އެއާ އިންޑިއާގެ މެޖޯރިޓީ ހިއްސާ ގަންނާނެ ބަޔަކު ނުވި

އެއާ އިންޑިއާގެ ބޯޓުތަކެއް ---

އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ 76 ޕަސަންޓު ހިއްސާ ވިއްކާލުމަށް އިންޑިއާ ސަރުކާރުން ކުރި މަސައްކަތުން، ހިއްސާ ގަތުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

އެއާ އިންޑިއާގެ 76 ޕަސަންޓު ހިއްސާ ވިއްކާލުމަށް އިންޑިއާ ސަރުކާރުން ނިންމީ އެއާލައިން ޕްރައިވަޓައިޒްކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން ސެކްރެޓަނީ އާރުއެން ޗޮއުބޭ ވިދާޅުވީ، ސިވިލް އޭވިއޭޝަން މިނިސްޓްރީން ގަބޫލުކުރީ އެއާލައިނުގެ 76 ޕަސަންޓު ހިއްސާއަކީ ބޮޑު މިންވަރެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އިންވެސްޓަރުން މިކަމަށް ޝައުގުވެރިވާނެ އެހެން ގޮތްތަކެއް ހުރިތޯ ބަލަމުން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކަމާ ބެހޭ މާހިރުން ބުނި ގޮތުގައި، އެއާ އިންޑިއާގެ މެޖޯރިޓީ ހިއްސާ ގަތުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރީ އިންޑިއާ ސަރުކާރުން ކޮށްފައިވާ ބައެއް ޝަރުތުތަކާ ގުޅިގެން ކަމަށެވެ. ހިއްސާ ގަންނަ ފަރާތަކުން އެ އެއާލައިނުގެ 27،000 މުވައްޒަފުންނަށް ފުރިހަމަ ޒިންމާ ނަގަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.

އަދި ސަރުކާރުގެ އަތުގައި އެއާލައިނުގެ 24 ޕަސަންޓު ހިއްސާ ދެމިއޮންނަ އިރު، މެޖޯރިޓީ ހިއްސާ ގަންނަ ފަރާތަކުން މުވައްޒަފުންގެ ރައްކާތެރިކަމަށް ކުރަންޖެހޭކަމަށް ޝަރުތުކުރާ ކަންކަން ލިޔެވިފައި ވެސް ނެތެވެ. އެއީީވެސް ހިއްސާ ގަތުމަށް ޝައުގުވެރިކަން ކުޑަވެދާނެ ސަބަބެއް ކަމަށް ބައެއް މާހިރުން ބުނެއެވެ.

އެއާ އިންޑިއާއަށް ފައިދާ ނުވާތާ މިހާރު 10 އަހަރު ވެއްޖެއެވެ. ހިއްސާ ގަންނަ ފަރާތަކުން، އެ އެއާލައިނުގައި މިވަގުތު އޮތް ފަސް ބިލިޔަން ޑޮލަރުގެ ބޮޑު ދަރަނި ބޮލުއަޅަން ޖެހޭނެއެވެ. އެއާ އިންޑިއާއަށް އެންމެ ފަހުން ފައިދާއެއް ލިބުނީ 2007 ވަނަ އަހަރުއެވެ.

comment ކޮމެންޓް