ޕްރޮމޯޓް ނުވުމުން ޓެރީ އެސްޓަން ވިލާ ދޫކޮށްލައިފި

އެސްޓަން ވިލާގެ ކެޕްޓަން ޖޯން ޓެރީ --- ފޮޓޯ/ އޭއެފްޕީ

އިނގިރޭސި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ނުވުމުން ޖޯން ޓެރީ އެސްޓަން ވިލާ ދޫކޮށްލައިފިއެވެ.

ޗެލްސީގެ ކުރީގެ ކެޕްޓަން ޓެރީ، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެސްޓަން ވިލާއަށް ސޮއިކުރީ މިދިޔަ އަހަރު ޖުލައި މަހުގައެވެ. އުމުރުން 37 އަހަރުގެ ޓެރީ، މި ސީޒަންގައި އެސްޓަން ވިލާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިރު، އެ ކްލަބު ވަނީ ޕްރިމިއާ ލީގު ޕްލޭ އޯފްގެ ފައިނަލްގައި ކުޅެފައެވެ.

ފުލްހަމްއާ ދެކޮޅަށް އެސްޓަން ވިލާއިން ކުޅުނު ފައިނަލުން ބަލިވެ، އެސްޓަން ވިލާއަށް އަންނަ ސީޒަންގައިވެސް ދެވަނަ ޑިވިޝަން ކުޅެން ޖެހިފައިވާ އިރު، ޓެރީ ބުނީ އަހަރު ދުވަހުގެ ތެރޭ އެސްޓަން ވިލާއަށް އޭނާގެ 100 ޕަސެންޓް ދީގެން މަސައްކަތް ކުރި ކަމަށެވެ.

"އަހަރެންގެ 100 ޕަސެންޓް ކްލަބަށް ދީގެން މަސައްކަތް ކުރަނީ. ދަނޑު މަތީގައިވެސް ދަނޑު ބޭރުންވެސް. ވަރަށް ބޮޑަށް ހިތްދަތިވެއްޖެ އެސްޓަން ވިލާ ޕްރޮމޯޓް ނުވީމަ. އެސްޓަން ވިލާއަކީ ޕްރިމިއާ ލީގުގައި އޮންނަން ޖެހޭ ޓީމެއް،" ޓެރީ ބުންޏެވެ.

ޓެރީ ބުނީ އެސްޓަން ވިލާއަށް އޭނާގެ ހިތުގައި އަބަދުވެސް ހާއްސަކަމެއް ދެވޭނެ ކަމަށާއި، އެސްޓަން ވިލާގެ ހަނދާންތައްވެސް ފިލައިގެން ނުދާނެ ކަމަށެވެ.

ޗެލްސީއަށް 700 އަށްވުރެ ގިނަ މެޗު ކުޅެ، ކްލަބާއެކު 15އަށް ވުރެ ގިނަ ޓްރޮފީ ހޯދާފައިވާ ލެޖެންޑް ޓެރީގެ މުސްތަގުބަލާ މެދު އޭނާ އަދި ވަކިގޮތެއް ނިންމާފައި ނުވެއެވެ.

އެސްޓަން ވިލާއަށް ސޮއިކުރުމަށްފަހު ޓެރީ ބުނެފައި ވަނީ އޭނާގެ މުސްތަގުބަލަކީ ކޯޗިންގެ ދާއިރާ ކަމަށާއި، ކްލަބް މެނޭޖްމަންޓުގައި ކުރިއަށްދާއިރު، އޭނާ ހާސިލްކުރާން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑިއަކީ ޗެލްސީއަށް ކޯޗުކޮށްދިނުންކަމަށެވެ. މީގެ އިތުރުންވެސް ޓެރީ ބުނެފައި ވަނީ ޗެލްސީ ދޫކޮށް، ޕްރިމިއަރ ލީގް ކްލަބަކާ ޓެރީ ނުގުޅުނީ އޭނާ އެ ކްލަބެއްގައި 21 އަހަރު ހޭދަކުރި ޗެލްސީއާ ދެކޮޅަށް ކުޅެން ބޭނުން ނުވާތީ ކަމަށެވެ.

comment ކޮމެންޓް