ސައޫދީ އިން ގަތަރާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު ދިން: ލެމޮންޑޭ

ޕެރިސް (ޖޫން 2) : ރަޝިޔާގައި އުފައްދާ މިސައިލް އައްޑަނައިގެ ނިޒާމެއް ކަމަށްވާ އެސް 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަތުމަށް ގަތަރުން މަސައްކަތް ކުރަންފެށުމުން ގަތަރާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރުދީ އެކަން ހުއްޓުވަން ސައޫދީ ސަރުކާރުން މަސައްކަތް ކުރިކަން ފަރަންސޭސިވިލާތުން ހާމަކޮށްފި އެވެ.

ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ މަޝްހޫރު ނޫހެއްކަމަށްވާ "ލެމޮންޑޭ" ބުނި ގޮތުގައި އެސް 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަތުމުގެ ވާހަކަތައް ރަޝިޔާއާ އެކު ގަތަރުން ފެށުމުން އެއީ ސައޫދީ އަށް ނުރައްކާވާނެ ހަތިޔާރެއްކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދިނުމަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އަށް ސިޓީއެއް ފޮނުއްވި އެވެ.

އެސިޓީގައި އެނިޒާމު ގަތުމުގެ ކަންތައް ގަތަރުން ކުރިޔަށްގެންދާ ނަމަ ގަތަރަށް އިސްވެ ޙަމަލާދީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ގަތަރު ސަރުކާރަށް ދިނުމަށް ފަރަންސޭސި ރައީސްގެ ކިބައިން ސަލްމާން ރަސްގެފާނު އެދިވަޑައިގެންނެވި ކަމަށް އެލިޒޭގެ ގަނޑުވަރުގެ މަސްއޫލުވެރިޔާ (ނަންހާމަކުރަން ނޭދޭ) ވިދާޅުވެފައިވެ އެވެ.

އެސް 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމުގެ ބެޓްރީ ތަކެއް

ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމަކީ މިހާތަނަށް އެއްވެސް ގައުމަކުން އުފައްދާފައި ނުވާވަރުގެ ގާބިލް އަދި ސްމާޓް ދިފާއީ ނިޒާމެއްކަމަށް އަސްކަރީ ރިޕޯޓްތައް ބުނެ އެވެ. އެނިޒާމުގެ ގާބިލްކަން ބޮޑުކަމުން އެނިޒާމު އީރާނަށް ފޯރުކޮށްދޭން ރަޝިޔާ އުޅުމުން އެމެރިކާ ވަނީ ރަޝިޔާ ބޭނުންވާ ދޫތަކެއް ދީގެން އެކަން ހުއްޓުވާފަ އެވެ. އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ރަޝިޔާއިން އީރާނަށް ފޯރުކޮށްދިނީ އެސް 300 މަރުކާގެ ދިފާއީ ނިޒާމެކެވެ. މިއީ އެސް 400 މަރުކާއަށް ވުރެ ސްމާޓްކަން ކުޑަ ނިޒާމެކެވެ.

އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތުމަށް ތުރުކީން މަސައްކަތް ކުރާތީ ވެސް އެމެރިކާގެން ދަނީ އެކަން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރަޝިޔާ އާއި ތުރުކީގެ ގުޅުންތައް ބޮޑުވެފައި ތުރުކީގެ މުހިއްމުކަން ރަޝިޔާއަށް ބޮޑުކަމުން މިޑީލް ހުއްޓުވުމުގައި އެމެރިކާ ވަނީ ނާކާމިޔާބު ވެފަ އެވެ.

އަނެއްކޮޅުން ސައޫދީ ވެސް ގެންދަނީ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ރަޝިޔާއިން ގަތުމަށް މަސައްކަތް ކުރަމުންނެވެ. ރަޝިޔާއިން ވަނީ ތުރުކީއަށާއި ސައޫދީ އަށް މިނިޒާމު ވިއްކާނެކަމުގެ ޔަގީންކަން ވެސް މިހާރު ދީފައި ކަމަށް އެދެގައުމުގެ މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ.

އެސް 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަތުމަށް ގަލްފުގެ ކުޑަ ގައުމެއް ކަމަށްވާ ގަތަރުން މަސައްކަތް ކުރަންފެށުމުން އެކަން ހުއްޓުވަން ސައޫދީ ސަރުކާރުން މަސައްކަތްކުރަނީ އެނިޒާމުގެ ސަބަބުން ސައޫދީ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސްއެޅޭނެ ކަމަށް ބުނެފަ އެވެ. މިކަން ހުއްޓުވަން މަސައްކަތްކޮށްދިނުމަށް އެދި ސައުދީ ރަސްގެފާނު ފަރަންސޭސި ރައީސް އަށް ފޮނުއްވި ސިޓީގައި އެނިޒާމު ގަތަރުން ގަނެފި ނަމަ ސައޫދީ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާނެކަން ބަޔާންކޮށްފައިވާ ކަމަށް "ލެމޮންޑޭ" ނޫސް ބުނެ އެވެ.

