ތައިލެންޑްގެ މަޝްހޫރު މާޔާ ބޭ ވަގުތީ ގޮތުން ބަންދުކޮށްފި

ތައިލެންޑްގެ މަޝްހޫރު މާޔާ ބޭ ހިމެނޭ ރަށުގައި ގިނަ އަދަދެއްގެ ފަތުރުވެރިން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ތައިލެންޑުގެ ދެކުނުގެ ކްރާބީ ޕްރޮވިންސްގެ ޖަޒީރާއެއްގައި އޮންނަ މުޅި ދުނިޔެއަށް މަޝްހޫރު "މާޔާ ބޭ" ފަޅު ހަތަރު މަސް ދުވަހަށް ބަންދުކޮށްފިއެވެ.

މާޔާ ބޭ ފަޅު އޮންނަނީ ކްރާބީ ޕްރޮވިންސްގެ ޖަޒީރާ ރަށްތަކެއް ކަމުގައިވާ ޕީ ޕީ އައިލެންޑްސްގައި ހިމެނޭ ކޯ ޕީ ޕީ ލީ ކިޔާ ރަށުގެ ހުޅަނގު ފަޅީގައެވެ.

https://sun.mv/105905

ދުނިޔޭގެ ލޮލުގައި މާޔާ ބޭ އަޅައިގަތީ އިނގިރޭސި ޑިރެކްޓަރު ޑެނީ ބޯއިލް ޑައިރެކްޓްކޮށް، ލިއޮނާޑޯ ޑިކެޕްރިއޯ ފެނިގެންދާ ފިލްމު "ދަ ބީޗު"ގެ މަންޒަރުތައް އެ ފަޅާއި ފަޅާ އިންވެގެން އޮންނަ ގޮނޑުދޮށުގައި ނެގުމުންނެވެ.

"ހަޓް ނޯޕަރަޓް ތަރާ" މެރިން ނޭޝަނަލް ޕާކުގައި އޮންނަ މާޔާ ބޭ ފަޅަށް ދުވާލަކު އެވަރޭޖްކޮށް 4،000 މީހުން ޒިޔާރަތްކުރާ އިރު، އެ ފަޅުގެ ގޮނޑޮށަށް ދޯންޏާއި ލޯންޗުފަހަރު ގާތްކުރާތީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އެހެންކަމުން ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީއިން ވަނީ އިއްޔެއިން ފެށިގެން ހަތަރު މަސް ދުވަހަށް އެ ފަޅު ހިމެނޭ ރަށް ބަންދުކުރުމަށެވެ.

ތައިލެންޑްގެ މަޝްހޫރު މާޔާ ބޭ ފަޅު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މި ހަތަރު މަސް ތެރޭގައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕާކްސްއިން އެސަރަހައްދުގެ ފަރާއި ގޮނޑުދޮށުގެ ހާލަތު ބެލުމަށާއި، އެންވާރަމަނަންޓް ކޮންޓްރޯލް އެންޑް ޓޫރިޒަމް މެނޭޖްމެންޓާ ބެހޭ ކޮލިޓީ އިވެލުއޭޝަން ދިރާސާއެއް ކުރާނެ. މި ދިރާސާގެ މަގްސަދަކީ ކުރިއަށް އޮތްތަނުގައި އޮފް ސީޒަންތަކުގައި މާޔާ ބޭ ފަޅުގެ ތިމާވެށި ރައްކާތެރިކަމާއެކު ދެމެހެއްޓޭނެ ގޮތްތަކެއް ހޯދުން" ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑުން ނެރުނު ބަޔާނެއްގައި ވެއެވެ.

ކޯ ޕީ ޕީ ލީ ރަށާއި އެރަށުގެ މާޔާ ބޭ ފަޅު ވަގުތީ ގޮތުން ބަންދުކުރާ އިރު، އެ މުއްދަތުގައި ބޯޓުފަހަރަށް އެރަށަށް އެރުމަށާއި އެސަރަހައްދުގައި ނަގިލި ބޭނުންކޮށްގެން މަޑުކުރުން މަނާވާނެއެވެ.

ކްރާބީ ޕްރޮވިންސްގެ ޕީ ޕީ އައިލެންޑްސްއާއި މާޔާ ބޭއަކީ ތައިލެންޑަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންގެ ބަކެޓް ލިސްޓުގައި ހިމެނޭ މަންޒިލެކެވެ.

comment ކޮމެންޓް