ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މިނިސްޓަރު ޒަމީރު ބައްލަވާލައްވައިފި

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައްލަވާލެއްވުން--ފޮޓޯ/އެމްޓީސީސީ

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައްލަވާލައްވައި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު ކުރިއަށްދާ ގޮތް މިނިސްޓަރު ޒަމީރު ބައްލަވާލައްވާފައި ވަނީ އިއްޔެ އެވެ. މިނިސްޓަރު އަރިހުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވަނީ ބައިވެރިވެފަ އެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ވަނީ އެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު އަރިހުގައި ބައްލަވާ ލައްވައިފަ އެވެ.

މިނިސްޓަރު އިއްޔެ ވަނީ އެ މަސައްކަތައް ގެނެސްފައިވާ ބަރު އުޅަނދުތަކާއި އަދި މިހާރު ކުރިއަށްދާ ސަބް ގްރޭޑިންގގެ މަސައްކަތް ބައްލަވާލައްވައިފަ އެވެ. އެ މަސައްކަތައް ބޭނުންވާ ބަރު އުޅަނދުތައް ކުޅުދުއްފުށީ ޕޯޓަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާތެރޭގަ އެވެ.

އެ މަޝްރުއުއާ ގުޅޭ ގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ހެޑް ރިޓަޔާޑް ކަމިޝަނާރު އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ މިވަގުތު ކުރިއަށްދަނީ ރަންވޭގެ ސަބް ގްރޭޑިންގް މަސައްކަތް ކަމަށާއި އެ ރަށުގައި އަޅާ 1.2 ކިލޯ މީޓަރުގެ ރަންވޭގެ 800 މީޓަރުގެ ސަބްގްރޭޑިންގް މަސައްކަތް ނިންމާފައިވާ ކަމަށެވެ.

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައްލަވާލެއްވުން--ފޮޓޯ/އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް އެމްޓީސީސީ އިން ނިންމަން ޖެހޭނީ 160 ދުވަހުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ އަގަކީ 53.9 މިލިޔަން ރުފިޔާ އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު ހެދުމަށް ޓަކައި އެރަށުގެ ފަޅުން ހަ ހެކްޓަރު، އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ އެމްޓީސީސީން، އެކުންފުނީގެ ޑްރެޖަރު "މަހާ ޖައްރާފުން"ނެވެ.

comment ކޮމެންޓް