ކަޝްމީރުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެ

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލުގައި ހަމަލާ ބަދަލު ކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފައި -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (މޭ 30): ކަޝްމީރުގައި އޮންނަ އިންޑިއާއާއި ޕާކިސްތާން ވަކިކޮށްދޭ ބޯޑަރުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެދެ ގައުމުން އެއްބަސްވެއްޖެއެވެ.

އެ އެއްބަސްވުން ހެދީ ސެޕްޓެމްބަރު 2016އިގެ ފަހުން ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލުގައި ހަމަލާ ބަދަލު ކުރުންތައް އިތުރުވި ފަހުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ދެ ގައުމުގެ ޖެނެރަލުން ވަނީ ހާއްސަ ހޮޓްލައިނަކުން ވާހަކަ ދައްކަވައިފައެވެ. އަދި ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެއްބަސްވެފައެވެ.

އެގޮތުން މުސްތަގުބަލުގައި އެސަރަހައްދުގައި ހަމަނުޖެހުން އުފެދިއްޖެ ނަމަ މައްސަލަ ހައްލު ކުރާނީ ހޮޓްލައިން މެދުވެރިކޮށް ވާހަކަ ދައްކައިގެންނާއި ދެގައުމުގެ ސިފައިންގެ ކޮމާންޑަރުންގެ ބައްދަލުވުންތައް ބާއްވައިގެން ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެދެ ގައުމުން ވަނީ ލައިން އޮފް ކޮންޓްރޯލުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް 2003 ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމަށް ފުރިހަމައަށް އަމަލު ކުރަން ނިންމައިފައެވެ. ނަމަވެސް ދެ ގައުމުން ވަނީ އެއެއްބަސްވުމާ ހިލާފަށް މީގެ ކުރިން ތަކުރާރުކޮށް ހަމަލާތައް ބަދަލުކޮށްފައެވެ.

އިންޑިއާއިން ބުނާ ގޮތުގައި ކަޝްމީރުގައި ޕާކިސްތާނުން މިއަހަރު ދިން ހަމަލާތަކުގައި 25 އާއްމުންނާއި 18 ސިފައިން މަރުވެފައިވެއެވެ. އަދި ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާއިން ދިން ހަމަލާތަކުގައި މިއަހަރު 28 އާއްމުން މަރުވެ، 117 މީހަކަށް އަނިޔާވިއެވެ.

މީގެ އިތުރުން ކަޝްމީރުގެ ބޯޑަރުގައި ގިނަ ހަމަލާތައް ބަދަލު ކުރަނީ ފަތިސް ގަޑީގައި ކަމުން، ރޯދަ ހިފާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަން ވެސް ޕާކިސްތާނުން ފާހަގަ ކުރިއެވެ. (އޭޕީ)

comment ކޮމެންޓް