މަންމަ މަރުވުމުގައި އިހުމާލު އޮތް ކަމަށް ދަރިން ބުނާ އިރު އޭޑިކޭއިން މައްސަލަ ބަލަނީ!

އައިޝަތު އާދަމް

އޭޑީކޭގައި ފަރުވާ ދެމުން ދިޔަ އަންހެނެއްގެ ކުއްލި މަރުގެ ވާހަކަ ސޯޝަލް މީޑީއާގައި މިދުވަސްކޮޅު ގަދަވެފައި އެ ވާހަކައިން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ގެނުވައިފަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީވެފައިވާ ވަރަށް ބަލާ އިރު އިހުމާލުން މީހެއްގެ ފުރާނަ ދިޔުމަކީ މި ފަހަކަށް އައިސް އަޑުނީވޭ ވާހަކައެކެވެ. ނަމަވެސް ނުވާ ކަމެއް ވެސް ނޫނެވެ. އަދި ބައެއް ފަހަރު އިހުމާލެއް ކަމަށް ހީވި ނަމަވެސް އެކަން އެގޮތައް ނުވެދާ ފަހަރު ވެސް މަދެއް ނޫނެވެ.

އުމުރުން 59 އަހަރުގެ އައިޝަތު އާދަމް ނިޔާވީ މި މަހު 28 ވަނަ ދުވަހު އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ މި މަހުގެ 23 ވަނަ ދުވަހު ނޭވާލާން އުނދަގޫވާތީ އެވެ. ނަމަވެސް އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އައިޝަތަށް ވަނީ އިތުރު ސިއްހީ މައްސަލަތަކެއް ދިމާވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ. މިކަން ހިނގި ގޮތުން އޭނާގެ އާއިލާއިން ތުހުމަތު ކުރަނީ އައިޝަތު މަރުވުމުގައި އޭޑިކޭ އާއި ޑޮކްޓަރުންގެ އިހުމާލުވުން އޮތް ކަމަށެވެ.

އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަންގެ ނިއުސް ޓީމުން ވާނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން އައިޝަތުގެ ފިރިމީހާ އަދި ދެ ކުދިންނާ ބައްދަލުކޮށް މައުލޫމާތު ހޯދީމެވެ.

"މަންމަ އޭޑީކޭއަށް ގެންގޮސްފައި ވަނީ ނޭވާލާން އުނދަގޫވާތީ. ފުރަތަމަ އެމަޖެންސީގައި ފަރުވާދިނުމަށް ފަހު އެ ދުވަހުގެ ރޭ [23ވަނަ ދުވަހުގެ ރޭ] އައިސީޔޫއަށް ވަނީ ބަދަލު ކޮށްފައި. އައިސީޔޫއަށް ބަދަލު ކުރީ ނޭވާލާން އުނދަގޫވާތީވެ. މެޝިނެއްގެ އެހީގައި ނޭވާ ލެއްވުމަށް ޓަކައި އައިސީޔޫ އިން އެ ހިދުމަތް ފޯރުކޮށްދެވެން ހުރުމުން ކަމަށް އާއިލާއަށް އަންގާފައި ބަދަލު ކުރީ. އައިސީޔޫއަށް ބަދަލުކުރެވިފައި ވަނީ ހުރިހާ ޓެސްޓްތައް ހެދުމަށް ފަހު، އާއިލާއަށް ބައްދަލުކޮށް އެއްވެސް ނުރައްކާތެރި ބައްޔެއް ނެތް ކަމަށް ބުނެފައި." އައިޝަތުގެ ދަރިއެއްކަމަށްވާ އިސްމާއިލް އިހުސާން ސަން އަށް ކިޔައިދިނެވެ.

އިހުސާން ބުނީ އޭރު މަންމަ ރަނގަޅަށް ވާހަކަ ދައްކާ ކަމަށެވެ. އަދި ހާލު ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ހެދުނު ޑޮކްޓަރުން ދިން ބޭސް ސިޓީގައި "ނިއުމޯނިއާ" ޖަހާފައި އޮތުމުން އާއިލާ މީހުން އެކަމާ ކަންބޮޑުވެ ސުވާލު ކުރި ކަމަށެވެ.

"ސުވާލު ކުރުމުން ބުނީ އޮޅިގެންނޭ." އިހުސާން ބުންޏެވެ.

އިހުސާން ބުނީ ނޭވާލުމުގެ މައްސަލައަށް ލުޔެއް ލިބުމުން މަންމައާ ބައްދަލުވީ ޖެހިގެން އައި ދުވަހު ކަމަށާއި އެ ދުވަހު ހެނދުނު މަންމައާ ބައްދަލުވުމުން "ކަނާއަތުގައި ރިއްސާ ކަމަށް ބުނެ ވަރަށް ބޮޑަށް ޝަކުވާ" ކުރި ކަމަށެވެ. "މަންމަ އެގޮތަށް ޝަކުވާކުރި އިރު. މަންމަގެ ކަނާއަތް ކޮނޑުހުޅުން ފެށިގެން ވަރަށް ބޮޑަށް ދުޅަވެފައިވާކަން ފާހަގަ ކުރެވުނު. އައިސީޔޫގައި ހުރި ނަރުސް ކުއްޖާއަށް އެކަމުގެ ޝަކުވާ ކުރުމުން ޑޮކްޓަރު ޝަރަދު ހެނދުނު މަންމަ ބެލި ކަމަށް ބުނީ،"

ނަމަވެސް މަންމަގެ އަތް ޑޮކްޓަރު ބެލި ކަމެއް ނަރުސް ކުއްޖާ ޔަގީންކޮށް ނުދޭ ކަމަށް އާއިލާ އިން ބުންޏެވެ.

އިހުސާން ބުނީ ކޮޓަރިއަށް ބަދަލުކުރި ފަހުން މަންމަގެ އަތުގައި އިންތިހާއަށް ރިއްސާތީ މަންމަ އުޅުނީ ވަރަށް ބޮޑަށް އުނދަގޫވާތީ ކަމަށެވެ. އަދި އެ އަތަށްވާ ގޮތް ބަލައި ދިނުމަށް އެތައް ފަހަރަކު މަންމަ ބެލި ޑޮކްޓަރު ޝަރުދު ގާތުން އެދުނު ކަމަށެވެ.

"އެތައް ފަހަރަކު ގުޅި. އެކަމަކު ނާދެ. ދެން ޑޮކްޓަރު ޝަރުދު ދެއްވި އެއްޗެއް ކަމަށް ބުނެ މަންމައަށް އިންޖެކްޝަނެއް ދިނީ ނަރުހުން،"

އިހުސާން ބުނީ އިންޖެކްޝަން ޖެހުމުން ވެސް އޭނާގެ މަންމަގެ އަތުން ތަދު ނުކެޑޭތީ ޝަކުވާކުރުމުން "ނަރުސް ކުއްޖާ ވަނީ ޖެލްއެއް އުގުޅުމަށް ފަހު ބެންޑޭޖްކޮށް އައިސްޕެކް އަޅާފައި"ކަމަށެވެ.

"އެވަރުން ވެސް ތަދެއް ނުކެނޑޭ. ނަރުސް ކުއްޖާ ޑޮކްޓަރު ޝަރުދުއަށް ގުޅިމާ ބުނީ އޭނާ އިނީ އޯޕީޑީގައި ކަމަށް. އަދި ދެވެން ނެތް ކަމަށް ވެސް ބުނި."

އިހުސާން ބުނީ ޑޮކްޓަރު ޝަރުދު މަންމަ އޮތް ކޮޓަރި އަށް ގެންނަން ޖެހުނީ ސުޕަވައިޒަރަށް ޝަކުވާ ކޮށްގެން ކަމަށެވެ. އިހުސާން ބުނީ އެހާ ބޮޑަށް ޝަކުވާ ކޮށްގެން ޑޮކްޓަރު ގެނައުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. އަދި ވާހަކަ ދެއްކީ ވެސް ރުޅިވެރިކަމާ އެކު ކަމަށް ބުނެފަ އެވެ.

އައިޝަތަކީ ކިޑްނީ ބައްޔަކަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި ގިނަ ބޭސްތަކެއް ދިނުމުން މައްސަލައަކަށް ނުވޭނެތޯ އާއިލާ މެމްބަރުން ސުވާލުކުރުމުން އެކަމާ ޑޮކްޓަރު ހިތްހަމަނުޖެހެނު ކަމަށް އާއިލާ އިން ބުންޏެވެ.

އިހުސާން ބުނީ ދެން މަންމަ ބަދަލުކުރީ އެޗްޑީޔޫ އަށް ކަމަށާއި އަދި މަންމަގެ އަތުގެ ސްކޭނެއް ހަދާފައިވާ ކަމަށެވެ. އެ ސް ކޭން ރިޕޯޓް ސަންގެ ނޫސްވެރިންނަށް ވެސް ވަނީ ފެނަފަ އެވެ.

"ސުކޭން ކުރުމުން ސުކޭން ޑޮކްޓަރު ކައިރީ ކިހިނެއްވީތޯ އެހުމުން ނާރެއް ބުލޮކްވެފައި ހުރި ކަމަށް ބުނީ. ސުކޭނު ބެލުމަށް ފަހު މަންމަ ބަލަމުން ދިޔަ ޑޮކްޓަރު ޝަރަދު ވަނީ އެހެންދިމާވި ކެނިޔުލާ ނާރުގެ ބަދަލުގައި މަސްގަނޑަށް ގުޅިފައި ހުރުމުން ކަމަށާއި އެންޓިބަޔަޓިކްސް އާއި އައިވީތައް މަސްގަނޑަށް ގޮސްގެން ކަމަށް ބުނެފައި،"

އިހުސާން ބުނީ ދެން ވެސް މަންމަ އަށް ލުއިވާ ގޮތް ނުވުމުން އޭޑީކޭގައި އެދިގެން ޑޮކްޓަރު ބަދަލުކުރި ކަމަށެވެ. އަދި ފަހުން ހަވާލުވި ޑޮކްޓަރު މަންމަގެ އަތުގެ އޮޕަރޭޝަނެއް ކުރަން ބުނުމުން އާއިލާ އިން ނިންމީ މަންމަ ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށް ކަަމަށެވެ.

"އޭޑީކޭ އިން ބުނީ ޑޮކްޓަރުންގެ ޓީމަކާ ބައްދަލުކުރަން އެހެންވެ އަހަރަމެން އެމީހުންނާ ބައްދަލުކުރިން. ވާހަކަ ދެއްކީ ޑރ. އަލީ ނިޔާފް. އޭނާ ބުނީ އެންޖީއޯ ގުރާމް ހަދައިފައި ކާމިޔާބުނުވެއްޖެ ނަމަ އަތްފަޅާލަން ޖެހޭނެ ކަމަށް. އަދި ބުނީ އެއީ ނާރުގައި ބޮލޮކްއިން ހިސާބު ބުނަން ނޭނގޭތީ ކަމަށް."

އިހުސާން ބުނީ މާލެއިން އެކަން ކުރަން ބޭނުން ނުވާތީ އެދުނީ ބޭރަށް ދިޔުމަށް ކަމަށާއި ޓިކެޓް ނަގައި ހުރިހާ ކަމެއްކޮށް ހެދުނު ފުރަން ހަމަޖެހިފައި ވަނިކޮށް ފަހުން މަންމަ ބަލަމުން ދިޔަ ޑޮކްޓަރު މަންމަގެ ހާލަތުބަލާފައި އަތުގެ ވިންދު މާދަށް ކަމަށާއި ދިރުން ގޮސްދާނެ ކަމަށް ބުނި ކަމަށެވެ.

"މާބޮޑަށް ލަސްވިއްޔާ މިކޮޅުން [އޭޑީކޭ]އިން ޒިންމާނުވާނެ ކަމަށާއި އަދި ވަގުތުން އޮޕަރޭޝަންކުރަން އެންގީ. އިތުރު ގޮތެއް ނެތުމުން އާއިލާ އިން ނިންމީ އޮޕަރޭޝަން ކުރަން،" އިހުސާން ބުންޏެވެ.

