އަހަރެއްގެ ތެރޭގައި ފްރާންސްގެ އެއް މިލިއަން މީހުން ސިނގިރޭޓް ބުއިން ހުއްޓާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް ---

އަހަރު ދުވަހުގެ ތެރޭގައި ފްރާންސްގެ އެއް މިލިއަން މީހުން ސިނގިރޭޓް ބުއިން ހުއްޓާލާފައިވާ ކަމަށް އެގައުމުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާ ކުރިއަށް ގެންދިޔަ ޕަބްލިކް ހެލްތު ފްރާންސް އިން ބުނީ، އެ ދިރާސާގައި ސިނގިރޭޓް ބޮއެ އުޅޭ ފުރާވަރުގެ ކުދިންނާއި ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ ނިސްބަތް ވެސް މަދުވެފައިވާ ކަމަށް ދައްކަ އެވެ. އަދި އެވަރުގެ ވެއްޓުމެއް މިއިން ގަރުނަކު ވެސް ފެނިފައެއް ނުވާ ކަމަށް އެ ފަރާތުން ބުނެ އެވެ.

ދިރާސާ އިން ދައްކާ ގޮތުން، 2016 ވަނަ އަހަރު އުމުރުން 18 އަހަރާއި 75 އަހަރާ ދެމެދުގެ 29.4 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެއީ ފްރާންސްގެ 13.2 މިލިއަން މީހުންނެވެ.

ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 26.9 ޕަސެންޓަށް ދަށްވެ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު 12.2 މިލިއަން މީހުންނަށް ދަށްވެފަ އެވެ.

ދިރާސާއިން ބުނާ ގޮތުން، އެވަރުގެ ގިނަ ބަޔަކު ސިނގިރޭޓް ބުއިން ހުއްޓާލުމުގެ އެއް ސަބަބަކަށް ވުން ގާތީ، ސިނގިރޭޓް ބުއިން ހުއްޓުވުމަށް ފްރާންސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކެވެ.

އެގޮތުން ވޭތުވެ ދިޔަ އަހަރުތަކުގައި ފްރާންސް އިން ވަނީ ސިނގިރޭޓްގެ އަގު ބޮޑު ކުރުމާއި ދުންފަތް ބޭނުން ކުރުން ހުއްޓާލުމާ ގުޅޭ ގިނަ ކެމްޕެއިންތަކާއި ސިނގިރޭޓާ ދުރުވާ މީހުންނަށް ފައިސާ ދިނުންފަދަ ކަންކަން ތައާރަފް ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު މެޑިކަލް ޖޯނަލްސް ހިމެނޭ ދަ ލަންސެޓް އިން ބުނާ ގޮތުން ދުނިޔެއިން މަރުވާ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކަކީ ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން މަރުވާ މީހެކެވެ. އަދި އޭގެ ދެބައިކުޅާ އެއް ބަޔަކީ ޗައިނާ، އިންޑިއާ، އެމެރިކާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުންނެވެ.

comment ކޮމެންޓް