ދުންތަރި އިބްރާހިމް މަނިކް މެމޯރިއަލް ޗެމްޕިއަންޝިޕް މިރޭ ފަށަނީ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ދުންތަރި އިބްރާހީމް މަނިކްގެ ހަނދާނުގައި މިދިޔަ ބޭއްވި ދުންތަރި އިބްރާހީމް މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ކާމިޔާބު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އަލްމަރްހޫމު އިބްރާހިމް މަނިކުގެ ހަނދާނުގައި ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ދުންތަރި އާއިލާ ގުޅިގެން ބާއްވާ ދުންތަރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ޓޭބަލް ޓެނިސް މުބާރާތުގެ 10 ވަނަ މުބާރާތް މިރޭ ފަށާނެއެވެ.

ރާއްޖޭގެ ޓޮޕް ލެވެލްގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ޒުވާން ކުޅުންތެރިންނާއި ޓީޓީގެ ވެޓެރަންސް ކުޅުންތެރިން ފެނިގެންދާ އެ މުބާރާތް މިއަހަރުވެސް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރެވެށީ ކޯޓުގައެވެ.

މުބާރާތުގައި ޖޫނިއާގެ އިތުރުން ސީނިއާ ކެޓެގަރީ އަދި ވެޓެރަންސް ކެޓެގަރީގެ މެޗުތައް ކުރިއަށްދާ އިރު، ޓީމުތައް އެކުލަވާލައިފައިވަނީ ހުރިހާ އުމުރެއްގެވެސް ކުޅުންތެރިން ކޮންމެ ޓީމެއްގައިވެސް ހިމެނޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގައި އަށް ޓީމަކުން 73 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މިދިޔަ އަހަރުގެ މުބާރާތުގައިވެސް އަށް ޓީމަކުން 72 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ދުންތަރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން "ބުލޫ ފަޔަރ" ހޯދި އިރު ޓީމުގެ ކެޕްޓަނަކީ ޒީސްތު ނަސީމެވެ. މިއަހަރުގެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިރޭ 9:15ގައި ކުޅިވަރު އެކުވެނީގައި އޮންނާނެއެވެ.

comment ކޮމެންޓް