ހަރުކަށި ޕޮޕިއުލިސްޓް ފިކުރުގެ ދެޕާޓީ އިޓަލީގެ ވެރިކަމާ ހަވާލުވުމާއެކު މުސްލިމުންނަށް ބިރުވެރިކަން

އިޓަލީގެ އައު ބޮޑުވަޒީރު ޖޮސެޕީ ކޮންޓޭ

ރޯމް (ޖޫން 3): އިޓަލީގެ ވެރިކަމާ ހަވާލުވި ހަރުކަށި ގައުމީ ފިކުރުގެ ދެޕާޓީ ކަމަށްވާ ފައިވް ސްޓާ ޕާޓީއާއި ލީގް ޕާޓީގެ ވެރިކަމުގައި އެގައުމުގެ މުސްލިމުންނާ އަދި މުހާޖިރުންނާ މެދު އަމަލުކޮށްފާނެ އިހާނާތްތެރި ގޮތްތަކާމެދު އެފަރާތްތަކުން ކަންބޮޑުވާކަން ހާމަކޮށްފިއެވެ.

އިޓަލީގެ މުސްލިމުންގެ އެންމެ ބޮޑު ޖަމިއްޔާއިން ބުނީ ހަރުކަށިކަމާ ދެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި އިޓަލީގެ މިސްކިތްތަކުގެ އިމާމުންނާ އަދި ޚަތީބުންނަށް އާ ސަރުކާރުން ގޯނާ ނުކުރާނެކަމަށް އުންމީދުކުރާ ކަމުގައެވެ. ފައިވް ސްޓާ ޕާޓީއާއި ލީގް ޕާޓީން ކޯލިޝަން ހަދައިގެން އުފެއްދި ސަރުކާރުގެ ބޮޑުވަޒީރު ޖޮސެޕީ ކޮންޓޭ އަކީ މެދުމިނުގެ ވިސްނުމުގެ ބޭފުޅެކެވެ. އޭނާ އިއްޔެ ވަނީ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށްފަހު އޭނާގެ ސަރުކާރުގެ އެޖެންޑާއާއި ޕްރޮގްރާމު އާންމު ކުރައްވާފައެވެ.

މިޕްރޮގްރާމުގައި އިޓަލީގެ މިސްކިތްތަކުގައި ހިންގާ ހަރަކާތްތައް ގާތުން ބެލުމާއި އިޓަލީގެ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ހަރަކާތްތަކަށް ފާރަލާންޖެހޭ ޙާލަތްތަކުގައި ފާރަލުން ހިމެނެއެވެ. ނަމަވެސް ފާރަލާނީ ހަރުކަށި އަމަލުތަކެއް ދީނުގެ ނަމުގައި ހިންގާކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެކަނި ކަމަށް ބޮޑުވަޒީރު ކޮންޓޭ ވިދާޅުވިއެވެ.

ކޮންޓޭގެ ސަރުކާރުގެ ޕްރޮގްރާމުގައި ހިމެނޭ އެހެނިހެން ކަންތައްތަކުގެ ތެރޭގައި އިޓަލީއަށް ގަވައިދާ ޚިލާފަށް ކުރާ ހިޖްރަ ހުއްޓުވުމާއި ޓެރަރިޒަމާ ހަނގުރާމަކުރުމާއި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމާއި ގައުމީ މަސްލަހަތަށް ރިއާޔަތްކުރާ ޚާރިޖީ ސިޔާސަތެއް ގެންގުޅުން ހިމެނެއެވެ. މީގެއިތުރުން ރަޝިއާއާއެކު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމާއި އެމެރިކާއާއެކު ބާއްވާ ގުޅުންތައް ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދިޔުމާއި ނޭޓޯއާއި ޔޫރަޕްގެ އިއްތިހާދުގައި އިޓަލީ ދެމިއޮތުން ހިމެނެއެވެ.

އިޓަލީގެ އައު ސަރުކާރުގެ ދާޚިލީ ވަޒީރު މެތިއޯ ސެލްވީނީ ވަނީ އޭނާގެ ސަރުކާރަކީ ހަރުކަށި ސަރުކާރެއް ނޫންކަމަށް ވިދާޅުވެ ސަރުކާރު ދެކެ ބިރުނުގަތުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފައެވެ.

