ތަފާތު ލޯތްބެއް - 08

"ހޫމް. އެކަމަކު ނޯ ކުރިން ނުބުނީމަ ކުއްލިއަކަށް ފޮށިގަނޑު ތެޅެންފެށީމަ ބިރުގަތީ...." ކެމީލާ އެނބުރުނުއިރު ފޮށިގަނޑުން ބޭރަށް ނިކުމެފައި އޮތް ކަފަ ބޯޅައެއްކަހަލަ ބުޅާ އުރާލައިގެން ކުޑަ ކުޑަ އަންހެންކުއްޖަކު ހިނިތުންވެލައިގެން ހުރިއިރު ހިތްގައިމު މަންޒަރެކެވެ. އެކުއްޖާގެ ހިތުގައި ބުޅަލަށް އޮތް ކުލުނާއި ލޯބި އެ ވިދުވަރުގަދަ ދެލޮލުން އޮހޭފަދައެވެ. ކެމީލާގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އެކުޑަ އަންހެންކުއްޖާގެ ކޮނޑުގައި ލުއިކޮށް ޖައްސައިލެވުނު އަތުގައިވާ އަގުބޮޑު ގަޑިން އެކަނިވެސް އެއީ ކާކުކަން އަންގާދީފިއެވެ. ކައިޒާންއާއި ކައިޒާންގެ އަންހެން ދަރިފުޅާއި މިފަދަ ގޮތަކަށް ބައްދަލުވެދާނެކަމަށް ހިޔެއްނުކުރެއެވެ. ފުންމައިގެން ތެދުވުނުއިރު ޔަގީނުން ކޯތާފަތަށް ހޫނުވެލައިފިއެވެ.

ކައިޒާންއަށްވެސް ވީ އެކަހަލަ ގޮތެކެވެ. މިއީ އެދުވަހު ޖޯން އޭ ކިޔައިގެން އޭނަ ކައިރިން ސުވާލުކުރި އަންހެންކުއްޖާއެވެ. މިފަދަގޮތަކަށް ފެނުމުން ހިނިތުންވެލެވުނެވެ.

"މިއީ އަހަރެންގެ ދަރިފުޅު ޖޫލް......" ކައިޒާން ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ. އޭނަގެ ހިނިތުންވުން އަރައިގެން އަންނަ އިރުފަދައެވެ. އެފަދަ ހޫނުކަމެއް އެ ހިނިތުންވުމުގައިވިއެވެ. ޔަގީނުންވެސް ކެމީލާގެ ހިތާއި ހަމަޔަށް ފޯރިއެވެ.

ކެމީލާގެ އަތުތެރެ ބެދިފައިވުމުން ހަމަ އެކަނި ބޯ ޖަހައިލެވުނީއެވެ.

"އިޒް ދިސް ޔޯސް؟" ކައިޒާން ސުވާލުކުރިއެވެ.

"ނޫން. އެކަމަކު....." ކެމީލާ އަޖައިބުވިއެވެ. ކައިޒާން ފެނުމުން އޭނަގެ ޖިސްމަށް އެ އަންނަ އޮއިވަރަކާއިމެދު އަމިއްލަ ނަފުސްވެސް ހައިރާންވެ ސުވާލު މާކުތަކެއް ސިކުނޑީގައި ޖެހެއެވެ. އެ ހިތަށް ފާރަވެރިވެ ހަމަ މަގަށް އެޅުވުން އަބަދު ވިސްނާކުއްޖެކެވެ.

"އެއީ ފްރެންޑަކަށް ކުއްޖަކު ދިން ގިފްޓެއް. ވަގުތީގޮތުން ގެއަށް ގެންދަންވެގެން.....ދަރިފުޅު ވަރަށް ރީތި މާޝާﷲ......." ކެމީލާ ޖޫލްގެ މަޑު ކޯތާފަތުގައި އަތްތިލައިން ބީއްސައިލިއެވެ. ވިކާލާހިތްވިއެވެ. ކުޅަދުންވަންތަކަމެވެ. ކައިޒާން ޝުކުރު އަދާކުރިއިރު ތުންފަތަށް ވެރިވެފައިވީ ފަނޑު ހިނިތުންވުމެކެވެ.

"ކެން އައި ހޭވް ދިސް...." ޖޫލް ތުއްތު އަޑަކުން ވާހަކަދެއްކިއެވެ.

"ޖޫލް ތީ މީހެއްގެ އެއްޗެއް. މި ދައްތަގެ އަމިއްލަ އެއްޗެއް ނަމަ ދޯ ދެވޭނީ....." ކައިޒާންގެ ވާހަކަތަކުން ޖޫލްގެ ދެލޮލަށް މޮޅިވެރިކަން ވެރިވެ ކަރުނުން ފުރިއްޖެއެވެ. ޖޫލް ބުޅަލާއިހެދި މިހާ އުޅޭކުއްޖެއްކަން އެނގުމުން ޕެޓްވިއްކާ ފިހާރައެއް ހުރިތަނެއް އެނގޭހެއްޔޭ އަހާލުމުން ކެމީލާ ބުނީ އެފަދަ ތަނެއް މާލޭގައި ހުންނަކަމެއް ނޭގޭކަމުގައެވެ. ޖޫލް އެހާވަރުން އުޅޭތީ ބުޅާގޮވައިގެން އެގެއަށް އިރުކޮޅަކަށް ގޮސްދާނެކަމުގައި ކެމީލާ ބުނެލިއެވެ. ތިންމީހުން އެކީގައި ހިނގާލާފައި ދިޔައިރު ކެމީލާ ޖޫލްގެ އަތުގައި ހިފެހެއްޓިއެވެ. ޖޫލް ފާރުކައިރީ ބަހައްޓައިގެން އޭނަ ދިޔައީ އެކުއްޖާއަށް މި ހަނިމަގުތަކުން ސަލާމަތާއި ރައްކާތެރިކަން ދޭންވެގެންނެވެ. ގެއާއި ހަމަޔަށް ގޮސްފައި ކެމީލާ ޖޫލްގެ މަންމައާއި ބެހޭގޮތުން ސުވާލުކުރިއެވެ. ކައިޒާން ބުނީ ލީސާވީ އެމެރިކާގައި ކަމުގައެވެ. އިތުރަށް އޮޅުން ފިލުވާކަށް ނުކެރުނެވެ. ވީއިރު އަރަތުގެ އެތިކޮޅުތައް ކޮންމެވެސް ވަރަކަށް އަތުރައިލެވިއްޖެކަމުގައި އޭނަ ހީކުރިއެވެ. ޖޫލްގެ މަންމައަކީ އެމެރިކާމީހެއްކަން ޖޫލްއަށް ލިބިފައިވާ ސިފަތަކުން އެބަ އެނގެއެވެ. ކައިޒާންވެސް އުޅެ ބޮޑުވެފައިވަނީ ރާއްޖެއަކު ނޫނެވެ. މިހާރު މާލެއަށް ބަދަލުވީބާވައެވެ.

