ގައިދީންނާއި ބަންދުގައި ތިބޭ މީހުން ޕްރޮމޯޓް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށާއި އެކަން ކުރާ ސްޓޭޝަންތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބްރޯޑްކާސްޓަރުންނަށް އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އެމީހަކަށް ލިބިގެނެއްނުވާ ކަމަށެވެ.

އަދި ޝަރުއީ ހުކުމެއް ތަންފީޒު ކުރާ މީހުންނާ ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހޯދައި އެ މައުލޫމާތު ބޭނުން ކުރަން ވާނީ ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް ސާކިއުލާގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ބައެއް ސިޔާސީ ޕާޓީތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުން ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައިދީން ޕްރޮމޯޓްކޮށް ކުރިއަށްނެރެ ޝަޚްޝު އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް ފާހަގަކުރަމުންދާތީ، އެފަދަ ކޮންޓެންޓް ގެނެސްދިނުމުގައި ސަމާލުވުމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

"ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ،" ބްރޮޑްކޮމްގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އަދި ގާނޫނާއި ގަވާއިދާ ތައާޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ފިޔަވަޅު އަޅާނެކަ ކަމަށް ވެސް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

ގައިދީން ޕްރޮމޯޓް ނުކުރުމަށް ބްރޮޑްކޮމްގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީފައިވާއިރު، ހޯމް މިނިސްޓްރީން ވެސް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ނޫސްބަޔާންތަކުން އިލްތިމާސްކޮށްފައި ވާނެ ކަމަށެވެ.

އަދި އެފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް