ސާކް ސަރަހައްދުގެ އިގްތިސާދުތައް ގުޅާލުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ސާކްގެ ސެކްރެޓަރީ ޖެނެރަލް (ކ) އަދި އެސްޑީއެފްގެ ސީއީއޯ (ވ) --- ފޮޓޯ/ އެސްޑީއެފް

ސާކް ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދުތައް ގުޅުވާލުމާ ބެހޭގޮތުން އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލާ އެކު ސާކް ޑިވެލޮޕްމެންޓް ފަންޑުން މަޝްވަރާކޮށްފިއެވެ.

ސާކް ޑިވެލޮޕްމަންޓް ފަންޑަކީ ސާކްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހަލުއިކޮށް، ފަގީރުކަން ނައްތާލުމުގެ މަގްސަދުގައި، 2010 ވަނަ އަހަރު ގާއިމުކުރި ފަންޑެކެވެ.

އެ ފަންޑުގައި ތިން ވިންޑޯއެއް ހުރެއެވެ. އެއީ ސޯޝަލް ވިންޑޯ، އިކޮނޮމިކް ވިންޑޯ އަދި އިންފްރާސްޓްރަކްޗާ ވިންޑޯއިން. ސާކްގެ ހުރިހާ ގައުމަކަށްވެސް މި ތިން ވިންޑޯ ހިމެނޭ ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތަކަށް ފަންޑު ފޯރުކޮށްދެއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސައިން ބީ ސިއާލް ވަނީ ބޫޓާންގެ ވެރިރަށް ތިމްޕޫގައި ހުންނަ ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ އިދާރާއަށް ޒިޔާރަތްކުރައްވައި، އެ ފަންޑުގެ ސީއީއޯ ޑރ. ސުނިލް މޮޓިވާލްއާ ބައްދަލުކުރައްވައިފައެވެ.

https://sun.mv/103107

އެސްޑީއެފްއިން ބުނި ގޮތުގައި، އެ ފަންޑުގެ ހުރިހާ ޑިޕާޓްމަންޓަކުންވެސް ވަނީ ފަހުގެ މަސައްކަތްތަކުގެ އަޕްޑޭޓުތައް ސެކްރެޓަރީ ޖެނެރަލަށް އަރުވާފައެވެ. އަދި އެސްޑީއެފްއިން އެންމެ ފަހުން ތައާރަފުކުރި އިންފްރާސްޓްރަކްޗާ ވިންޑޯގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު، އެސްޑީއެފްގެ ސީއީއޯ ޑރ. މޮޓިވާލް ދެއްވިއެވެ.

"ޑރ. މޮޓިވަލް ވަނީ އެސްޑީއެފްގެ މަޝްރޫއުތަކުގެ ސަބަބުން ސާކް ސަރަހައްދުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވެ، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެކަމުގެ ޔަގީންކަން ހާމަކުރައްވާފައި،" ސާކް ޑިވެލޮޕްމެންޓް ފަންޑުން ބުންޏެވެ.

މީގެ އިތުރުން ސާކްގެ ސީއީއޯއާއި އެސްޑީއެފްގެ ސީއީއޯ ޑރ. މޮޓިވާލް ވަނީ ސާކް ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދު ގުޅާލުމަށް އޮތް ފުރުސަތުތަކާއި، އެފަދަ ފުރުސަތުތަކަށް ސާކް ޑިވެލޮޕްމެންޓް ފަންޑުން ފައިސާގެ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން އިޔާދަކުރުވަނިވި ހަކަތަ، ދަތުރުފަތުރު އަދި ވިޔަފާރީގެ އެކިއެކި މަޝްރޫއުތައް ކްރޮސް-ބޯޑަރ ކަނެކްޓިވިޓީ މަޝްރޫއުތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސައިން ބީ ސިއާލް ވަނީ ގައުމުތަކުން ސުލްހަވެރިކަމާ އެކު އެކުގައި މަސައްކަތް ކުރުމަށް ހުރި އެކި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ސާކް ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ތަނަވަސްކަން އިތުރުކުރުމަށް ސާކް ޑިވެލޮޕްމަންޓް ފަންޑުން ކުރަމުން އަންނަ މަސައްކަތްތަކަށް ސެކްރެޓަރީ ޖެނެރަލް ތައުރީފު ކުރެއްވިއެވެ.

comment ކޮމެންޓް