ކާޑެއްދޫ އެއާޕޯޓް ހިންގީ ބަޖެޓެއް ކަނޑަނާޅާ، ތެޔޮ ގަތީ އިއުލާނު ނުކޮށް: އޮޑިޓު

ކާޑެއްދޫ އެއާޕޯޓު

ވިލާ އެއާއިން ހިންގަމުން އައި ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓު މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސަރުކާރުން ނަގައި، ރީޖަނަލް އެއާޕޯޓްސްގެ ދަށަށް އެތަން ގެނައި ފަހުން އެތަން ހިންގަމުން ދިޔައީ ބަޖެޓެއް ކަނޑަނާޅާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު، ޓޫރިޒަމް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކާޑެއްދޫ އެއާޕޯޓުގެ ޚަރަދުތައް މިދިޔަ އަހަރު ކޮށްފައި ވަނީ ހަރަދުކުރާނެ ފައިސާ، ބަޖެޓު ބާކީގައި ހުރިތޯ ޗެކު ނުކޮށެވެ.

އެގޮތުން، ހިދުމަތާއި ތަކެތި ހޯދުމުގެ ކުރިން އެކަންކަމަށް ފައިސާ ދައްކާނެ ފައިސާ، ކާޑެއްދޫ އެއާޕޯޓުގެ ބަޖެޓުގައި ހިމެނިފައި ނެތް އިރު، އެ ފައިސާ ލިބެމުން ދިޔައީ ތަކެއްޗާއި ހިދުމަތްތައް ލިބި، ބިލުތަކަށް ފައިސާ ދައްކަންވުމުން ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.

"މިހެން ދިމާވެފައި ވަނީ މާޗު 2017ގައި ކާޑެއްދޫ އެއާޕޯޓު ސަރުކާރުގެ ދަށަށް ބަދަލުކޮށް، އެއާޕޯޓު ހިންގުން ރީޖަނަލް އެއާޕޯޓްސްގެ ދަށަށް ބަދަލުކުރެވުނު ނަމަވެސް އެ އެއާޕޯޓު ހިންގުމަށް ބޭނުންވާނެ ބަޖެޓު ލިބިފައި ނުވުމުން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވޭ،" އޮޑިޓު ރިޕޯޓުގައިވެ އެވެ.

https://sun.mv/86904

އެގޮތުގެ މަތިން ބަޖެޓު ލިބުމަކާ ނުލައި މިދިޔަ އަހަރު 16.4 މިލިޔަން ރުފިޔާ ކާޑެއްދޫ އެއާޕޯޓުން ހަރަދުކުރި ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން އެއާޕޯޓު ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް ވެސް ބަޖެޓު ލިބިފައި ނެތުމުގެ ސަބަބުން ކާޑެއްދޫ އެއާޕޯޓަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ، ދައުލަތުގެ މާލިއްޔާއަށް ޖަމާނުކޮށް އެއާޕޯޓުގެ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ތެޔޮ ގަތީ އިއުލާނު ނުކޮށް، އެއްބަސްވުން ނުހަދާ

އޮޑިޓު ރިޕޯޓުގައި ވަނީ ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ގަތުމުގެ މުއާމަލާތްތަކާ ބެހޭ މައްސަލައެއް ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން، 35،000 ރުފިޔާއަށް ވުރެ އަގު ބޮޑު މަސައްކަތެއް ނުވަތަ މަޝްރޫއެއް ނަމަ، އެކަމެއް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަންޖެހޭ އިރު، ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ގަތުމަށް އާންމުކޮށް އިއުލާނު ނުކުރާކަން ރިޕޯޓުގައި ފާހަގަކުރެ އެވެ.

އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ގަތުމަށް ރީޖަނަލް އެއާޕޯޓްސް އިން މިދިޔަ އަހަރު 1.13 މިލިޔަން ރުފިޔާ އެކި ފަހަރު މަތިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.

އަދި ހޯދަން ބޭނުންވާ ހިދުމަތެއް ނުވަތަ ގަންނަން ބޭނުންވާ ތަކެތި ގަންނަންވާނީ، އެކަމަކަށް ހުއްދަ ދޭ ފޮތް ނުވަތަ ފޯމު ފުރިހަމަކޮށް، އެކަމަކަށް ވެރިއެއްގެ ހުއްދަ ދިނުމުން ކަމަށް މާލިއްޔަތު ގަވައިދުގައި އޮތް ނަމަވެސް، ތެޔޮ ގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އެފަދަ ލިޔެކިޔުމެއް ތައްޔާރުނުކޮށް، އަދި ތެޔޮ ސަޕްލައި ކުރި ފަރާތާ އެއްބަސްވުމެއް ވެސް އެކުލަވާނުލާ ކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރެ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ ހުއްދަ ދޭ ފޮތް ނުވަތަ ފޯމު ފުރައި، ވެރިއެއްގެ ހުއްދައާ އެކު މެނުވީ ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އަގު 35،000 އަށް ވުރެ އިތުރުވާ ނަމަ އާންމުކޮށް އިއުލާނުކޮށްގެން ފަރާތެއް ހޯދުމަށާއި އެކަމަކާ ގުޅޭ ގޮތުން އެފަރާތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ވެސް އަންގައިފަ އެވެ.

comment ކޮމެންޓް