މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރު މި މަހު ހުޅުވަން މަަސައްކަތް ކުރަނީ

މެލޭޝިއާގައި އުޅޭ ދިވެހިންނަށް އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓުވިޓާ

މެލޭޝިއާގައި އުޅޭ ދިވެހިންނަށް ދީނީ އަދި ދިވެހި ސަގާފަތާ ގުޅޭ ތައުލީމީ ހުނަރު އަދި އެކިއެކި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ގާއިމުކުރާ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު މި މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ހުޅުވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޑިސެމްބަރު މަހު، މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަން "ސަން" އަށް ވިދާޅުވީ ކަލްޗަރަލް ސެންޓަރު މި މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ކަލްޗަރަލް ސެންޓަރު ހުޅުވުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރެވިފައި. ދެން އާ ބޮޑުވަޒީރު މަހާތީރާވެސް މަޝްވަރާ ކުރެވި އެކަމަށް އޮތީ ރުހުން ލިބިފައި،" ފަހުމީ ވިދާޅުވިއެވެ.

https://sun.mv/98585

ފަހުމީ ވިދާޅުވީ ކަލްޗަރަލް ސެންޓަރު ހުޅުވިގެން ދާއިރު އެތަނުގައި ދިވެހިބަހާއި އިސްލާމް އަދި ޤުރުއާން ވެސް ދިވެހި ދަރިވަރުންނަށް ކިޔަވައިދޭގޮތަަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެތަނުގައި ދިވެއްސާއި އިސްލާމް އަދި ގުރުއާން ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން އިސްލާމިކް މިނިސްޓްރީއާ އެޑިއުކޭޝަން މިނިސްޓްރީން ހޯދަމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"ދިވެއްސާއި އިސްލާމް ކިޔެވުމަށް މިހާރުވެސް 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ ނަން ނޯޓުކޮށްފައި. ކްލާސް ފެށުމުން އިތުރު ކުދިން ބައިވެރިވާނެ ކަމަށް ބެލެވޭ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެ ކަލްޗަރަލް ސެންޓަރުން ދިވެހިންނަށް އަމާޒުކޮށް ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ކުޅިވަރުގެ މުބާރާތްތައް ހިމެނޭ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"މިހާރު މަސައްކަތްކުރަމުން މިގެންދަނީ އީދު ބަންދުގައި ފުޓްސަލް މުބާރާތެއް ބޭއްވޭތޯ،" ފަހުމީ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ސްރީލަންކާގެ ކޮލޮމްބޯގައިވެސް ދަނީ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ)ގެ ނަމުގައި މަރުކަޒެއް ހިންގަމުންނެވެ. އެތަން ހިންގަނީ ކޮލޮމްބޯގައި ހުންނަ، ދިވެހީންގެ "ސޯސަންވިލާ" ބިމުގައެވެ. ސްރީލަންކާގައި އުޅޭ ދިވެހި ދަރިވަރުންނަށް އެތަނުގައި ވެސް ދިވެހިބަހާއި އިސްލާމް އަދި ގުރުއާން ކިޔަވައިދޭ އިރު، އެސްއެސްސީ އިމްތިހާނުވެސް އެތަނުގައި ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ލަންކާގައި އުޅޭ ދިވެހީންނަށް ތަފާތު އިޖްތިމާއީ ހަރަކާތްތައްވެސް ހިންގައެވެ.

comment ކޮމެންޓް