އިޓަލީގައި ސިޔާސީ މައްސަލަތައް އުފެދުނީ ގައުމީ ފިކުރުގެ ދެ ޕާޓީ ކަމަށްވާ ފައިވް ސްޓާ ޕާޓީއާއި ލީގް ޕާޓީ އިންތިޚާބު ކާމިޔާބުކުރުމާއެކު ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ ވިސްނުން އެ ދެ ޕާޓީން ގެންގުޅެފާނެކަމުގެ ބިރު ހީވުމުންނެވެ. މިއާއެކު އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ ފައިވް ސްޓާ ޕާޓީއާއި ލީގް ޕާޓީން އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލި އިރު ކެބިނެޓްގެ އިގްތިސާދާބެހޭ ވަޒީރުކަމަށް ޕައޯލޯ ސަވޯނާ އިޚްތިޔާރުކުރުމުން އެކަމާ ދެކޮޅު ހައްދަވައި އޭނާގެ ނަން ވީޓޯ ކުރައްވާފައެވެ.

އިޓަލީގެ އައު ބޮޑުވަޒީރު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެގައުމުގެ ރައީސް ސާޖިއޯ މަޓަރެއްލާ

މިމައްސަލާގައި ރައީސް ސާޖިއޯ މަޓަރެއްލާ މަގާމުން ދުރުކުރުމަށް ފައިވް ސްޓާ ޕާޓީގެ ލީޑަރު ލުއީޖީ ޑި މާއިއޯ ގޮވާލެއްވުމާއެކު އިޓަލީގެ ސިޔާސީ މަސްރަހު ހޫނުވެގެން ދިޔައެވެ. ލުއީޖީ ވަނީ އިޓަލީގެ ރައީސަކީ ވެރިކަމުގެ ބާރުނެތް ހަމައެކަނި ޝަރަފުވެރި މަގާމެއްގައި ހުންނަވާ ބޭފުޅަކަށްވާތީ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއަށް ގައުމުގެ ރައީސްއަށް ވެދެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ރައީސް މަޓަރެއްލާ މަގާމުން ދުރުކުރުމުގެ ކަންތައްތައް ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. ސަވޯނާ އިޓަލީގެ އައު އިގްތިސާދާބެހޭ ވަޒީރަކަށް ހަމަޖެއްސުމަށް ދެކޮޅު ހެއްދެވީ އޭނާއަކީ ޔޫރަޕްގެ އިއްތިހާދަށް ފާޑު ވިދާޅުވާ ބޭފުޅަކަށްވެފައި އޭނާ ވަޒީރުކަމުގައި އިޓަލީ ޔޫރަޕްގެ އިއްތިހާދުން ވަކިވުމަށް ހިތްވަރުދެވޭނެ ކަމަށް ބެލެވޭތީކަމަށް ރައީސް މަޓަރެއްލާ ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު އިޓަލީގައި ބޭއްވި ޕާލަމެންޓްރީ އިންތިހާބުގައި ޕާލަމެންޓްގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ލިބިފައި ނުވެއެވެ. އެއިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދީ ފައިވް ސްޓާ ޕާޓީއާއި ލީގް ޕާޓީންނެވެ. އެދެޕާޓީ ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރުގެ ބޮޑުވަޒީރު ކަމަށް ހަމަޖެއްސެވީ މިނިވަން ޚިޔާލުގެ ބޭފުޅެއްކަމަށްވާ ކަމަށްވާ ޖޮސެޕީ ކޮންޓޭ އެވެ.

އޭނާއަކީ އައިއެމްއެފްގައި މަތީ ފެންވަރުގެ މަގާމެއްގައި މަސައްކަތް ކުރެއްވި އިގްތިސާދީ ތަޖްރިބާކާރެކެވެ. ކޮންޓޭ އިއްޔެވަނީ ރައީސް މަޓަރެއްލާގެ ކުރިފުޅުމަތީގައި ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައެވެ. ރައީސް މަޓަރެއްލާ މަގާމުން ދުރުކުރުމުގެ ކަންތައްތައް ފައިވް ސްޓާ ޕާޓީން އިޓަލީގެ ޕާލަމެންޓަށް ހުށަހެޅި ނަމަވެސް އެކަމަށް އެޕާޓީގެ ޕާލަމެންޓް ހުރިހާ މެންބަރުންގެ ތާއީދު ނެތްކަމަށް ޚަބަރުތައް ބުނެއެވެ. އިޓަލީގެ ރައީސް މަގާމުން ދުރުކުރެވޭނީ ޕާލަމެންޓްގެ އަގުލަބިއްޔަތު އެކަމަށް ލިބުމަށްފަހު އިޓަލީގެ ދުސްތޫރީ ކޯޓަށް އެކަން ހުށަހަޅައިގެން އެކޯޓުން ނިންމާ ގޮތަކުންނެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް