ގައިދީން ޕްރޮމޯޓްކުރާ ފަރާތްތަކާއި މީޑިއާތަކާމެދު ގާނޫނީ ފިޔަވާޅު އަޅާނެކަމުގެ އިންޒާރު ދީފި

އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ ޝަހްޝު އޮޅޭގޮތަށް ހިންގާ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތަކާއި މީޑިއާތަކާމެދު ގާނޫނީ ފިޔަވާޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ދީފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ނޫސްބަޔާންތަކުން އިލްތިމާސްކޮށްފައި ވާނެ ކަމަށެވެ.

އަދި މިހާރަކަށް އައިސް ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ރާއްޖޭގެ ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައިދީން ޕްރޮމޯޓުކޮށް، ކުރިއަށްނެރެ ޝަހްޝު އޮޅޭގޮތަށް ހިންގަމުން ގެންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވާޅު އަޅާނެކަމުގައި ދަންނަވަމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން އެފަދަ ބަޔާނެއް ނެރެފައިވާއިރު، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޖަލު ހުކުމެއް އިއްވާފައިވާ އެހެން ސިޔާސީ ލީޑަރުން ދެއްވާ ސްޓޭޓްމަންޓުތަކާއި ކުރައްވައި ޓްވީޓްތައް މީޑިއާގައި އަންނަނީ ގެނެސްދެމުންނެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި "ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވަޅައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ،" ކަމަށެވެ.

އަދި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހޯދައި އެ މައުލޫމާތެއް ބޭނުންކުރަން ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓްކޮށްފައިވާ ޝާއިއުކޮށްފައިވާ "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައިތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދާ"އި "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު"ގައި ވާ ގޮތުގެ މަތީން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް