ޔޫތު މިނިސްޓްރީން ރ. އަތޮޅުގެ ރަށްތަކަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޔޫތު މިނިސްޓްރީން ރ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން ---

ޔޫތު މިނިސްޓްރީގެ ފަރާތުން ރ. އަތޮޅު ގިނަ ރަށްތަކަށް ކުޅިވަރު ސާމާނު ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގެ ކުޅިވަރު މަރުކަޒުތަކާއި ކުޅިވަރު ދަނޑުތައް ހަރުދަނާކުރުމަށް ފަށައިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ރ. އަތޮޅަށް ވެސް ވަނީ މިނިސްޓްރީގެ ޓީމެއް ގޮސްފަ އެވެ.

އެގޮތުން ރ. އަތޮޅަށް ކުރި ދަތުރުގައި މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު ރީހާނާއި އިބްރާހީމް އަލީވެސް ވަޑައިގެންފައިވާ އިރު، ރަށްރަށަށް ހަވާލުކޮށްފައިވާ ކުޅިވަރު ސާމާނުގެ ތެރޭގައި ފުޓްސަލް ބޯޅަ، ފުޓްބޯޅަ، ބެޑްމިންޓަން ކުޅޭ ސާމާނު، ބަށި، ބާސްކެޓް، ޓީޓީ، ޑާޓް، ރާޒުވާ އަދި ބިލިޔާޑް ކުޅޭ ސާމާނު ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ދަތުރާ ގުޅިގެން ރީހާން ވިދާޅުވީ މިނިސްޓްރީން ކުރާ މަސައްކަތްތަކަކީ ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށްވާ އާބާދީ ކިތަންމެ ބޮޑަސް ކުޑަޔަސް އެއްވެސް ޒުވާނަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ދަތުރުތަކެއް ކަމަށެވެ. ރީހާން އިތުރަށް ވިދާޅުވީ ރ. އަތޮޅަށް ކުރި ދަތުރުގައި ކުޅިވަރު ސާމާނު ހަވާލުކުރުމުގެ އިތުރުން ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުތަކުގައި އަނދާފައި ހުރި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށެވެ.

"އުނގޫފާރުގެ ފުޓްސަލް ދަނޑުގެ އަނދާފައި ހުރި ލައިޓްތައް މިހާރު މިވަނީ ބަދަލުކުރެވި ޒުވާނުން މި ދަނޑުގެ ބޭނުން ހިފަމުން. އެގޮތުން އުނގޫފާރުގައި މިވަގުތު ކުރިޔަށްދާ ޕޮލިސް ފުޓްސަލް ކަޕް 2018 އަޅުގަނޑު ފާހަގަކޮށްލަން. ރ. ވާދޫ ފުޓްސަލް ދަނޑުގައި އަނދާފައި ހުރި ލައިޓްތައް ވެސް ބަދަލު ކުރެވިއްޖެ،" ރީހާން ވިދާޅުވި އެވެ.

އަދި ރ. އަތޮޅުގައި ޒުވާނުންގެ މަރުކަޒުތައް ގާއިމްކޮށްފައިވާ ތިން ރަށް ކަމަށްވާ އުނގޫފާރާއި މާކުރަތު އަދި ވާދޫގެ އިތުރުން ޒުވާނުންގެ މަރުކަޒުތައް ނެތް ރަށްރަށް ވެސް ކުޅިވަރުގެ ސާމާނު ހަވާލުކޮށްފައިވާ އިރު، ކޯޑިނޭޓަރު އިބްރާހީމް އަލީ ވިދާޅުވީ ހުރިހާ ރަށެއްގެ ކައުންސިލާއި މުއައްސަސާތަކާއި ވަކިން ހާއްސަކޮށް އެރަށެއްގައި ދިރިއުޅޭ ޒުވާނުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

comment ކޮމެންޓް