މާޒިޔާއިން މިލޯސްވެސް ފޮނުވާލައިފި

މާޒިޔާއަށް މިދިޔަ ދެ އަހަރުވެސް ކުޅުނު މިލޯސް ކޮވަސެވިޗް --- ފޮޓޯ/ މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެޓީމުގެ ސާބިއާ ޑިފެންޑަރު މިލޯސް ކޮވަސެވިޗްވެސްް ފޮނުވާލައިފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި އެޓީމުގެ އިޓަލީގެ ގޯލްކީޕަރު މައުރޯ ބޮއޭޗިއޯވެސް މާޒިޔާއިން ފޮނުވާލައިފައިވާ އިރު، ރޭ އެޓީމުން ކުޅުނު މެޗުގައި ދެ ކުޅުންތެރިންވެސް ފެނިފައެއް ނުވެއެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ ބިދޭސީ ދެ ކުޅުންތެރިން ފޮނުވާލައިފައިވާ ކަމަށާއި، މެޗުގައި އެ ދެކުޅުންތެރިން ނުކުޅުނު ނަމަވެސް އޭގެ ބަދަލުގައި ކުޅެން އެރި ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

މާޒިޔާއަށް މި ސީޒަންގައި ގުޅުނު އިޓަލީ ކީޕަރު މައުރޯގެ ބަދަލުގައި ރޭގެ މެޗުގައި މާޒިޔާގެ ގޯލް ބެލެހެއްޓީ އުންމީދީ ގޯލްކީޕަރު ހުސައިން ޝަރީފެވެ. ޑިފެންޑަރު މިލޯސްގެ ބަދަލުގައި ރޭގެ މެޗުގައި ކުޅުނީ ގާސިމް ސައްމާމް (ސައްމެ)އެވެ. އެ ދެކުޅުންތެރިން ފަރާތުންވެސް ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މާޒިޔާއިން މިދިޔަ ސީޒަންގައިވެސް ފެނިގެންދިޔަ ސާބިއާގެ ޑިފެންޑަރު މިލޯސް ވަނީ މާޒިޔާއަށް އައުމުގެ ކުރިން ލިތުއޭނިއާއި ސާބިއާ އަދި އަރުމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށްވެސް ކުޅެފައެވެ. އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސުޓޭޖުގައި މާޒިޔާއިން ކުޅުނު މެޗުތަކުގައިވެސް މިލޯސްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

ސަން ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުރޯއާއި މިލޯސްވެސް ޓީމުން ފޮނުވާލަން ނިންމީ ޑިސިޕްލިންއާއި އެޓިޓިއުޑުގެ މައްސަލަތަކެއް އުޅުމުންނެވެ. މާޒިޔާއިން އީގަލްސްއާ ދެކޮޅަށް ކުޅެ 1-0ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު އެދެކުޅުންތެރިންގެ ފަރާތުންވެސް ކޯޗާ ދެބަސްވުންތަކެއް ފެނިފައިވެއެވެ.

ރޭ ޔޫވީއާ ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗު އެޓީމުން 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މާޒިޔާއިން ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީން ކޮށްފައެވެ.

comment ކޮމެންޓް