މަޑިވަރު އެއާޕޯޓް: ފާދިއްޕޮޅު ރައްޔިތުންގެ ހުވަފެން މިފަހަރު ބިލާހަކަށް ނުވާނެެ!

މަޑިވަރު އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ހުރަވަޅި

ފާދިއްޕޮޅަކީ މީހުން ދިރިއުޅޭ ރަށުގެ އަދަދު މަދުނަމަވެސް، އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ތަރައްގީ އަތޮޅެކެވެ. މީހުން ދިރިއުޅޭ ހަތަރު ރަށް އޮންނަ އިރު، ދަތުރުފަތުރު، ޚާއްސަކޮށް އަތޮޅާއި މާލެއާ ދެމެދު ގިނަ ދަތުރުތައް ކުރުމަކީ އެ އަތޮޅުގެ ރައްޔިތުން އަބަދު ވެސް ކުރަމުން އަންނަ ކަމެކެވެ. މި ފަހަކަށް އައިސް ހަފްތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ހަތަރު ރަށުން މީހުން މާލެ ދަތުރުކުރާ ލޯންޗު ފެރީ ފަހަރު އޮވެ އެވެ. ނަމަވެސް މާލެ އާއި ޅ. އަތޮޅާ ދެމެދު އޮންނަ ކާށިދޫ ކަނޑަކީ ގަދަ ކަނޑަކަށް ވެފައި، ވިއްސާރަ ވެއްޖެ ނަމަ، މިދަތުރުތައް ކުރުމަކީ ދަތިކަމެކެވެ.

ފާދިއްޕޮޅުގެ ރައްޔިތުން ފެށުނީއްސުރެ އެންމެ އިންތިޒާރު ކުރާ ކަމަކީ އަތޮޅުގައި އެއާޕޯޓެއް އެޅުމެވެ. މީގެ 20 – 25 އަހަރު ކުރިން ވެސް މި ވާހަކަތައް ދެކެވުނެވެ. ހާއްސަކޮށް އެ އަތޮޅު މަޑިވަރުގައި އެއާޕޯޓު އަޅާނެ ވާހަކައަކީ ދިގު ތިރީސް އަހަރުގެ ވެރިކަމުން ފެށިގެން ކުރު ތިން އަހަރުގެ ވެރިކަމުގައި އަދި ދޮޅު އަހަރުގެ ވެރިކަމުގައި ވެސް ދެއްކި ވާހަކައެކެވެ. މީގެ ކުރިން މަޑިވަރު އެއާޕޯޓު އަޅަން "ކަޑަ ޖެހި" ވާހަކައަކީ އަތޮޅުގެ ރައްޔިތުން މަޖަލަކަށް ނަމަވެސް ދައްކާ ވާހަކައެކެވެ. އެއާޕޯޓަކަށް ކުރާ އުއްމީދުު އެހާވެސް ދިގު ވެއްޖެ އެވެ. އެއްފަހަރަކު ނައިފަރާ މަޑިވަރާ ދޭތެރޭ ބްރިޖެއް އަޅަންވެސް ވާހަކަ ދެއްކި އެވެ. އެއާޕޯޓު އަޅަން ކުންފުންޏެއް ވެސް އުފެއްދިއެވެ. ފާދިއްޕޮޅު އެއާޕޯޓާގުޅިގެން މި ހުރިހާ ބައިސާއެއް އަޑުއިވޭތާ އަޅުގަނޑުގެ އުމުރުން ވީހާދުވަހެއް ވެއްޖެ އެވެ.

އެތައް އަހަރެއްގެ އުއްމީދުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ ޒަމާންވީ މަޑިވަރު އެއާޕޯޓުގެ މަސައްކަތް ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލު ކުރި ހިސާބުންނެވެ. މެއި މަހުގެ 29 ވަނަ ދުވަހު ޅ. ހުރަވަޅި ރިސޯޓުގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރެންޓުގައި ވަނީ މި ތާރީޚީ އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކޮށްފަ އެވެ. ކުރެއްދޫ ހޯލްޑިންގްސް އަކީ ޗަމްޕާ ވިޔަފާރީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ ކުންފުންޏަށް ވުމުން އެއާޕޯޓުގެ މަސައްކަތާމެދު ރައްޔިތުންނަށް އޮތް އިތުބާރުވެސް ބޮޑެވެ.

"ވަކި ސިޔާސީ ފިކުރަކަށް ނުބަލައި، މިއީ އަތޮޅުގެ ރައްޔިތުންގެ އުއްމީދުގައި ކުލަ ޖެހުން. މީގެ ސަބަބުން ފައިދާ ވާނީ ވަކި ޕާޓީއެއްގެ މީހަކަށް ނޫން،" އެއާޕޯޓުގެ މަސައްކަތް ހަވާލުކުރެވުނު ވާހަކަ އިވުމާއެކު އެ އަތޮޅުގެ ޒުވާނަކު ބުންޏެވެ.

