ފުވައްމުލަކު ސްކޫލެއްގައި ޖެހި ސަކަރާތެއްގައި ދަރިވަރެއްގެ އަތް ޒަހަމްވެއްޖެ

ފުވައްމުލަކުގެ ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރުންތަކެއް---ފޮޓޯ: ޓުވިޓާ

ފުވައްމުލަކު ހާފިޒު އަހުމަދުު ސްކޫލު ތެރޭގައި ހިނގި ސަކަރާތެއްގައި ދަރިވަރެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން" އަށް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ކްލާހުގެ ދެ ގަޑި ބަދަލުވި ވަގުތު ކަމަށެވެ.

"ކްލާހުގެ ކުއްޖަކު ބޭރަށް ނުކުމެ ވަންނަން އައި އިރު ކްލާހުގެ އެތެރޭގައި ތިބި ކުދިން [ތިބީ] ދޮރުގައި ހިފަހައްޓައިގެން. ދެން އޭނާ ކްލާހަށް ވަންނަން އުޅެނިކޮށް އެ ބިއްލޫރި ދޮރު ތަޅައިގެންގޮސް ގޮސް އޭނާގެ އަތަށް ބިއްލޫރިތައް ވަނީ." ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ޒަހަމްވި ދަރިވަރުގެ މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލަތު ވަރަށް ގާތުން އެޑިއުކޭޝަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު "ސަން" އަށް ވިދާޅުވީ އެ ދަރިވަރު އެ ހޮސްޕިޓަލަށް ގެނެސް އޮޕަރޭޝަނެއް ކުރި ކަމަށާއި އަދި މިހާރު ވެސް އިތުރު ފަރުވާ ދެމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ އެ ދަރިވަރުގެ ހާލަތު މިހާރު ހަމަޔަކަށް އެޅިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

comment ކޮމެންޓް