އެމެރިކާއިން ފަލަސްތީނާ ދެކޮޅަށް ނެރެން މަސައްކަތްކުރި ބަޔާނަކަށް ކުވައިތުން ހުރަސްއަޅައިފި

ކުވައިތުގެ މަންދޫބު

އދ. މަޖިލިސް (މޭ 31) : ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް އެމެރިކާ ކުރި މަސައްކަތަށް ކުވައިތުން ހުރަސްއަޅައި އެކަން ހުއްޓުވައިފި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތް ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ރިޔާސީ ބަޔާނެއް ނެރެވޭނީ އެމަޖިލީހުގައި ހިމެނޭ ހުރިހާ މެންބަރުން (ދާއިމީ މެންބަރުންނާއި ދާއިމީ ނޫން މެންބަރުން) އެކަމަށް ތާއީދުކޮށް ރުހުން ދީގެންނެވެ. ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދެނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ސަލާމަތީ މަޖިލީހުން ނެރުމަށް އެމެރިކާގެ މަންދޫބު ނިއްކީ ހޭލީ ތައްޔާރުކުރައްވައި އެމަޖިލީހަށް ހުށަހެޅުއްވި ބަޔާނުގައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ވާހަކަ ނުހިމަނައި ހަމައެކަނި ކުށްވެރިކޮށްފައި ވަނީ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ދިން ޙަމަލާތަކެވެ.

މިގޮތަށް ބަޔާން ނެރުމަށް ތާއީދު ނުކުރާނެކަން ކުވައިތުގެ އިތުރުން ބޮލީވިޔާގެ މަންދޫބުން ސަލާމަތީ މަޖިލީހުގައި ހާމަކުރި އެވެ. އެދެގައުމުގެ މަންދޫބުން ވިދާޅުވީ އިސްރާއީލުން ޣައްޒާ އިސްތިއްމާރުކޮށް ޣައްޒާގެ އާންމުންނަށްދޭ ޙަމަލާތައް ކުށްވެރިނުކޮށް އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުގެ ޖަމާއަތްތަކުން ދޭ ޙަމަލާތައް ކުށްވެރި ކުރުމަކީ އިންސާފު ނޫންކަމަށާ އެމެރިކާގެ ބަޔާނަކީ ވަކިއަތަކަށް ޖެހިފައިވާ ބަޔާނެއް ކަމުގަ އެވެ.

މީގެ ދެހަފްތާކުރިން ޣައްޒާގެ ސަރަހައްދީ ރޮނގުގައި މުޒާހަރާކުރި ހަތިޔާރުނެތް ފަލަސްތީނުގެ އާންމުންގެ ގަޔަށް އިސްރާއީލުން ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 63 މީހުން ޝަހީދުކޮށްލި ގަތްލުއާންމު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ރިޔާސީ ބަޔާނެއް ނެރުމަށް ކުވައިތުން ކުރި މަސައްކަތަށް ހުރަސްއަޅާފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ހުރަސްއެޅުމުން އިސްރާއީލު ގެ ގަތްލުއާންމު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ބަޔާން ނެރެވޭގޮތެއް ނުވިއެވެ.

ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލުގެ ޔަހޫދީ އަވަށްތަކަކަށް ރޮކެޓުން ދިން ޙަމަލާތަކުގައި ޔަހޫދީ ވަޒަންވެރިންގެ ބައެއްމީހުންވަނީ ޒަޚަމްވެފަ އެވެ. އަދި އެ ރޮކެޓްތަކުގެ ސަބަބުން ޔަހޫދީންގެ އަވަށްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ރޮކެޓުން ޙަމަލާދިނީ އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް