ސިއްހީ އިންސްޓިޓިއުޓެއް ގާއިމުކުރަން އެމެރިކާގެ ޖީއީ ހެލްތުކެއާ އާ އެކު އެސްޓީއޯ އިން އެއްބަސްވުމަކަށް

ސިއްހީ އިންސްޓިޓިއުޓެއް ގާއިމްކުރަން އެމެރިކާގެ ޖީއީ ހެލްތުކެއާ އާއެކު އެސްޓީއޯ އިން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ދެ ކުންފުނީގެ ދެމެދު އެއްބަސްވުމުގެ ލިޔުން ބަދަލުކުރަނީ --- ފޮޓޯ/ އެސްޓީއޯ

ސިއްހީ ދާއިރާއިން މީހުން ބިނާކޮށް ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ޓަކައި އެމެރިކާގެ ޖީއީ ހެލްތުކެއާ އާއެކު އެސްޓީއޯ އިން އިންސްޓިޓިއުޓެއް ގާއިމްކުރަން ނިންމައި، އެކަމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖީއީ ހެލްތުކެއާއަކީ، އޭވިއޭޝަން، ރިނިއުބަލް އެނާޖީ، ވެންޗާ ކެޕިޓަލް އެންޑް ފައިނޭންސް ފަދަ ބޮޑެތި ދާއިރާތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކް (ޖީއީ) ސަބްސިޑަރީ ކުންފުންޏެކެވެ.

މީގެ 24 އަހަރުކުރިން އުފެއްދި ޖީއީ ހެލްތުކެއާ އިން ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ހަރަކާތްތެރިވާ އިރު، އެ ކުންފުންޏަކީ އެކްސްރޭ، ސީޓީ، އެމްއާރު އައި އީސީޖީ އަދި އަލްޓްރާސައުންޑް މެޝިންގެ އިތުރުން ރެސްޕިރޭޓަރީ ކެއާ ސިސްޓަމްސް ފަދަ ސިއްހީ ދާއިރާގައި ބޭނުންކުރާ ޒަމާނީ މެޝިނަރީ އުފައްދާ މަގުބޫލު ކުންޏެކެވެ.

މީހުން ބިނާކޮށް ކުރިއެރުވުމަށް އެސްޓީއޯ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އިންސްޓިޓިއުޓް އެކުލަވާލުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

ޖީއީ ހެލްތުކެއާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމާ އެންގޭޖްމަންޓްގެ މި ސަރަހައްދުގެ ހެޑް، މަރޫތު ސެތިއާ އެވެ.

އެސްޓީއޯ އާއި ޖީއީ ހެލްތުކެއާ އާއެކު ގާއިމްކުރި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމާޒުކުރުމަށް ހަމަޖެހިފައި ވަނީ އެކްސްރޭ ޓެކްނީޝަނުން އުފެއްދުމަށާއި ސިއްހީ ދާއިރާއިން ހުނަރު އިތުރަށް ތަރައްގީ ކުރުމަށެވެ.

އަދި އޭގެ އިތުރުން އެސްޓީއޯގެ ސްޓާފުންގެ ހުނަރު އިތުރަށް ބިނާކޮށް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ނަމަވެސް އެ އިންސްޓިޓިއުޓް ގާއިމްކޮށް، ކިޔަވައިދޭން ފަށާނެ ވަކި ތާރީހެއް އަދި އެތަން ހިންގަން ހަމަޖެހިފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް އަދި އެސްޓީއޯއަކުން ނުބުނެ އެވެ.

ސޮއިކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ ސިއްހީ ދާއިރާއިން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ހިމެނޭގޮތަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުން، އެ ދާއިރާއިން މީހުން ބިނާ ކުރުމަކީ އެ ކުންފުނިން ވަކިން ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.

އެސްޓީއޯއާ އެކު ގާއިމްކުރި ޕާޓްނާޝިޕާ ގުޅޭ ގޮތުން ޖީއީ ހެލްތުކެއާގެ ފަރާތުން މަރޫތު ސެތިއާ ވިދާޅުވީ، ހަމައެކަނި މެޝިނަރީއިން ސިއްހީ ހިދުމަތް ފުރިހަމަ ނުވާނެ ކަމަށެވެ.

އަދި ވިދާޅުވީ، ފަންނީ ތަމްރީނުތަކަކީ އިކުއިޕްމަންޓުގެ ބޭނުން އެކަށޭނަ ގޮތުގައި ހިފައި، ސިއްހީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސެއް ކަމަށެވެ.

comment ކޮމެންޓް