އެ އަތޮޅަށް ނިސްބަތްވާ މެދު އުމުރުގެ މީހަކު ބުނީ "އެއާޕޯޓު އަޅާތާ" އުމުރުން ވީހާ ދުވަހެއްވީ ކަމަށާއި އެއްވެސް ނަތީޖާއެއް ނިކުތްތަން ނުފެންނަ ކަމަށެވެ. ނަމަވެސް އިއްޔެެ ސޮއިކުރެވުނު އެއްބަސްވުމާ އެކު ދެން އެއާޕޯޓުގެ އުއްމީދު ފުރިހަމަވާނެކަން ޔަގީންވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ޅ. ހިންނަވަރަށް ނިސްބަތްވެ، ވަޑައިގަންނަވާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ "މި އެއާޕޯޓަށް އިންތިޒާރުކުރާތާ 24 ވަރަކަށް އަހަރު ވެއްޖެ" ކަމަށާއި މިއަދު ވަރަށް އުފާވެއްޖެ ކަމަށެވެ. މިއީ އެތައް އަހަރެއްގެ ހުވަފެނެއް ސީދާވުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަޑިވަރު އެއާޕޯޓަކީ އަތޮޅުގެ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.

"މި މަޝްރޫއާ އެކު އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމަށް ވެސް ކުރިއެރުން އަންނާނެ. ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ،" ޝިޔާމް ވިދާޅުވިި އެވެ.

ޝިޔާމް ވިދާޅުވީ އެއާޕޯޓު އެޅި، އޮޕަރޭޝަންތައް ފެށުމާއެކު ނައިފަރުގެ ސިއްހީ ދާއިރާ އަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ.

"އެއާޕޯޓަކީ ނައިފަރުގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް. އިޖްތިމާއީ އަދި އިޖްތިމާއީ ތަރައްގީ އަދި އުއްމީދުތަކަކާ ގުޅިފައިވާ ޕްރޮޖެއްޓެއް މިއީ. ނައިފަރުގެ ސިއްހީ ދާއިރާ އޭގެ ޒާތުގައި އެންމެ ރަނގަޅަށް ފަންކްޝަން ނުކުރެވި އޮތްތަން އެބަފެނޭ. އެއާޕޯޓެއް ނެތުމުން އަންނަ ޗެލެންޖުތައް އެއީ. އެހެންނަމަވެސް އެއާޕޯޓު ލިބުމާ އެކު މި ހުރިހާ ދާއިރާތަކަށް ކުރިއެރުން އަންނާނެ،"

މި އެއާޕޯޓަކީ ޅ. އަތޮޅުގައި ރިސޯޓުތައް ހިންގާ އެހެން ކުންފުނިތަކަށް ވެސް އެއާޕޯޓުގެ ސަބަބުން ފަސޭހަތައް ލިބޭނެ ކަމަށާއި އަތޮޅަށް އިތުރު އިންވެސްޓްމެންޓުތައް ގެންނާނެ ޕްރޮޖެއްކްޓަކަށް އެއާޕޯޓު މަޝްރޫއު ވެގެންދާނެ ކަމަށް ޝިޔާމު ވިދާޅުވި އެވެ.

އުއްޗު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ހުރަވަޅި ރިސޯޓު


މިފަހަރު ބިލާހަކަށް ނުވާނެ!


އެއާޕޯޓުގެ މަޝްރޫއު މިފަހަރު ބިލާހަކަށް ނުވާނެ ކަމުގެ އަނެއް ޔަގީންކަމަކީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ޔަގީންކަމެވެ. މީގެ ކުރިން ވެެސް އެތައް އެއާޕޯޓެއްގެ މަސައްކަތް ކޮންޓްރެކްޓު ކުރެވި، އަމަލީ މަސައްކަތައް ނުފެށިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ މިސަރުކާރުން އެއާޕޯޓުގެ މަޝްރޫއުތައް އިއުލާނު ކުރަނީ އެކަމަށް ފައިސާ ހަމަޖެހުމުން ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ، "އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާނީ އެކަމަށް ފައިސާ ހަމަޖެހުމުން" ކަމަށް ޒަމީރު ވިދާޅުވި އެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓުން ނުވަތަ 40 މިނިޓުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމަކީ ރައީސްގެ ވިސްނުންފުޅުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި އެއާޕޯޓަކީ ސަރުކާރުގެ ބަޖެޓުން އެއްވެސް އެއްޗެއް ހަރަދު ނުކޮށް، ކުރެއްދޫ ހޯލްޑިންގްސް އިން ފަންޑުކޮށްގެން ތަރައްގީކޮށް ހިންގާނެ އެއާޕޯޓެކެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުރެއްދޫ ހޯލްޑިންގްގެ ހިއްސާދާރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ އެއާޕޯޓުއަޅަނީ ގައުމަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ޓުއަރިޒަމަށް ވެސް ބޮޑެތި އިންގިލާބުތައް ގެންނަވާފައިވާ އެއް ކުންފުނީގެ ހިއްސާދާރު ވިދާޅުވީ "(ރައީސް) ޔާމީން އަބަދުވެސް ވިދާޅުވާނެ ފަސްޓް، ނޭޝަން އޭ. އެންމެ ފުރަތަމަ ގައުމޭ. ދެން ހިތަށް އެރީ މިއީވެސް ނޭޭޝަން އާ ގުޅޭ ކަމެކޭ. އެއީ މިކަން ފެށި ގޮތަކީ،" އުއްޗު ވިދާޅުވި އެވެ.