ގަލްފުގެ އަވަށްޓެރި ދެގައުމު ކަމަށްވާ ގަތަރާއި ސައޫދީ އަކީ ކުރިން ގުޅުންބޮޑު ދެގައުމު ނަމަވެސް އެއީ މިހާރު ވަރަށް ބޮޑު ދެ ދުޝްމަނުންނެވެ. ގަތަރުދެކެ ސައޫދީ ރުޅިއަންނަ މައިގަނޑު ސަބަބަކީ ގަތަރަކީ ކުޑަކުޑަ ގައުމަކަށްވެފައި ސައޫދީ އަކީ ގަލްފުގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ގައުމުކަމަށްވާ އިރު ސައޫދީ އަށް ގަތަރުން ކިޔަމަން ނުވެ ސައޫދީ ހިތްހަމަނުޖެހޭ މުޅިން މުސްތަގިއްލު އަމިއްލަ ވަންތަ ސިޔާސަތުތަކެއް ގަތަރުން ގެންގުޅޭތީކަމަށްވެ އެވެ.

ގަތަރުން ގެންގުޅޭ މުސްތަގިއްލު ސިޔާސަތުތަކަކީ ގަލްފުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާނެ ސިޔާސަތެއްކަމަށް ސައޫދީ މަސްއޫލުވެރިން ވަނީ އެތައް ފަހަރަކު ވިދާޅުވެފަ އެވެ. ގަތަރު ސައޫދީ އަށް ކިޔަމަން ނުވާތީ ސައޫދީ ވަނީ ޔޫއޭއީ އާއި ބަހްރައިން އާ އަދި މިސްރާ ގުޅިގެން ގަތަރާ ދެކޮޅަށް އެލަޔަންސެއް އުފައްދާފަ އެވެ. މިއެލަޔަންސުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެއްގަމާއި ވަޔާއަދި ކަނޑުގެ މަގުން ގަތަރު ޙިސާރުކޮށްފަ އެވެ. މިޙިސާރުގެ ސަބަބުން ގަތަރަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ޙިސާރު ފޫއަޅުވާލުމަށް ޓަކައި މަހެއްގެ މައްޗަށް މަދުވެގެން ދެ ބިލިޔަން ޑޮލަރު ގަތަރުން ޚަރަދުކުރަން ޖެހޭ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. އެއީ އަގުބޮޑުކޮށް ކާބޯތަކެއްޗާއި އެނޫން ވެސް މުދާ އެތެރެކުރުމަށާއި ހިސާރުގެ ގައުމުތަކުގެ އެއްގަމާއި ވަޔާ އަދި ކަނޑުގެ ސަރަހައްދުގެ ބޭނުން ގަތަރަށް ނުކުރެވޭތީ އެވެ. މީގެއިތުރުން ގަތަރަށް އަރައިގެންފާނެ ކަމުގެ އަސްކަރީ ބިރު ވެސް ދައްކަމުން ގެންދާތީ ގަތަރަށް ވަނީ އަސްކަރީ ޚަރަދުތައް ވެސް އާދަޔާ ޚިލާފަށް ބޮޑުކުރަންޖެހިފަ އެވެ.

މީގެ ތެރޭގައި ތުރުކީގެ 30 ހާސް ސިފައިން ގަތަރުގައި ބައްތިއްބަން ޖެހުމާއި އެމެރިކާގެ ރުހުން ކުރިޔަށްވުރެ ބޮޑަށް ހޯދުމަށް ޓަކައި އިތުރު ޚަރަދުތައް ކުރަންޖެހުން ހިމެނެ އެވެ. ޙިސާރުގެ ސަބަބުން ގަތަރު އެއާ ވޭސް ވެސް އިނދަޖެހުމުގެ މަގުމަތީގައިވާއިރު ހިސާރުގެ ސަބަބުން ގަތަރު އެއާވޭސް އަށް ވަމުންދާ މާލީ ގެއްލުންތައް ފޫބެއްދުމަށް ވެސް އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދު ކުރަން ގަތަރު ސަރުކާރަށްވަނީ ޖެހިފަ އެވެ. މިކަންކަމުގެ ސަބަބުން ގަތަރުގައި ކުރިން ހުރި ރިޒާވް ފައިސާގެ ބޮޑުބައެއް މިހާރު ހުސްވެފައިވާ ކަމަށް މާލީ ރިޕޯޓްތައް ބުނެ އެވެ.

ސައޫދީ ލީޑްކުރާ ގަތަރާ އިދިކޮޅު ކޯލިޝަނުން ވަނީ ހިސާރުގެ ފިޔަވަޅުތައް އުވާލުމަށް 13 ކަމެއް ޝަރުތުކޮށްފަ އެވެ. މީގެ ތެރޭގައި ގަތަރުގެ ޚާރިޖީ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނައުމާއި އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި އިޚްވާނުލްމުސްލިމޫން ޖަމާއަތަށް އެހީތެރިވުން ހުއްޓާލުމާއި އީރާނާއަދި ތުރުކީއާ އެކު ގަތަރުން ބާއްވާ ގުޅުންތައް ވަރަށްބޮޑަށް ކުޑަކޮށްލުމާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް އެހީތެރިވުން ހުއްޓާލުމާއި ގަލްފުގެ ބައެއް އިދިކޮޅު ފަރާތްތަކަށް ސަޕޯޓް ކުރުން ގަތަރުން ހުއްޓާލުން ފަދަ ކަންކަން ހިމެނެ އެވެ.

ގަތަރުން ވަނީ މިކަންކަމަށް އިޖާބަ ދިނުމަށް ދެކޮޅު ހަދައިފަ އެވެ. ގަތަރާ ދެކޮޅަށް ޙިސާރުގެ ފިޔަވަޅުތައް އެޅި ދުވަސްވަރު ގަތަރުގެ ވެރިކަން އިންގިލާބަކުން ބަދަލުކޮށްލުމުގެ ރޭވުމެއް ސައޫދީ އިން ރޭވިކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް