ހައުސިންގެ މުވައްޒަފުންނަށް ހުރަސްއެޅި ކަމަށް ބުނެ އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފި

އިހަވަންދޫ ކައުންސިލް މެމްބަރުން ---

ހއ. އިހަވަންދޫގެ ފަސް ކައުންސިލަރުން ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކަމަށް ބުނެ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެ ކައުންސިލަރުން ސަސްޕެންޑުކުރީ މުސާރަ ނުލިބޭ ގޮތަށެވެ.

ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ހުރަސް އެޅުމަކީ ގާނޫނޫލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ.

މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ތިން މަހަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އިހަވަންދޫ ކައުންސިލުގެ ޒިންމާދާރު ވެރިޔާއަށް އެޑްރެސްކޮށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އާއި އާންމު ރައްޔިތުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ.

އަދި ކައުންސިލަރުން މަސައްކަތް ކޮށްފައިވަނީ ލިބިދީފައިވާ ބާރުގެ ބޭރުން ކަމަށާއި ސަރުކާރުގެ އިދާރާތަކުގެ އެންގުމަށް ދެކޮޅު ހަދައި ހުރަސް އަޅާފައިވާކަން މައްސަލަ ބެލުމުން އެނގުނު ކަމަށްވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

އެހެން ކަމުން ތިން މަސް ދުވަހަށް ކައުންސިލަރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ މުއްދަތުގައި ކައުންސިލު ހިންގުމާއި ހަވާލުވެ ހުންނާނީ ޒިންމާދާރު ވެރިޔާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

އަދި ސަސްޕެންޑް ކޮށްފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ތަނެއްގައި އިހަވަންދޫ ކައުންސިލު ތަމަސީލު ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް