ބާޒާރުން ދިވެހި އަނބު "ގެއްލިއްޖެ"!

ލޯކަލް މާރުކޭޓްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރޯދަމަސް ފެށިގެން އައި އިރު ލޯކަލް މާރުކޭޓައި ބޮޑުތަކުރުފާނު މަގުގެ އަރިމަތި ފުރާލާފައި އޮތީ ފުވައްމުލަކު ދިވެހި އަނބުންނެވެ. ދޮންވެ ފައްކާވެފައިވާ ދިވެހި އަނބުތަކުގެ ވަސް މުޅި ބާޒާރުމައްޗަށްވެސް އޭރު އޮތީ ފެތުރިފައެވެ. ނަމަވެސް މިހާރު ބާޒާރުން ދިވެހި އަނބު "ގެއްލިއްޖެ"އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދިވެހި އަނބު ފެންނަން ހުރީ އެންމެ ދެ ގޮޅިއަކުންނެވެ. އެތަކެތީގެ އަގު ވެސް އެހާ ބޮޑެވެ. ހައެއް ނުވަތަ ހަތް އަނބު ހިމެނޭ "ބައެއް" 100 ރުފިޔާއަށެވެ.

ދެން ހުރީ މުޅިންވެސް ބޭރު އަނބެވެ. އިންޑިއާ އަނބުކަމަށް ގޮޅިތަކުން ބުންޏެވެ. އެތަކެތީގެ އަގު އުޅެނީ ކިލޯއެއް 55، 60 އަދި 65 ރުފިޔާއަށެވެ. މާރުކޭޓުގައި ދިވެހި އަނބު މަދުވާ ސަބަބެއްކަމަށް މާރުކޭޓުގެ ގޮޅިއެއްގައި އިން މީހަކު ބުނީ މިހާރު އަނބު ނުލިބުމެވެ. އަނބު މޫސުން ނިމުމަކަށް އައީ ކަމުގައި ވެސް ވެދާނެއެވެ.

ލޯކަލް މާރުކޭޓްގައި ވިއްކަން ހުރި އަނބު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ލޯކަލް މާރުކޭޓުގައި ދިވެހި އުފެއްދުންތައް ހުރުމަށް ގިނަ ބަޔަކު ހިތްއެދުނު ނަމަވެސް މިހާރު ގިނައިން ފެނިގެންދަނީ ބޭރުން އެތެރެކޮށްގެން ވިއްކާ ބާވަތްތަކެވެ. ރާއްޖޭގައި ނުހައްދާ ކިވީ، އާފަލު، އޮރެންޖު ފަދަ ތަކެތިން ފެށިގެން ރާއްޖޭގައި އުފައްދާ ލެޓިއުސް، ޖުމްހޫރީ މޭވާ އަދި ފޭރު ފަދަ ތަކެތިވެސް ގިނަ ގޮޅިތަކުގައި ހުންނަނީ ބޭރުން ގެނެސްފައެވެ.

ލޯކަލް މާރުކޭޓްގައި ވިއްކަން ހުރި ބޭރުގެ ބައެއް ތަކެތި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ލޯކަލް މާރުކޭޓުގައި މިހާރު ދިވެހިން އެންމެ ގިނައިން ގަންނަ މޭވާގެ ބާވަތްތަކުގެ އަގުތަކަށް ބަލާލާއިރު ޖުމްހޫރީ މޭވާ (ޕެޝަން ފްރުޓް) ކިލޯއެއް 60 ރުފިޔާ، ކަރާ ކިލޯއެއް 30 ރުފިޔާ، ފޭރު ކިލޯއެއް 70 ރުފިޔާ، އަންނާރު ކިލޯއެއް 85 ރުފިޔާ، އާފަލު އަދި އޮރެންޖް ތިން ރުފިޔާ އާއި 6 ރުފިޔާ އާއި ދެމެދުގެ އަގަކަށެވެ.

ލޯކަލް މާރުކޭޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުމަތީގެ ފިހާރަތަކުންނާއި އެހެންވެސް ފިހާރަތަކުން ބޭރުން އެތެރެކޮށްގެން ވިއްކަމުން އަންނަ މޭވާއާއި ތަރުކާރުގެ ބާވަތްތައް މިހާރު ލޯކަލް މާރުކޭޓުގައިވެސް ވަނީ ގިނަވެފައެވެ.

comment ކޮމެންޓް