ދާކަމަށް ޖީއެމްއާރުގެ ތަރުޖަމާނު ބުންޏެވެ.

"މީރާއިން ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑަށް މި ޓެކްސް ނޯޓިސްތައް އިޝޫކޮށްފައި ވަނީ 2017 ގެ ފަހުކޮޅުގައި. އަޅުގަނޑުމެން މިކަމާ ދެކޮޅު ހަދަނީ، ޖީއެމްއައިއޭއެލްއިން މިވަގުތު ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގަމުން ނުދާތީ،" ތަރުޖަމާނު ވިދާޅުވިއެވެ.

ޖީއެމްއައިއޭއެލްއިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާ ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމަކީ 25 އަހަރު ދުވަހުގެ މުއްދަތަކަށް އެއާޕޯޓު ތަރައްގީކޮށް، ޒަމާނީކުރުމުގެ އިތުރުން ބަލަހައްޓައި ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގީ ޖީއެމްއާރާއި މެލޭޝިއާގެ މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދު (އެމްއޭއެޗްބީ) ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ، ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް)އިންނެވެ.

އެހެން ނަމަވެސް މިއަހަރުގެ މާޗުމަހުގެ ތެރޭގައި މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދުން ވަނީ ޖީއެމްއައިއޭއެލްގައި އޮތް އެކުންފުނީގެ ހިއްސާ އަނބުރާ ގެނެސްފައެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކު ވި ކޮންސެޝަން އެއްބަސްވުން ރާއްޖެއިން ބާތިލުކުރީ 2012 ނޮވެމްބަރު 27ގައެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލީ، އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ގާނޫނީ އަދި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކަށް ފަހުއެވެ.

އެގްރިމެންޓް އުވާލި މައްސަލަ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލަކަށް ހުށަހަޅައި، އެ ޓްރައިބިއުނަލުން ނިންމީ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރަށް 271 މިލިޔަން ޑޮލަރު ދެއްކުމަށެވެ.

އެ ފައިސާ ރާއްޖެއިން ވަނީ 2016 ވަނަ އަހަރު އެއްފަހަރާ ދައްކާ ނިންމާފައެވެ.

comment ކޮމެންޓް