ރާއްޖޭގެ މަސްވެރިކަމުގެ އަގުވަޒަންކުރުމަށް އަދުލީ ގޮވާލައްވައިފި

15 ވަނަ ޓޫނާ ކޮންފަރެންސްގައި މިފްކޯގެ ސީއީއޯ އަދުލީ (ވ) --- ފޮޓޯ/ މިފްކޯ

ތައިލެންޑުގައި މިހާރު ކުރިއަށްދާ 15 ވަނަ ޓޫނާ ކޮންފަރެންސްގައި ދިވެހިން މަސްވެރިކަމުގެ އަގުވަޒަން ކުރުމަށް މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ގޮވާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ބެންކޮކްގައި ފެށި އެ ކޮންފަރެންސްގައި މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގިނަ ގައުމުތަކުން ބައިވެރިވާއިރު ރާއްޖޭގެ މަސްވެރިކަން އެ ކޮންފަރެންސްގައި ދައްކާލަދިނީ މިފްކޯއިންނެވެ.

ކޮންފަރެންސްގައި ދެއްވި ޕްރެޒެންޓޭޝަންގައި އަދުލީ ވަނީ، ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި މަސްވެރިކަމަކަށްވާ ސިފަތަކާއި ރާއްޖޭގެ މަސްވެރިކަމަކީ ޒިންމާދާރުގޮތުގައި ކުރެވެމުން އަންނަ މަސްވެރިކަމެއްކަން ކޮންފަރެންސްގެ ބައިވެރިންނަށް ހުށަހަޅައިދެއްވައިފައެވެ.

އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކުުރުމުގައި ސަރުކާރުގެ ކުންފުންޏެއްގެ ގޮތުން މިފްކޯއިން އަދާކުރާ ދައުރު ހިއްސާކޮށް، ރާއްޖޭގެ މަސްވެރިކަމުގެ އަގުވަޒަންކުރަން ގޮވާލެއްވިއެވެ.

"ރާއްޖޭގެ މަސްވެރިންނަކީ ކަނޑުމަތީގައި ބުރަމަސައްކަތުން ދޮށީގެ މަސްވެރިކަންކުރާ ބަޔަކަށްވާތީއާއި ރާއްޖެއިން ބާނާ ހުރިހާ މަހަކީ ތިމާވެއްޓަށް ރައްކާތެރިގޮތުގައި އަދި ޒިންމާދާރު ގޮތުގައި ބޭނޭ މަސްކަން ކަށަވަރުކޮށްދޭތީ،" އަގުވަންކުރަންޖެހޭ ސަބަބުތައް އަދުލީ ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރާއްޖޭގައި ސިނާއީ ގޮތުންވެސް ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ފެކްޓަރީ އަދި ކޮލިޓީ މިންގަނޑުތައް އެންމެ މަތީފެންވަރުގައި ބެހެއްޓިފައިވާ ކަމުގެ ޔަގީންކަން ދެވޭތީ މިއީ މަސް ގަންނަ ބްރޭންޑްތަކުގެ ހައިބަތަށްވެސް އިތުރު ފުރިހަމަކަމަކަށްވާނެ ކަމަށެވެ.

އަދުލީ ދެއްވި ޕްރެޒެންޓޭޝަނަށްފަހު ތިމާވެއްޓަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ގްރީންޕީސްއިން ވަނީ ރާއްޖެއިންދިން މެސެޖްއަށް ތައުރީފުކޮށް ވަރަށް ސާފުކޮށް މެސެޖެއް ލިބިއްޖަކަމަށް ބުނެ، ރާއްޖޭގެ މަސްވެރިކަމާދޭތެރޭ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދޭނެކަން ހާމަ ކުރައްވައިފައެވެ.

ޓޫނާ ކޮންފަރެންސް އަކީ ތައިލެންޑައި ކޮންމެ ދެ އަހަރުން އެއް އަހަރު، ތިން ދުވަހަށް ދެމިގެންދާ ކޮންފަރެންސް އެކެވެ. އެގޮތުން މިއަހަރުގެ ކޮންފަރެންސްގައި 6،000 އަށްވުރެ ގިނަ ޖަމިއްޔާ އަދި ކުންފުނިތައް އެކި ހިސާބުން ބައިވެރިވެއެވެ.

އަދި ރާއްޖޭގެ ފަރާތުން މިފްކޯއިން ވަނީ މިފަހަރުގެ ވެސް ޕްލެޓިނަމް ސްޕޮންސާގެ ގޮތުގައި ބައިވެރިވެ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލާފައެވެ.

comment ކޮމެންޓް