އެއާޕޯޓު ތަރައްގީ ކުރަން މިހާރު ފެށި ނަމަވެސް އޭގެ އެންމެ ފޮނި މީރުކަން ދެކޭނީ ކުރިއަށް އޮތް ޖީލުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ހުރަވަޅި


ފާދިއްޕޮޅުގެ އިގްތިސާދު ކުރިއަށް!

މަޑިވަރުގައި ތަރައްގީ ކުރާނީ ހަމައެކަނި އެއާޕޯޓެއް ނޫނެވެ. ސިޓީ ހޮޓަލެއް ވެސް ތަރައްގީ ކުރާނެ އެވެ. އާންމުކޮށް އެއާޕޯޓު ތަރައްގީ ކުރަން ހަވާލުކުރާ ކުންފުނިތަކަށް ފަޅުރަށެއް ދިން ނަމަވެސް މި ޕްރޮޖެކްޓް ހަވާލުކުރީ މަޑިވަރުގައި ސިޓީ ހޮޓަލެއް އެޅުމުގެ ފުރުސަތާ އެކު އެވެ. މީގެ އިތުރުން އެތަނުގައި އޭވިޢޭޝަން އާ ބެހޭ ތަމްރީނުތައް ކުރިއަށް ގެންދާނެ ފެސިލިޓީތައް ވެސް ގާއިމް ކުރާނެ އެވެ.


ޅ. އަތޮޅު އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެއާކްރާފްޓްތައް ޖެއްސޭވަރުގެ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާނެ އެއާޕޯޓެކެވެ. މިހާރު މަޑިވަރުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެއާޕޯޓުގެ މަސައްކަތް އެއް އަަހަރު ތެރޭ ނިންމާ ހިދުމަތް ދޭނެ އެވެ.

ގާތްގަނޑަކަށް 8-11 މިލިއަން ޑޮލަރު ހަރަދުވާނެ މި މަޝްރޫއާ އެކު އަތޮޅުގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުން އަންނާނެ އެވެ. މި މަޝްރޫއާ މެދު ކުރެއްދޫ ހޯލްޑިންގްސް އިން ކުރާ އެއް އުއްމީދަކީ ވެސް އެއީ އެވެ. މިހާރު ހުޅުލެއިން 45 މިނެޓުން ސީޕްލޭނުގައި ދެވޭ ރިސޯޓުތަކަަށް ފަތުރުވެރިން އުފުލުމުގައި މި އެއާޕޯޓާ އެކު ކުރިއެރުން އަންނާނެ އެވެ. ހަމައެކަނި ދުވާލު ފަތުރުވެރިން އަންނަ ރިސޯޓުތަކަށް ރޭގަނޑު ފްލައިޓުތަކުގައި ވެސް ފަތުުރުވެރިން އުދުހޭނެ އެވެ.

ކުރެއްދޫ ހޯލްޑިންގްސް އިން ބުނީ މި އެއާޕޯޓުގެ މަޝްރޫއަކީ ހަމައެކަނި ކުންފުންޏަށް ލިބޭނެ ކުރިއެރުމެއް ނޫން ކަމަށެވެ. "މިއީ އަތޮޅަށް މި އަތޮޅުގެ ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބިގެންދާނެ މަޝްރޫއެއް. ދަތުރުފަތުރަށް އތުރު ފަސޭހައެއް ލިބިގެންދާނެ މަޝްރޫއެއް. ވިޔަފާރީގެ ގޮތުން އެކަންޏެއްނޫން، އުމްރާނީ ގޮތުން ވެސް ބޮޑު ތަރައްގީއެއް އަންނާނެ،"

comment ކޮމެންޓް