ރެއާލްގެ ކޯޗުކަމުން ޒިދާން އިސްތިއުފާ ދީފި

ރެއާލްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން އިސްތިއުފާ ދީފިއެވެ.

ޒިދާން ރެއާލްގެ ކޯޗު ކަމުން އިސްތިއުފާ ދިންކަން އިއުލާން ކުރީ ރެއާލްގެ ދަނޑުގައި މިއަދު ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސެއްގައެވެ. އެ ކޮންފަރެންސްގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވެސް ބައިވެރިވިއެވެ.

ރެއާލްގެ ކޯޗު ކަމުން އިސްތިއުފާ ދިންކަން ޒިދާން އިއުލާންކޮށްފައި ވާއިރު، އޭނާ ވަނީ އެ ކްލަބާ އެކު ޖެހިޖެހިގެން ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ލަލީގާވެސް އުފުލާލައިފައެވެ. އުމުރުން 45 އަހަރުގެ ޒިދާން ރެއާލްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ.

ޒިދާންއަށް މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނު ނަމަވެސް ލޯކަލް ދެ މުބާރާތްވެސް ކާމިޔާބުކުރީ ވާދަވެރި ބާސެލޯނާއެވެ. ޒިދާންއަށް މި ސީޒަން ނިންމާލަން ޖެހުނީ ލީގު ތާވަލުގެ ތިންވަނައިގައި އޮވެގެންނެވެ.

މިހާތަނަށް ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ޒިދާން ވަނީ ރެއާލްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ކުޅުންތެރިއެއްގެ ގޮތުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރެއާލްއާއެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުވެސް ހޯދި ޒިދާން 2006 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާ ކުރީވެސް ރެއާލްގައި ކުޅެމުންނެވެ. ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވީ އެ ކްލަބުގެ ބީ ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު ރެއާލްއާ އެކު ކާމިޔާބުކުރިތާ ހަފްތާއެއްވެސް ނުވަނީސް ޒިދާން ކްލަބުގެ ކޯޗުކަމުން އިސްތިއުފާ ދިނުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަށެވެ.

ސްޕެއިންގެ މެޑްރިޑްގައި މިއަދު ބޭއްވި ޕްރެސްގައި ޒިދާން ބުނީ ވަނީ އޭނާ ދެކޭގޮތުގައި ރެއާލްއަށް އަނެއްކާވެސް އާ ގޮތެއް، އާ ވިސްނުމެއް ބޭނުންވާ ކަމަށެވެ. "އަބަދުވެސް ރެއާލް ދެކެ ލޯބިވާނެ" ކަމަށް ވައުދުވެ، އޭނާ ބުނީ އުންމީދަކީ އަބަދުވެސް ރެއާލް ކާމިޔާބީތައް ހޯދުން ކަމަށެވެ.

ޒިދާން 2016 ވަނަ އަހަރު ރެއާލްގެ ކޯޗުކަމާ ހަވާލުވީ ކުރިން ކްލަބުގެ ކޯޗުގެ މަގާމުގައި ހުރި ރަފޭލް ބެނިޓޭޒްގެ މަގާމު ފޫބެއްދުމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޒިދާންއަކީ ފްރާންސްގެ ކުރީގެ ކެޕްޓަނެވެ. އެ ގައުމަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއް އޭނާ އަދާކުރި އިރު 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސްއިން ކާމިޔާބު ކުރިއިރު ވެސް އޭނާގެ ހިއްސާ އެހާމެ ބޮޑެވެ.

ޒިދާންގެ ފްރާންސް ކެރިއަރު ނިންމާލީ 2006 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލަށް ފަހުގައެވެ. އިޓަލީއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުން އެ ގައުމު ބަލިވި އިރު ޒިދާނަށް ވަނީ ފައިނަލް މެޗުގައި ރަތް ކާޑުވެސް ދައްކާފައެވެ.

comment ކޮމެންޓް