ކެމީލާ އަށް ދައުވަތު ލިބުމުންވެސް ގެއަށް ވަންނާކަށް ނުކެރުނެވެ. މެދުގޯތިތެރެއަށް ކެމީލާއާއި ޖޫލް ކުޅެން ދޫކޮށްލާފައި ކައިޒާން އެތެރެއަށް ވަނެވެ. ސިޓިން ރޫމްގައި އިރުކޮޅެއްވާންދެން ބަލަން ހުރީ ކެމީލާއަށް އިތުބާރުކުރެވިދާނެކަން ޔަގީންކުރަން ވެގެންނެވެ. މާކަސް ނެނީއެއް ހޯދާވާހަކަ ބުނެފައި އޮތުމުން މިކުއްޖާ އެކަމަށް އެކަށީގެންވެއޭ ހިތަށް އެރިއެވެ. ނަމަވެސް އެ ލަފުޒުތައް ވަގުތުން ހިތުން ބޭރުކޮށްލައިފިއެވެ. އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ދިރިއުޅުމުން ޖާގައެއް ދޭން ތައްޔާރެއްނޫނެވެ. ނެނީއަކަށްވެސް މެއެވެ.

ފޯނެއް އައުމުން ކެމީލާ ނެގިއިރަށް ނޯޔާ ރޯންފެށިއެވެ. ބުޅާ ގެއަށް ގެންނަން ދޮންބެ ނާޔަލްގެ ހުއްދަ ނުލިބުނުކަމުގައި ބުނުމުން ކެމީލާ ނުރުހުންވިއެވެ. ނާޔަލްގެ އަމިއްލަ އެދުންބޮޑުކަން ނޫން ދެން ކޯންޗެއް ހެއްޔެވެ. ހިތްހަމަނުޖެހިފައި ހުރެ ސުވާލުކޮށްލެވުނެވެ. ލިބުނު ޖަވާބުން ސާފުވީ ނާޔަލް ކޮއްކޮދެކެ ލޯބިވާލެއް ބޮޑުކަމުން ނޯޔާއަށްޓަކާ މަނާކުރީކަމެވެ. ނޯޔާގެ ސިއްހަތާއިމެދު ވިސްނާ ބޭބެއެއްގެ ހައިސިއްޔަތުން ހުއްދަ ނުދިނީއެވެ. ނޯޔާއަކީ ކުޑައިރުއްސުރެ ނޭވާއަށް އުދަގޫކުރާކުއްޖެކެވެ. ބުޅަލުގެ ސަބަބުން ނޯޔާގެ އެ މައްސަލަ އަލުން ހިލިދާކަށް އޭނަ ނޭދުނީއެވެ. އޭނަގެ ދޮންބެވެސް އެހާ ރަގަޅުވާނެނަމައޭ ހިތަށް އެރިއެވެ. މެލޭޝިއާގައި ކިޔަވަން ހުންނައިރު ޚަބަރެއްވެލަނީވެސް ދާދި މަދު ފަހަރެއްގައެވެ.

ނޯޔާގެ ފޯނުކޯލުގެ ސަބަބުން ޖޫލްއަށް ބުޅާ ހަދިޔާކުރަން އޭނަ ނިންމިއެވެ. ޖޫލްއަށް އުމުރުދުވަހުވެސް އެހާ އަގުހުރި ހަދިޔާއެއް ލިބުނުކަމެއް ނޭގެއެވެ. ކެމީލާގެ ފައިގާ ބާރަށް ބައްދާލިއެވެ. އެހާ ކުޑައިރުވެސް ޝުކުރުކުރަން އެކުއްޖާގެ މަންމަ ދަސްކޮށްދީފައިވިއެވެ.

"ކައްމި ދައްތަ ކޮންމެ ދުވަހަކު އަންނަންވާނެ ކުޅެން..." ޖޫލް އެދުނެވެ.

"ބަލާނަން..." ކެމީލާ ޖޫލްގެ ނިތްކުރިއަށް ބޮސްދިނެވެ.

"ޕްރޮމިސް މީ..." ޖޫލްގެ ދެލޮލުން ފެނުނީ އާދޭހުގެ ކުލަވަރެވެ. އެކުއްޖާ ކެމީލާއާއި ގަޔާވީލެއް ބޮޑުކަމުން އެންމެ ފަހަރަކުވެސް ދުރުގައި އުޅެން ބޭނުމެއްނުވި ފަދައެވެ.

ކެމީލާ ދާ ވަގުތު ޖެހުމުން ޖޫލް ކެމީލާއާއި ވަކިކޮށްލުން ފަސޭހައެއްނުވިއެވެ. ކައިޒާން އުރާލުމުން ބާރުބާރަށް ރޯންފެށިއެވެ. އެމަންޒަރު ފެނި ކެމީލާގެ ހިތަށް ބާރުވެލިއެވެ. ދުވަހަކު ކުޑަކުއްޖަކާއިއެކު މިފަދަ ގާތް ގުޅުމެއް އުފެދިފައެއްނުވެއެވެ. ކުޑަ ވަގުތުކޮޅަކަށްފަހު ޖޫލްގެ ހިތް ކެމީލާއަށް އެކީ ދެވިއްޖެއެވެ. މަގަށް ނިކުތްއިރުވެސް އެހިސާބުގައި ހިފާލާފައިވީ ޖޫލްގެ ރުއިމުގެ އަޑެވެ.

"އައި ވިޝް އައި ކެން ސްޓޭ........ އެކަމަކު އެއީ އެކަށީގެންވާކަމެއް ނޫން. ޖޫލް ޅަކަމުން އަދި ނުވިސްނޭތީ އޭނައާއިއެކު އުޅެން ބޭނުންވަނީ........" ކެމީލާ މޮޅިވެރިކަމާއިއެކު ވިސްނައިލިއެވެ. އޭނައަކަށް ކައިޒާން އަދި ޖޫލްގެ ދިރިއުޅުމުގައި އެއްވެސް ހިއްސާއެއްނެތެވެ. އެމީހުންނަކީ އާއިލާއެއް ނޫނެވެ. އެކުވެރިންނެއްވެސް ނޫނެވެ. އެހެން ގައުމެއްގެ އެހެން ސަގާފަތެއްގެ ބަޔެކެވެ. ޖޫލްގެ މައްޗަށް އެއްވެސް ހައްގެއްނެތެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ޖޫލް އޭނަގެ އެކުވެރިއަކަށް ވެއްޖެއެވެ. އުމުރުގެ ތަފާތެއް އެކުވެރިކަމުގައި ނުއޮންނާނެއެވެ. ކޮންމެ އުމުރެއްގެ ބަޔަކަށްވެސް އެކުވެރިންނަށް ވެވިދާނެއެވެ. ޖޫލްއާއިއެކު ކުޅެ ސަކަރާތް ޖަހައިލެވުމުން ހުރިހާ ފިކުރަކާއި ޚިޔާލަކުން މިންޖުވެ އެ އުމުރަށް އަލުން ދެވުނުފަދައެވެ. ކެމީލާގެ ހަނދާނުގައި އެ ދުވަސްތައް ނެތަސް އޭނަ ގައިމު ޖޫލްއާއިއެކު ކުޅުނީ ކުޑަކުއްޖެއްފަދައިންނެވެ.

މާކަސް ގެއަށް އައީ ސަބްމެރިންއާއި ޗީޒްކޭކު ގަނެގެންނެވެ. ކޮފީހެދުމުގައި އަވަދިނެތި އުޅެނިކޮށް ކައިޒާން އެތަނަށް ވަންއިރު ކޮނޑުމަތީގައި ނިދިފައި އޮތީ ޖޫލްއެވެ. ކައިޒާން ދައްކައިލީ ޖޫލްގެ މޫނެވެ. ކައިޒާންގެ ކޮނޑުގައި ޖެހި ފިތިފައިވާ އެދޮން މޫނުކޮޅު ރަތްވެފައިވާއިރު އެސްފިޔަތަކުގައި ކަރުނަ ހަރުލާފައިވެއެވެ. ނިދީގައި އޮވެވެސް ޖޫލްއަށް ގިސްލެވެމުންދިޔައެވެ. މާކަސް ދެބުމަ އަރުވައިލީ ވެގެން އުޅޭގޮތް އަހާލުމަށެވެ. ކައިޒާން އަތުގެ އިޝާރާތުން މިއަންނަނީއޭ ބުނެފައި ނިކުތީ ޖޫލް އެނދުގައި ބާއްވަން ވެގެންނެވެ.

ކޮފީބޯން ޖައްސާލާފައި ކައިޒާން ކުރުގޮތަކަށް އެ ހާދިސާކިޔައިދިނެވެ. މިއަދު ދިމާވި އަންހެންކުއްޖަކާއިހެދި ޖޫލް އުޅުނުވަރު އެނގުމުން މާކަސް މޭޒުމަތީގައި އަތުން ޖަހައިލިއެވެ.

"ދެޓްސް އިޓް ކައި. އަހަރެމެންނަށް ނެނީއެއްލިބުނީ. ބަޓް ހަމަ ކުއްލިއަކަށް އަހަންނަކަށް ނުކެރޭނެ އެކުއްޖާ ހަޔާ ކުރާށޭ ބުނާކަށް. ކައިގެ ޚާންދާންއާއި މުއްސަދިކަން އަދި ތިފެންވަރުގެ މީހެއްގެ ދަރިއަކަށް ނެނީއެއް ހޯދާއިރު އެގާލްއެއްގެ ބެކްގްރައުންޑް ވަރަށް ރަގަޅަށް ޗެކްކޮށްލަންވާނެ. މިއީ އާދައިގެ މުސާރައެއް ލިބޭނެ ކަހަލަ ވަޒީފާއެއްނޫން. ކުޅޭ ކުޅޭ އަންހެންކުއްޖަކަށް މިފަދަ މަގާމެއް ނުދެވޭނެ. ކިޔަވައިގެން ހުރި ޕްރޮފެޝަނަލްއަކަށް ދޯ ޖޫލްގެ ނެނީއަކަށް ވެވޭނީ. ފަސްޓްއެއިޑް ކަހަލަ ކަންތައްވެސް އެނގެން ޖެހޭނެ. މިސާލަކަށް ޖޫލް ކުޅެން އިނދެފައި އެއްޗެއް ދިރުވައިލީ. ޔޫ ނޯ ކުދިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ނެނީއަށް އެކަހަލަ ކަންތައް ހެންޑްލް ކުރެވެންވާނެ. ކައި ތި ޑިސްކްރައިބް ކޮށްދިންގޮތުން ޖޫލްގެ އޭޖްގެ ކުއްޖެއްގެ އުޅުން ފެނުނީ. އަދި ޖެހޭނެ އޭނަ ކިޔަވައިގެން ހުރި ފެންވަރާއި މިޒާޖާއި އުޅުން ޗެކްކޮށްލަން. ތިކަމާއި އުޅެނަން އިނގޭ..." މާކަސް ސަބްމެރިންއިން އެތިކޮޅެއްގެ ރަހަ ބަލައިލިއެވެ.

ކައިޒާންވެސް އެކަމާއި އެއްބަސްވިއެވެ. އެހެންނޫނަސް އޭނަ ހުރީ އެހާ ފަސޭހައިން ނެނީއެއް ގެންނަން އެއްބަސްވާގޮތަކަށް ނޫނެވެ. ޖޫލްގެ ބޮޑާހޭކުމާއި ކެމީލާއާއިހެދި އުޅުނުވަރު ފެނިފާ ކައިޒާންވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަގެ މަންމަ ބަހައްޓާފައި ދިޔުމުން ނުވިވަރެއް ކެމީލާއާއިހެދި ވާންޖެހޭ ހެއްޔެވެ؟

ކައިޒާން ކަބަޑުން ބޭސްފުޅި ނަގައިގެން ދެތިން ބޭސްގުޅަ އެއްފަހަރާ ކައިލިއެވެ. ބޭހުން ސިކުނޑިއަށް ކުރާ ބާރު ކުޑަވިހެންހީވިއެވެ. ބޭސްފުޅި ލާންވެގެން ދަމައިލެވުނީ ތިރީ ވަތްގަނޑަށެވެ. އެއާއިއެކު ލޮލުގައި އަޅައިގަތީ ފޮތަކާއި އައިޑީއެކެވެ. ޔަގީނުންވެސް އޭނަ ގެނެސްފާ ހުރި އެއްޗެއް ނޫނެވެ. މިގޮތަށް މިވީ ފުރަތަމަ ފަހަރަކު ނޫނެވެ. އެއައިޑީއަށް ބަލައިލުމާއިއެކު ކެމީލާގެ ފޮޓޯ ފެނިފައި އިރުކޮޅެއްވާންދެން އެ މައުސޫމް މޫނަށް ބަލަން ހުރެވުނެވެ. ދެމީހުން ދިމާވި ފުރަތަމަ ދުވަހު "ޖޯން" އަކީ ކާކުކަން އޮޅުންފިލުވަން ކެމީލާ ސުވާލުކުރިއެވެ. މި އައިޑީ މިގެއަށް ގެނައީ އޭނައެއް ނޫނެވެ. ޖޯންއެވެ. އައިޑީއާއި ކެމީލާގެ ފޮތް ހަވާލުކުރަން އޭނަ އުޅެފިއްޔާ ކެމީލާގެ ވަހުމް ބޮޑުވެދާނެއެވެ.

"ޑެމިޓް.. އެ މޮންސްޓާ މަގޭ ބޮލަށް އެރިގެން މުޅި ދިރިއުޅުން އެބަ ޚަރާބުކުރުވާ. އޭނަގެ ސަބަބުން އަހަންނަށް ނޯމަލް ދިރިއުޅުމެއް ދުވަހަކު އުޅެވޭނެބާ. އަޖައިބުވަނީ އޭނަ ހިންގާލާ ކަންތައް ހަދާން ނުހުންނާތީ.........." ކައިޒާންގެ މުށްކެވުނު އަތް ސޯޓުގެ ޖީބަށް ޖަހާލައިފިއެވެ. ނަފްސާނީ ޑޮކްޓަރުންނަށްވެސް އޭނަގެ ބަލި ރަގަޅުނުކުރެވިގެން އުޅެނީ ކީއްވެހެއްޔެވެ؟

ކައިޒާން ނާޔަލް އާއިއެކު ބާއްވަމުން ދާ ސެޝަންތަކުން ކޮންމެވެސް ވަރަކަށް ދިރިއުޅުން ހަމަޔަކަށް އެޅުނުހެން ކައިޒާންއަށް ހީވިއެވެ. ނާޔަލްގެ ވާހަކަތަކުން ސިކުނޑިއަށް ތަސައްލީ ލިބެއެވެ. ނާޔަލްއާއި ގާތްވި ވަރަކަށް ކައިޒާންއަށް އިހުސާސްކުރެވުނީ ހުރިހާ ސިއްރެއް ކިޔައިދެވޭ ވަރުގެ އެކުވެރިއެއްކަމުގައެވެ. ނާޔަލް އޭނަގެ ކައިރިން ކުރި ސުވާލުތަކުގެ ތެރޭ އޭނަ ކަނޑުދެކެ ބިރުން އުޅޭއިރު މާލެއަށް އާދެވުނީ ކިހާ ހިތްވަރެއް ކޮށްގެން ހެއްޔޭ ސުވާލުކުރިއެވެ. ކައިޒާން ބުނީ ކަނޑު ފެނިފާ އޭނައަކަށް ފެރީއަށް އަރަން ނުކެރުނު ކަމަށެވެ. ޖޯން ވަގުތުން އޭނަގެ ބަލިކަށިކަމުގެ ފައިދާ ހާސިލުކޮށް އޭނަގެ މައްޗަށް ގަދަވެގަތެވެ. އޭނައަށް ނުކުރެވޭ ކަންތައްކޮށްދިނީ ޖޯންކަން އޭނައަށް ޔަގީނެވެ.

ކައިޒާންއަކީ ވަރަށް ޚާއްސަ މީހެކެވެ. އިންސާނުންތެރޭ މިވައްތަރު ޒުވާނުން ހާދަ މަދެވެ. ވީއިރު ކައިޒާންއަށް ލިބިފައި މިވާ ނާދިރު ހާލަތުގެ ސަބަބުން ކައިޒާންގެ ޚާއްސަކަން އިތުރުވެފައިވިއެވެ. ނާޔަލް ނަފްސާނީ ޑޮކްޓަރަކަށްވީ ހިނދު ކައިޒާންއާއިމެދު ޚާއްސަކަމެއް އުފެދުނީވެސް އެހެންވެއެވެ. އޭނަގެ ދިރާސާތަކަށްވެސް ކައިޒާން ބޭނުންވިއެވެ. ކައިޒާންގެ ސިކުނޑިއަށް ވެރިވެގަނެގެން އުޅޭ ޖޯންފަދަ އެހެން ފަރާތްތަކާއި ބައްދަލުކޮށް އެމީހުން އުޅޭ ގޮތްތައް ދެނެގަންނަން އޭނަ ބޭނުންވާއިރު އަދި ކައިޒާން ބަދަލުވާ ތަނެއް ނުފެނެއެވެ. ކައިޒާން އަމިއްލައަށް އެހެން ހެދިގެން އުޅެނީބާވައޭވެސް ނާޔަލް ހިތަށް އެރިއެވެ. ގާތިލުންވެސް މީހުން މަރާފައި ކޯޓު މަރުހަލާއާއި ހަމަޔަށް ދިޔުމުން ކުށުން ރެކެންވެގެން އޭނައަކީ މަލްޓިޕްލް ޕާސަނެލެޓީ ޑިސްއޯޑާ ހުންނަ މީހެއްކަމަށް ހެދެއެވެ.

ކެމީލާއާއި ބެހޭގޮތުން މާކަސް މައުލޫމާތު ތައް އޮޅުން ފިލުވިއެވެ. އެންމެ ދުވަހެއްގެ ތެރޭ އޭނަ ހޯދައިލި ކަންތައްތަކުން އެނގުނީ ކެމީލާގެ މަޑުމައިތިރިކަމާއި އަޚުލާގު ރަގަޅުވަރެވެ. ކެމީލާ ކޮންމެ ދުވަހަކުހެން ކޮޓެޖަށް އައިސް ޖޫލްއާއިއެކު ވަގުތު ހޭދަކުރާއިރު ކެމީލާގެ ޅަ މައުސޫމް ކަމެއް ހުންނަކަން މާކަސް ދެނެގަތެވެ. ނެނީއަކަށްވުރެ ކައިޒާންގެ ހަޔާތުގެ ބައިވެރިޔަކަށް އެކަށީގެންވާކަހަލަ އަންހެންކުއްޖެއްކަމަށް އޭނަގެ ހިތް ނިންމިއެވެ. ނަމަވެސް ކައިޒާންއަށް އެކަން ވިސްނައިދިނުން ފަސޭހައެއްނުވާނެއެވެ. އެންމެ ރަގަޅުވާނީ ހަމަ ނެނީއެއްގެ ގޮތުގައި އެމެރިކާއަށް ގެންގޮސް އެދެމީހުން ތަތްކުރުވުމެވެ. ކައިޒާންއަށް ނުވާ ކަންތައް ކުރަން "ޖޯން" އެ ހުންނަނީ ނޫންހެއްޔެވެ.

މާކަސް ކުޑަދޮރުން ސިއްރުން ބޭރަށް ބަލަން ހުރިއިރު ތުންފަތުގައި ލާނެތް ހިންޏެއްވިއެވެ.

ނާޔަލްއާއިއެކު ރާޅާ އަޅަން މާކަސް ފޮނުވާލީ ކައިޒާން ކުރުނުކޮށްގެންނެވެ. އެއީ ކެމީލާއާއިއެކު ވަގުތު ހޭދަކޮށްލަން ހިތް އެދުނުވަރުންނެވެ. އޭނަ ހުރީ ކޮޓެޖްގެ މަގުގައި ޕާކުކޮށްފައި އޮތް ކާރުގެ ބޮނެޓްމަތީގައި އިށީންދެލައިގެން ފޯނުގައެވެ. ޖޫލް ކުޑަ ކާރަށް އަރުވައިގެން ދުއްވަދޭން ކެމީލާ ހުރިއިރު އެދޮންމޫނުމަތީ ދާތިކިތައް ވިދައެވެ. ޖޫލްގެ ހަލަނިކަމުން އެންމެ ސިކުންތުކޮޅަކަށް ހިމޭނުން ނީދެވޭއިރު ކެމީލާއަށްވެސް ބޮޑު ކަސްރަތެއްކުރުވަން ޖައްސުވާފައިވެއެވެ. އެމަންޒަރު ކައިޒާން ރިކޯޑުކުރީ ކެމީލާގެ ހުއްދަ ނުހޯދައެވެ. ނުބަލަން ހުއްޓަސް ސިއްރުން އެ އަންހެންކުއްޖާއަށް ބެލެނީއެވެ. އެކަމަށް ކައިޒާންގެ ހިތަކަށް ބާރެއް ނުފޯރުނެވެ.

ކުއްލިއަކަށް ކެމީލާ ހުއްޓުން އެރީ އެ ގޯޅިން ވަތް އަރީން ފެނިފައެވެ. ހުވަފެނެއް ބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ފުރޭތައެއް ފެނިގެން ހުއްޓުން އަރާފަދައިން ކެމީލާ ހުއްޓުން އެރި ސަބަބެއް ބަލައިލަން ކައިޒާންވެސް ކާރުމަތިން ތެދުވުނެވެ. އެނބުރި ބަލާލައިފިއެވެ. އަތާއި ފައިގާ ފަށް އަޅާލައިގެން ހުރި ޒުވާނާ ދުވަހަކު ދުށް ހަނދާނެއްނުވިއެވެ. ނަމަވެސް އެއީ ވަރުގަދަ މީހެކެވެ. އަތުގެ މުލައްދަނޑިއަށް ބަލައިލުމުން ޖިމް ޖައްސާ މީހެއްކަން ޔަގީނެވެ. އަރީން އައިގޮތަށް އުޅުނީ ކެމީލާގެ އަތުގައި ހިފާށެވެ. ކެމީލާ ބިރުން އަތްފޮޅުވައިލަން މަސައްކަތްކުރިއެވެ.

"އެހެން ފިރިހެނެއްގެ ކުރިމަތީ ތި ރީތިކަން ދައްކަން މަގޭ ލޯބިކޮޅު ހުންނަތަން ދެކެން މިހިތަށް ކެތެއްނުވާނެ. ހިނގާ ދާން....." އަރީން ދޫކޮށްލާކަށް ނޫޅުނެވެ.

ކައިޒާންއަށް އެމަންޒަރު ދެކެން ކެތެއްނުވިއެވެ. ބާރުބާރަށް ހިގާލާފައިގޮސް އަރީންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ޑޯންޓް ޓަޗް ހާ........." ކައިޒާންގެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ.

"ކަލޭ ތީ ކާކު؟ ފަރަންޖީއަކު އަދި މަށަށް އަމުރުއެބަކުރޭ. ކަލެއަކަށް ނޭގޭނެ މަ ހަދަންވާގޮތެއް. ރަށުފުރޭތަ ރަށަށް ގަދަވާނެއޭ ކިޔާ އަޑު ނާހަންތަ. އަހަރެން މީ ހަތަރުކަށިމަތި މާލޭ މީހެއް. ކަލެއަކަށް ގަދައެއް ނުވެވެނެ. ކީއްކުރަން ކެމިލާ މިގެއަށް ގެނައީ. އެސުވާލަށް ޖަވާބުދީ......" އަރީން ދިވެހި ބަހުން އަމުނައިލި އެތިވަރުން ކައިޒާންއަށް ފަހުމް ވީ "މާލެ" އަދި "ކެމީލާ" އެވެ. ނަމަވެސް އަރީންގެ މޫނުމަތިން ފެނުނު ނުރައްޓެހިކަން އަދި ކަޅިއަޅައިގެން ހުރިގޮތުން އޭނަ ކުރީ އިންޒާރުކަން ވިސްނުނެވެ. ކެމީލާ ހުރީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ. ޖޫލްވެސް ކުޑަ ކާރުން ފައިބާފައި ކެމީލާގެ ބަނޑުގައި މޫނު ޖެއްސިގޮތަށް މޫނުކޮޅު ފޮރުވައިލީ ބިރުންކަން ނޭގެއެވެ. ކައިޒާން ކެމީލާ ގާތު އެދުނީ ޖޫލް ގޮވައިގެން އެތެރެއަށް ވަނުމަށެވެ. ގަނޑުވެފައި ހުރި ކެމީލާ ގޭޓުން އެތެރެވާން އުޅެނިކޮށް އަރީން ހުއްޓުވަން އަންނަން އުޅުމުން ކައިޒާން އެދެމެދަށް ވަނެވެ. ލިބުނު ހަނި ފުރުސަތުގައި ކެމީލާ އެތެރެއަށް ދެމިގަތެވެ.

އަރީން ހަމައިން ނެއްޓިއެވެ. ކެމީލާ އޭނައަށްވުރެ ކައިޒާންއަށް އިސްކަން ދިންކަން ޔަގީންވެ ކައިޒާންއަށް ހަމަލާދިނެވެ. ގޮށްމުށުގެ ހަމަލާތައް ކައިޒާންގެ މޫނަށް ބާލަންފެށުމުން ދިފާއުގައި އަތެއް ފަޔެއްވެސް ހަލުވާނުލެވުނެވެ. ބިންމައްޗަށް ވެއްޓުނުގޮތަށް ބަންޑުން އޮތްވާ އަރީން ފައިން ތެޅިއެވެ. އޭނަބޭނުންވި ހާ ގޮތެއް ނެހެދުނެވެ. އެމަންޒަރު ދެކެން ގޯޅިކަންމަތީގައި ހުރި ތަކުރު ބެ ފުލުހުންނަށް ގުޅައިގެން ފުލުހުން އެތަނަށް އައީ ބަސްބުނާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. އަރީން ޖިޕަށް ލައިގެން ގެންދިޔުމަށްފަހު ކައިޒާން ކައިރިން ވީގޮތް އޮޅުން ފިލުވަން މަސައްކަތްކުރިއެވެ. ކައިޒާން ބުނީ އެކަމާއި އަޅާނުލުމަށެވެ. އޭނަ މައްސަލަ ޖައްސަން ބޭނުންނުވާކަމުގައެވެ. އަނިޔާ ލިބުނު ފަރާތުން މާފުދިނުމުން ފުލުހުންވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާކަށް ނޫޅުނެވެ. ކައިޒާންއަކީ ފަތުރުވެރިޔެއްކަމަށް ހީކޮށް އެމީހުން މާފަށް އެދުނެވެ.

އަރީން ދިރިއުޅެނީ ކޮޓެޖްގެ ކަންމަތީގައި ހުރި އެޕާޓްމެންޓެއްގައެވެ. އޭނަ ބެލްކަނީގައި ސިގްރެޓް ތުނބުގައި ޖަހައިގެން ހުރިއިރު ނުލަފާ ގޮތަކަށް ހިނިއައިސްފާ ހުއްޓެވެ.

"އަހަރެންގެ ކެމީގެ ފަހަތުގައި އަޅުވާފައި އެހެރީ ފިރިހެނެއްގެ ސިފައިގާ ހުރި މަދިރިއެއް. އެކަން މިއަދު މަށަށް ޔަގީންވެއްޖެ. އެއްވެސް ބާރެއްނެތް. ބަލިކަށި ހިކަންޖެއް. ފުލުހުން ނައިނަމަ ހުރިހާ ކަށިކޮޅުތައް ބިންދާލާ ފުކަކަށް ހަދާލީމު. މިހާރު އެނގޭނެ ކެމީއާއި ދިމާލަށް ނުނިޔަތުގައި ބަލައިލިޔަސް އަހަރެން ފުނޑާލާނެކަން....." އަރީން ހިތާހިތުން ކިޔާލިއެވެ.

ކެމީލާ ކޮޓަރިއަށްވަދެ ފޯނަށް ބަލައިލިއިރު އަރީން ފުލުފުލުގައި މެސެޖްކޮށްލާފައި ހުއްޓެވެ. ކައިޒާންމެންގެ ގެއިން އަލުން ފެނިއްޖެއްޔާ އޭނަ ދެއަތުން މަރާލާނެކަމުގައި ބުނެ އިންޒާރުކުރިއެވެ. ކައިޒާންދެކެ އެހާ ހަސަދަވެރިވާންވީ ކޮންކަމަކާހެއްޔެވެ. ކެމީލާ އުޅެނީ ކައިޒާންއަކާއި ރައްޓެހިވެގެނެއް ނޫނެވެ. އަރީންދެކެ ހިތުގައިވީ ފޫހި އިންތިހާއަށް ބޮޑުވިއެވެ. ނަމަވެސް ކައިޒާންއަށް ގެއްލުމެއް ދީފާނެތީ ބިރުން ކެމީލާ ޖަވާބު ދިނެވެ. އޭނައާއި ކައިޒާންގެ އެއްވެސް ގުޅުމެއްނެތްކަމުގައި ބުނެލިއެވެ. އެގެއަށް ދަނީ ކައިޒާންގެ ދަރިފުޅަށް ބޭބީސިޓްކޮށްދޭށެވެ.

"ބޭބީ ބޭނުންވަރަކަށް ފައިސާ ދީފާނަން. ބުނެބަލަ ބޭނުންވަރެއް. ފައިސާއިން ފެންވަރަން ބޭނުމިއްޔާ އެކަން ކޮށްދީފާނަން. ނުދައްޗޭ ބޭބީސިޓްކުރަން. ތީ މަގޭ ޕްރިންސެސް. ރާނީއެއްހެން ގެންގުޅޭނީ. ޔޫ ބިލޯންގް ޓު މީ. ތީ އެއްވެސް މީހެއްގެ އުލާމެއްނޫން. ޔު އާ މައިން. އޮންލީ މައިން. ޑޯންޓް އެވާ ފޮގެޓް ދިސް......އޯ އައި ވިލް ޕަނިޝް ޔޫ....... " އަރީން ޖަވާބު ފޮނުވިއެވެ. ކެމީލާގެ ހިތުގައިވާ ރުޅިވެރިކަމުގެ އިހުސާސްތައް ބަނޑުންވެގަތެވެ. އަރީން އެގޮތަށް އަމިއްލަކޮށްގެން ވާހަކަދެއްކުމުން އަމިއްލަ ނަފުސްގެ އަގުދަށްވިއެވެ. އޭނައަކީ ކޮންކަހަލަ އަންހެންކުއްޖެއްހެއްޔެވެ. ފިރިހެނުން ލައްވާ މިގޮތަށްވާހަކަ ދެއްކުމުގެ ފުރުސަތު ދެވުނީ އޭނަގެ ނުބައިކަމުންނެވެ. ނުވިސްނޭ މޮޔަކަމުންނެވެ.

"އަހަރެން ބޭނުން ވީހާވެސް އަވަހަށް ކައިވެނިކުރަން. މިހާރުން މިހާރަށް.." އަރީން ނިންމިއެވެ.

އަރީންގެ އަންބަކަށް ވުމަށްވުރެ ކައިޒާންގެ ޣުލާމަކަށް ހުރުންވެސް ހިތަށް މާ ފަސޭހައެވެ. ޖޫލްއާއިއެކު އެގޭގައި އުޅުނުއިރު ޔަގީނުންވެސް ކައިޒާންގެ މިޒާޖު ދަސްވެއްޖެއެވެ. އިތުބާރުކުރެވޭ ވަރުވެއްޖެއެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ދެވަނައެއްނެތެވެ. ދަރިފުޅުދެކެ އެވާ ލޯތްބަކީ މިސާލެކެވެ. މަޑުމައިތިރި އަޑުންވެސް އަންހެންކުއްޖެއްގެ ހިތުގައިވާހާ ކޫރުމެއް ފިލުވާލާ ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

ކެމީލާ ނަމާދުކޮށްގެން ދުޢާކުރިއެވެ. އެތައްއިރެއްވާންދެން ސަޖިދައިގާ އޮތެވެ.

"ދޮންތާ. ތިހެން އޮވެ މަރުވީތަ. ނޫނީ މަށަށްވާގޮތަށް ސަޖިދައަށް ދިޔައިމަ ވާ އަރާމުކަން ނުތެދުވެވިފައި އޮތީ؟ " އުލާ ކެމީލާގެ ގައިގާ ފައިން ބޮނޑިއެއް އެޅިގޮތުން ގަޔަށް ތަދުވެސްވިއެވެ. ނަމާދަށް ތިބޭ މީހުންނާއި އެގޮތަށް ސަމާސާކުރަން ހެޔޮވާނެހެއްޔެވެ. އުލާ އަމިއްލައަށް ނަމާދުކުރާއިރު ޖަހާހާ ސަކަރާތް އެހެން މީހުން ޖަހާނެކަމަށް ހީކުރަނީއެވެ. ކޮޓަރީގައި ނަމާދުކުރުމުން ޚުޝޫއަތްތެރިކަން ގެއްލެނީ އެހެންވެއެވެ. އުލާ އަނގަތެޅުން ހުއްޓައެއްނުލިއެވެ. އޭނައަށް މުއްސަދި ދޮންބެއެއް ލިބެން ވަރަށް ކައިރިވެއްޖެކަމަށް މަންމަ ބުނެފައިވާކަމުގައި ބުނީ ހީހީފައެވެ. އޭނަ ޖެއްސުންކޮށްކޮށް ކެމީލާ އެނގޭކަމަކަށް ހަދައިނުލުމުން އެހެން ގޮތެއް ހޯދަން ބޭނުންވިއެވެ. ކުއްލިއަކަށް ގުދުވެފައި ކެމީލާގެ ކަންފަތް ބުޑުގައި ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ.

"ކުރަތްޕެއް..." ކެމީލާ އެވަރުންވެސް ތެދުވުނީ މަޑުމައިތިރިކަމާއި އެކުގައެވެ. އުލާގެ ފާޑު އެނގެއެވެ. ދުވަހަކު ތެދެއް ނަހަދާނެއެވެ.

އުލާ ހަޅޭއްލަވައިގަތް އަޑަށް މޭޒުދޮށުގައި ސައި ބޯން އިން މާމަވެސް މަޑު ހިނގުމެއްގައި އައިސް ދޮރުމައްޗަށް ހުއްޓުނެވެ.

"މާމާ ކުރަފި މާމަ ގަޔަށް ތިއޮތް އަރަނީ................." އުލާ ފުންމަމުން ކިޔައިލިއެވެ. މާމަ ސިހިފައި ދެފައި ފޮޅާލުމުން އުލާ ނިކަން މަޖާވެފައި އަތްތިލަ ޖަހައިލިއެވެ.

"އެޕްރީލް ފޫލް މާމަ ގަނޑެއް.."

"އުލާ މޮޔަވީތަ. ކިޔާ އެއްޗެއް މަށަށް ކިޔަސް އުދަގޫކުރިޔަސް މާމައަށް ތި އުދަގޫނުކޮށް އަނގަގަނޑު މަޑުންލައިގެން އިނދެބަލަ........."ކެމީލާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އުލާ ބޭނުންވާގޮތް ފުރިހަމަވިއެވެ. ކެމީލާ ރުޅި އަރުވާލެވިއްޖެއެވެ. ކެމީލާއަށް އުދަގޫކުރުމަށްވުރެ މާމައަށް ޖެއްސުންކޮށްލުމުން އޭނަ ނައްޓާކަން އުލާ ދަނެއެވެ. އެހެން އުޅެފައިވެސް އުލާ ކަމަކު ޖެހޭއިރަށް ދޮންތަ ވެގެން އުޅެގަންނާނެއެވެ.

މާކަސް ކެމީލާއާއި ބެހޭގޮތުން ކުޑަ ދިރާސާއެއްކޮށްލިއިރު އެންމެ ރަގަޅު ކެންޑިޑޭޓަކަށްނުވިއެވެ. އުމުރުގެ ގޮތުން ހަގުވެފައި އެހާ ތަޖުރިބާވެސްނެތީއެވެ. ނަމަވެސް ކެމީލާގެ ފަހަތުން އުދަގޫކޮށް އިންނަން އުޅޭ ޒުވާނަކު ހުރިކަން އެނގުމުން ކެމީލާއަށް އެހީވާން ހިތަށް އެރިއެވެ. ކެމީލާއަށް އެމެރިކާއަށް ގޮސް ކިޔެވުމުގެ ފުރުސަތުދެވިދާނެއެވެ. ޖޫލްއަށް އެހެން ނެނީއަކު ހޯދަދޭނީއެވެ. ރަގަޅު މީހަކުވަންދެން ކެމީލާ ޖޫލްއާއިއެކު އުޅެފާނެ ނޫންހެއްޔެވެ. ކައިޒާންއާއި މަޝްވަރާނުކޮށް މާކަސް ނިންމީ ކެމީލާއާއި ބައްދަލުކޮށް އެވާހަކަ ދެއްކުމަށެވެ. ކޮންމެ ދުވަހަކު އެގެއަށް އައިސް ޖޫލްއާއިއެކު ހޭދަކުރާ ވަގުތު ކެމީލާވަނީ ކައިޒާން އަދި މާކަސްގެ އިތުބާރު ކޮންމެވެސް ވަރަކަށް ހޯދާފައެވެ.

އަރީން ކޮޓެޖް ގޯޅިން ވަންއިރު ދޮރުގޭޓުގައި އަތްވިއްދާލައިގެން ހުރި ޒުވާނާ ފެނުނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ޑެނިމް ސޯޓެއްލައިގެން ހުރިއިރު ކަނދުރާގައި ކަޅުކުލައިގެ ފަށެއް ފެންނާން އޮތެވެ. އަތުގެ އިނގިލީގައި ރިހި އަނގޮޓިއެކެވެ. އިސްތަށިގަނޑު ނިތްމައްޗަށް ފައިބާފައެވެ. ދެމީހުންގެ ނަޒަރު ދިމާވާ ހިސާބަށް ކައިރިވުމާއިއެކު އޭނަ އަރީންއަށް ދެލޯ އަޅައިލިއިރު އެލޮލުގެ ތޫނުކަމުން ގައިން ހީބިހިވެސް ހަލުވާލައިފިއެވެ. އެހާވެސް ފިނި އަދި ރުޅިވެރި ނަޒަރެކެވެ.

"ހޭއި ޔޫ ޕަންކް. އެނގެނީ ހަމައެކަނި ތިހެން ދެލޯ އަޅަންތަ؟ " އަރީންއަށް އެއީ ކާކުކަން އެނގުމުން ބިރު ކެނޑި ހިނި އަންނަގޮތްވެއްޖެއެވެ. ކުރީ ދުވަހު އޭނަގެ އިނގިލި ހަލުވާލުމުން ބިރުން ފިތްކެނޑުނު އަންހެން ދުޅާ ފިރިހެނާއެވެ. އިސްކޮޅުން ދިގުކޮށް ބިޔަކޮށް ހުއްޓަސް އާރެއްބާރެއް ނެތް މަސްގަނޑެކެވެ. ދެވަނަ ފަހަރަށްވެސް އޭނަގެ މުލައްދަނޑީގެ ބާރު އަންގައިލާނީއެވެ. އޭނަ އެންމެ އެތިފަހަރެއް ވީއްލާއިރަށް މި ޒުވާނާ އޮންނާނީ ބިމަށްދެމިފައިކަން ހިތަށް އަރާ މަލާމާތްކުރެވުނެވެ. އެކަމަކު އެ ޒުވާނާ އޭނައާއި ދިމާލަށް އަންނާން ފެށި ގޮތަކުން އަރީންގެ ޖިސްމުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ.

"ކުރީ ދުވަހު ދިމާވި މީހާއާއި ހާދަ ތަފާތޭ. މާ ޑޭންޖަރަސް ވައިބެއް..." އަރީން ހިތާހިތުން ކިޔާލިޔަސް އެންމެ ފިޔަވަޅެއްވެސް ގުޑުވައެއްނުލައެވެ. ގަޓްހުރިކަން ދައްކާލަން އޭނައާއި ދިމާލަށް އަދި ބާރުހުރިކަން އަންގާފަދަ ގޮތަކަށް އަޔަސް މިއީ އަދި އޭނަ ޖެހިލުންވާންވީ ޒާތުގެ މީހެއްނޫންކަން އަމިއްލަ ނަފުސަށް ހަނދާންކޮށްލަދިނެވެ.

ނޫނީ ކެމީލާގެ ދިފާއުގައި ނުކުތް އެ ޒުވާނާގެ ފިނޑިކަމަށް އޭނަ މަލާމާތްކުރިއިރު މިއަދު މިފެނުނީ އޭނަގެ އެހެން ފަރާތެއްހެއްޔެވެ.

"ކަލޭ.....ކީއްވެ ކެމީލާއާއި އަޅައިގެން އުޅެނީ ބަލަ އެއީ މަގޭ މީހެކޭ މަގޭ ހައްގެކޭ. ކެމީލާއާއި ދިމާލަށް ބަލައިލިޔަސް ކަލޭގެ ދެލޯ އުފުރާލާނަން. އަންޑަސްޓޭންޑް؟ " އަރީން އެންމެފަހު ލަފުޒުބުނީ ހަޅޭއްލަވައިގެންފައެވެ.

"މި މަގަކީ ކަލޭގެ މަންމަގެ މިލްކު މުދާގަނޑެއްތަ؟ ނޫނީ ބަފާއަށް ވާރުތަ އަރާފައި އޮތްތަނަކީތަ. މީ މަގޭ ގައުމު މަގޭ ރަށް. އަހަންނަކާއި ތިހެން ނުކުޅެވޭނެ އެނގިއްޖެތަ. ދެވަނަފަހަރަށް މަގޭ އަތުން ބޮނޑިއެއް ބޯންވެގެން މަގޭ ކުރިމައްޗަށް އެރީ ދޯ. މަށަކީ ކާކުކަން ނޭގިގެން ތި ވައްތަރަށް އަންނަނީ............" އަރީން ފުންމައިގަތީ އެ ޒުވާނާ ބިމަށް ދަމާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އެއަށްވުރެ އޭނަ ހުޝިޔާރެވެ. ކަރާޓޭ ޖޫޑޯ އަދިވެސް އެހެން ހުރިހާ ތެޅުމަކުން ބްލެކްބެލްޓް ހޯދާފައިވާ މީހެއްކަން އޭނަގެ ހަރަކާތް ހުރިގޮތަށް ބަލާފައި ކޮންމެ މީހަކަށްވެސް ޔަގީންވާނެއެވެ. ރޫހާނީ ބާރެއްވެސް ހުރިފަދައެވެ. ވައިގެ ތެރޭ އުދުހިލާފައި އައިހެން އަރީންއަށް ހީވިއެވެ. އަރީން ބިރުކުޑަމީހަކަށްވިޔަސް މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. އެހާ މައްޗަށް ފުންމާފައި އައިގޮތަށް ކޮޅުފައިން އަރީންގެ މޫނަށް ދިނެވެ. އަރީންއަށް އެ ވަރުގަދަ ހަމަލާގެ ސަބަބުން ހަށިގަނޑު ހިފަހައްޓާނުލެވިގެންގޮސް ގުޅައަކަށް ފާރުކައިރިއަށް ޖެހުނުއިރު ހެޔަށްގޮތެއްވިއެވެ. އަރީންގެ ގަޔަށް އެތިފަހަރު ވީއްލާލުމާއިއެކު އޭނަގެ އަތް ބޭނުން މިކުރެވުނީ ހާދަ ދުވަހެއްކޮށްލާފައޭ އެޒުވާނާގެ ހިތަށް އެރިއެވެ.

"ގުޑް ޓު ބީ ބެކް..." އެޒުވާނާ އަމިއްލަ ނަފުސަށް ހީލަމުން ބުނެލިއެވެ.

"ހޫ ދަ ހެލް އާ ޔޫ...."އަރީން ސުވާލުކޮށް ނުނިމެނީސް އަނގަމަތީ ގޮށްމުށުން ޖެހި އެތިފަހަރުން ދަތްތައްވެސް ލުހިގެން ގޮސްދާނެހެން ހީވިއެވެ. ލޭގަނޑު އޮހިގަތްގޮތަށް އޭނަގެ ޓީޝާޓްވެސް ފޯކޮށްލައިފިއެވެ.

"އައިމް ސަމްވަން ޔޫ ޑޯންޓް ވޯންޓް ޓު މެސް ވިތް......." އެޒުވާނާގެ ގޮށްމުށުގެ އެތިފަހަރުތައް މެދުނުކެނޑި ވީއްލަންފެށުމުން ދިފާއުގައި އަތް އުފުލައިލެވޭނެ ސިކުންތުކޮޅެއްވެސް ނުލިބުނެވެ. މިނިޓްކޮޅެއްގެ ތެރޭ އަރީން އޮތީ ލޭގެ ކޯރެއްގައި ދެމިފައެވެ. އެ މަންޒަރު ފެނުނީ ގެއިން ނިކުތް މާކަސްއަށެވެ. މާކަސްގެ ހިތްވެސް ފިނިވާގޮތްވިއެވެ.

"ސަރ......" މާކަސް ގޮވައިލިއެވެ.

"އަހަންނަށް ނުގޮވާތި...."ޖޯން ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. މޭޒުމަތީގައި ކޮފީ ހަދާފައިވާތަން ފެނުމުން މޭޒުގެ އެއްކޮޅުގައި ހިފާފައި އެބަރު މޭޒު އެކޮޅުކޮޅުން ޖަހައިލި އަޑުފަށްގަނޑު ތަނުގައި ގުގުމައިލިއެވެ. ކޮފީތަށިތަކުގެ ކުދި ކޯރުތައް އެކި ދިމާލުގައި ހެދިއްޖެއެވެ. އަދި އެވަރުންވެސް އެތެރެހަށީގައިވާ ރުޅިވެރިކަން ބާރުގެ ދަށަށް ނުގެނެވުމުން ކަރުބުޑުން ހަޅޭއްލަވައިގަތެވެ.

"ކިތައްފަހަރު ބުނާނީ އަހަރެން ކޮފީއަށް އެލާޖިކްއޭ. ކޮފީ ޗޮކްލެޓް ކޮކޯއިން ހަދާފައިވާ އެއްވެސް އެއްޗެއް މަށަށް ދީގެން ނުވާނެއޭ ބުނީމެއްނު. ހަނދާން ނެތެންޏާ ވެއްޖެއެއްނު ނޯޓްކޮށްގެންވެސް އެކަން ކުރަން.............." ފްރިޖް ހުޅުވާލާފައި އޮރެންޖް ޖޫސްޕެކެޓެއް ފެނުމުން ކަރުތެރެއަށް އަޅައިލިއެވެ. ކޮޓަރިއަށް ވަދެފައި ރީތިވާ މޭޒުގެ ވައްގަނޑު ހުޅުވާލާފައި ކެމީލާގެ އައިޑީ ނެގިއެވެ. އިރުކޮޅެއްވާންދެން އެފޮތަށް ބަލާލާފައި ހީލުމަށްފަހު ހަރުކޮށް ހިނގާލަފައި ގެއިން ނުކުތްއިރު ތަންކޮޅެއް މައިތިރިވެއްޖެއެވެ. ކަޅިއަޅައިލެވުނީ އަނެއްކާވެސް އަރީންއަށް ނަޒަރު ހުއްޓިފައެވެ. ލެޔާ ތަތްތެޅިފައި އޮތް އަރީންގެ ގައިމަތީ ބަރުބޫޓުން އަޅާ ބާރުކޮށްލާފައި ޖޯން ނުލަފާގޮތަކަށް ހީލިއެވެ. ކައިޒާންގެ ޝައިތާނީ ބައި ވުޖޫދަށް އަންނައިރު އޭނައަށް ދިހަ ފިރިހެނުންގެ ބާރު ލިބިފައިވާފަދައެވެ. ހިނގުމުގައި ހުރީ ބޮޑާގޮތެކެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ބޫޓުން މުރަނަވެފައިވާ ފަތްތައް މުގުރަމުން ހިނގާފައިގޮސް ބޮޑު ސައިކަލަށް އަރާ ދުއްވައިލިލެއް ބާރުކަމުން ވެލިތައް ބުރުއްސައިގެންދިޔައެވެ.

ކެމީލާ ގެއާއި އަރާހަމަވީއިރު ކޮންމެވެސް މީހަކު ގޮވައިލުމުން ސިހުނުވަރުން ފޮތްތައް މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. އަޑުއިވުނުކަމަށް ނަހަދާ ދޮރާށިން އެތެރެއަށް ދެމިގަންނަން އުޅުނުވަގުތު އެމީހަކު ދޮރުގައި ހިފެހެއްޓިއެވެ. އޭނަގެ ގައިގާ އަތްނުލިކަމީ ނަސީބެކޭ ހިތަށް އެރިއެވެ. އެއްފަރާތަކަށް ޖެހި ބަލައިލެވުނީ މަސްހުނި ބެލުކަމުންނެވެ. ރުޅިއާއި ބިރުވެރިކަން އަދި ނުރުހުން އެއްވެ އެ ދޮންމޫނު ބަނަކޮށްލިގޮތުން ހަނދަށް ވިލާކޮޅެއް އެޅުނުފަދައެވެ.

"ނޯ. ނޮޓް ދެޓް ފާސްޓް ބޭބީ....."

(ނުނިމޭ...)

comment ކޮމެންޓް