އިހުސާން ބުނީ އޮޕަރޭޝަން ފެށީ ރޭގަނޑު 12:30ގައި ކަމަށެވެ. އޮޕަރޭޝަން ނިމުނީ ފަހެއް ޖެހި ފަހުން ކަމަށެވެ. އަދި އޭރު މަންމަގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުންޏެވެ.

އިހުސާން ބުނީ ފަހުން ހެނދުނު މަންމަގެ ހާލުދެރަ ކަމަށާއި ކިޑްނީ މަސަތްކަތް ކުރުން ދަށް ކަމަށާއި އޭޑީކޭ އިން އެ ހިދުމަތް ދެވެން ނެތުމުން އައިޖީއެމްއެޗް އިން ނެފްރޮލޮޖިސްޓްއެއް ގެންނަން ނިންމާފައިވާ ކަމަށް އޭޑީކޭ ޑޮކްޓަރުން ބުނި ކަމަށެވެ.

އިހުސާން ކިޔައިދިން ގޮތުގައި މެންދުރު އަނެއްކާ ވެސް ޑޮކްޓަރު ނިޔާފް ބައްދަލުކޮށް މަންމަގެ ހާލު ދަށް ވާތީ ބޭރަށް ފުރައިގެންދިއުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ޑޮކްޓަރުން އެންގި ކަމަށެވެ. އަދި އާއިލާ އިން ޓިކެޓް ނެގި ފަހުން މިހާރު މާލަސްވެއްޖެ ކަމަށާއި ބޭރަށް ގެންދިއުން ރަގަނޅު ނޫން ކަމަށް ފަހުން ޑޮކްޓަރުން ބުނި ކަމަށެވެ. އަދި އޭގެ ތިން ގަޑިއިރު ފަހުން މަންމަ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އައިލާ އިން ބުނީ އެ މައްސަލާގައި އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަން ކަމާ ބެހޭ އިދާރާތައްކަށް ހުށައާޅާފައިވާ ކަމަށެވެ. އަދި މަންމަ އަށް އިންސާފު ހޯދަން ބޭނުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭޑީކޭގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެފަދަ ކަމެއް ދިމާވެގެން އެ ހޮސްޕިޓަލުގެ އެތެރޭގައި ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު އާއިލާއަށް އަންގަމުންދާ ކަމަށާއި އިހުމާލެއްތޯ ނޫންތޯ އެނގޭނީ ތަހުގީގަށް ފަހުގައި ކަމަށެވެ. އައްފާލް ވިދާޅުވީ އާއިލާ އިން ބޭނުންވި ހުރިހާ ކަމެއް ހޮސްޕިޓަލުން ފަހިކޮށްދީފައިވާ ކަމަށާއި ފަރުވާ ދީފައިވަނީ ވެސް ޑޮކްޓަރުންގެ ބޮޑު ޓީމަކުންކަމަށެވެ.

"އަސްލު އަޅުގަނޑުމެން ގަސްތުގައި އެފަދަ ކަމެއް ކުރަންވީ ސަބަބެއް ނެތް. އެތައް ބަޔަކަށް ފަރުވާ ދެމުން ދާ ތަނެއް މިއީ. ނަމަވެސް އާއިލާއިން ފާޅުކުރާ ކަންބޮޑުވުމަށް އަޅުގަނޑުމެން އިހުތިރާމް ކުރަން،" އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ ޑރ. ޝަރުދު މިވަގުތު ހުރީ ތަހުގީގު ނިމެންދެން ޑިއުޓީން ނަގާފައި ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހުރީ ތިން މަސް ދުވަހުގެ ސަސްޕެންޝަނެއްގަ އެވެ. އަދި ފުރުން މަނާކޮށްފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅޭ ފަހުގެ މައުލޫމާތު އާއިލާއަށް ހިއްސާ ކުރާނެ ކަމަށެވެ.

އޭޑީކޭ އިން އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ އިރު އެ ހޮސްޕިޓަލުން ވަނީ އިންސާފުވެރި ތަހުގީގެއް ނިންމާ އާއިލާއަށް ފަހުގެ މައުލޫމާތު ދޭނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް