އިރާގުގެ އާ ސަރުކާރު އެކުލަވާލަން މަސައްކަތްކުރާ ސަދްރުގެ އިންޒާރު އެމެރިކާއާއި އިރާނަށް!

މުޤްތަދާ އައްސަދްރު

އިރާގަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް އެގައުމުގައި ބޭއްވި އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދި "ސާއިރޫން" ކޯލިޝަންގެ ލީޑަރު މުގްތަދާ އައްސަދްރު ވަނީ އެމެރިކާއަށާއި އީރާނަށަށް ވަނީ ގޮވާލާފައެވެ.

އިރާގުގައި ކޯލިޝަން ސަރުކާރެއް އުފައްދަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ސަދްރަށް ތާއީދުކުރައްވާ ސިޔާސީ ލީޑަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އެމެރިކާއާއި އީރާނުގެ އިތުރުން އެހެން ގައުމަކުންވެސް އިރާގުގައި ނުފޫޒު ފަތުރަން މަސައްކަތްކޮށްގެން ނުވާނެކަމަށާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެއްވެސް ގޮތަކަށް އެހީތެރިނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އިރާގުގެ ސިފައިންނާއި ފުލުހުން ފިޔަވައި ހަތިޔާރުއެޅި އެހެން އެއްވެސް ފަރާތެއް އިރާގުގައި އޮވެގެން ނުވާނެކަމަށާއި މިފަދަ ޖަމާއަތެއް އޮތްނަމަ ޖެހޭނީ އިރާގުގެ ސިފައިންގެ ތެރެއަށް އެޖަމާތުގެ ހަނގުރާމަވެރިން ވައްދަން ކަމަށްވެސް ސަދްރު ވިދާޅުވިއެވެ.

އިރާގަށް ހަމަޖެހުން ގެނެވޭނީ އިރާގުގައި ނުފޫޒު ފެތުރުމުގެ މަސައްކަތް އެމެރިކާއާއި އީރާނުގެ އިތުރުން އެހެން ގައުމުތަކުންވެސް ހުއްޓާލައި، އިރާގުގެ ކަންކަން އިރާގުގެ ރައްޔިތުންނަށް ދޫކޮށްލައިގެން ކަމަށް ސަދްރު ވިދާޅުވިއެވެ. އަދި އިރާގުގެ ވެރިންނާއި މުއައްސަސާތަކުންވެސް މަސައްކަތް ކުރަންޖެހޭނީ މަޒުހަބީ ތަފާތުކުރުންތައް ނައްތާލައި، ވަކި ދީނެއް، މަޒްހަބެއް ނުވަތަ ނަސްލަކަށް ބެލުމެއްނެތި އިރާގުގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްގެން ކަމަށްވެސް ސަދްރު ވިދާޅުވިއެވެ.

ސަދްރު އެމެރިކާ ސިފަކުރެއްވީ އިރާގުގައި ހަން ފަތުރަން އުޅޭ އިސްތިއުމާރީ ބާރެއްގެ ގޮތުގައެވެ. އެގޮތުން އިރާގަށް މިހާތަނަށް ހުރިހާ ގެއްލުމެއް ލިބުނީ އެމެރިކާގެ ސަބަބުން ކަމަށާއި އެމެރިކާގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަދި މުސްލިމު، އަވަށްޓެރި އިރާނުގެ މަސްލަހަތުތަކެއް އެ ސަރަހައްދުގައި އޮތް ނަމަވެސް އިރާގުގެ ކަންކަމުގެ ތެރެއަށް އިރާނުގެ ވެރިންނަށް ސަދްރު އިލްތިމާސްކުރެއްވިއެވެ.

އިރާގުގައި މި މަހު ބޭއްވި އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު އިއުލާނުކޮށްފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން 54 ގޮނޑި ކާމިޔާބުކުރީ ސަދްރުގެ "ސާއިރޫން" ކޯލިޝަނުންނެވެ. އަދު 47 ގޮނޑިއާ އެކު ދެވަނައަށް އެންމެ ގިނަ ގޮނޑި ހޯދީ އިރާނަށް ތާއީދުކުރާ ސިޔާސީ ލީޑަރު ހާދީ އަލްއާމިރީގެ "ފަތުހު" ކޯލިޝަނުންނެވެ. އިރާގުގެ މިހާރުގެ ބޮޑުވަޒީރު ހައިދަރުލް އަބާދީގެ "ނަސްރު" ކޯލިޝަނަށް ލިބުނީ 42 ގޮނޑިއެވެ.

އިރާގުގެ ސިޔާސީ މަސްރަހުގައި 300 އެއްހާ ޕާޓީ އޮތް އިރު، އެ ޕާޓީތައް ގުޅިގެން ހެދި 23 ކޯލިޝަނެއް އިންތިހާބުގައި ވާދަކުރިއެވެ. އެންމެ ގިނަ ގޮނޑި ލިބުނު ސަދްރުގެ ކޯލިޝަނަށްވެސް މެޖޯރިޓީ ގޮނޑި ނުލިބުމުން ސަރުކާރެއް އުފެއްދުމަށް ވަނީ ހުރަސް އެޅިފައެވެ. ސަރުކާރެއް އެކުލަވާލުމަށް ގާނޫނު ހަދާ މަޖިޅީހުގެ 165 ގޮނޑި ހޯދަންޖެހެއެވެ.

ގިނަ ކޯލިޝަންތަކެއް ހިމަނައިގެން އެކުލަވާލާ ބޮޑު ކޯލިޝަނަކުން ނޫނީ މިއަދަދަށް ގޮނޑި އެއް ނުހޯދޭނެއެވެ. ބޮޑު ކޯލިޝަނެއް ހެދުމަށް އޮތް ދަތިކަމަކީ ކޯލިޝަންތަކުގައިވެސް ގިނަ އަދަދެއްގެ ޕާޓީތައް ހިމެނޭއިރު އެޕާޓީތަކަކީވެސް އަދި ކޯލިޝަންތަކަކީވެސް ޚިޔާލު ތަފާތުވުންބޮޑު ޖަމާއަތްތަކަކަށް ވުމެވެ.

ސަރުކާރެއް އެކުލަވާލުމަށްޓަކައި ސަދްރު ގެންދަނީ ގިނަ ކޯލިޝަންތަކެއްގެ ލީޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. އުމުރުފުުޅުން 45 އަހަރުގެ މުގްތަދާ އައްސަދްރަކީ އީރާނުގެ "ގުމް" ސިޓީއިން ދީނީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ޝީއީ މަޒުހަބުގެ އިލްމުވެރިއެއް ނަމަވެސް އޭނާއަކީ ބޭރުގެ އެއްވެސް ގައުމަކަށް ތާއީދު ނުކުރައްވާ ވަތަނީ ވިސްނުމުގެ ބޭފުޅެކެވެ.

އިރާނާ ދެކޮޅުވެރި ނޫން ނަމަވެސް، އިރާނުގެ ނުފޫޒު އިރާގުގައި އޮތުމަށް އޭނާ ތާއީދެއް ނުކުރައްވައެވެ. އެހެން ނަމަވެސް އޭނާ އެމެރިކާއާ މެދު ނުރުހެއެވެ. އެހެންކަމުން އެމެރިކާވެސް ބަލަނީ ސަދްރަކީ ދުޝްމަނެއް ކަމުގައެވެ.

ނަމަވެސްސަދްރުގެ ކޯލިޝަނުން އިރާގުގެ އިންތިހާބުގައި ކުރި ހޯދުމުން އެމެރިކާ ވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ސަދްރާ ވާހަކަ ދައްކައި ދުޝްމަންކަން ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. ސަދްރު ބޭނުންވަނީ އިރާގުގެ މިހާރުގެ ބޮޑުވަޒީރު ޑރ. ހައިދަރުލް އަބާދީގެ ޒައާމަތުގެ ދަށުން ޕާލަމެންޓްގެ އަގުލަބިއްޔަތު ލިބޭވަރުގެ ބޮޑު ކޯލިޝަނެއް ހެދުމަށެވެ. ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ސަދްރު ބޭނުންފުޅު ނުވާތީ އިރާގުގެ ޕާލަމެންޓްގެ މެންބަރުކަމަށް އޭނާ ކުރިމަތިލައްވާފައެއް ނުވެއެވެ.

އިރާގަކީ ތެލުގެ މުއްސަނދިކަމާއި ދަނޑުވެރި ބިންތަކާއި ފެނުގެ ވަސީލަތްތައް ވަރަށް ބޮޑަށް ލިބިފައިވާ ތަނަވަސް ގައުމެކެވެ. ނަމަވެސް އިރާގުގެ ރައްޔިތުން ފަގީރުކަމުގައި އުޅެންޖެހިފައިވަނީ އެމެރިކާއިން އިރާގާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައަށްފަހު ގައުމުގައި ހިނގަމުންދާ ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް އިރާގުގައި އިންވެސްޓްކޮށް އިރާގު އަލުން އާރާސްތު ކުރުމުގެ ފުރުސަތު ނުލިބި ދިގުދެމިގެން ދާތީ އިރާގުގައި ވަނީ ފަގީރުކަން އާންމުވެފައެވެ.

އައިއެސް ޖަމާއަތް އިރާގުން ނައްތާލެވުނު ނަމަވެސް އެޖަމާއަތަށް ނިސްބަތްވާ ވަކިވަކި ފަރުދުން އިރާގުގައި ބޮން ގޮއްވުމުގެ ޓެރަރިޒަމްގެ އަމަލުތައް އަދިވެސް ހިންގަމުން ގެންދެއެވެ. ނަމަވެސް ބޮން ގޮއްވާ ނިސްބަތްވަނީ ގާތްގަނޑަކަށް 80 އިންސައްތަ މިހާރުވަނީ ދަށަށްގޮސްފައެވެ.

comment ކޮމެންޓް