އެކެއް ފެބްރުއަރީގައި ހިންގި ކަންތައްތަކަށް މައާފްކޮށް ނުދެވޭނެ: ރައީސް ޔާމީން

ޕީޕީއެމްއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން --- ފޮޓޯ/ ޕީޕީއެމް

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން ސަރުކާރު ވައްޓާލަން ކުރި ކަންތައްތަކަށް މައާފްކޮށްނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމ ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ އެކެއް ފެބްރުއަރީގައި ސިޔާސީ ލީޑަރުންނާއި އެބޭފުޅުންނާ ބައިވެރިވި މީހުން ކުރި ކަންކަމަކީ ލޯމަރާފައި، ފަރުދީ ގޮތުން މާއާފުކޮށްދެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެފަދަ ކަންކަމަކީ ދައުލަތުގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި އެއީ ސިޔާސީ މީހުން ގާނުނާ ޚިލާފަށް ކުރާ ކަންކަން ކަމަށާއި އެފަދަ ބަޔަކު ގާނޫނުގެ ތެރެއިން ކަންކުރާނެ ކަމަށް ވިސްނުމަކީ ނުބައި ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކަކީ ސަލާމަތް ސިކުނޑިއެއް ހުރި ކޮންމެ މީހަކުވެސް ހެކިވާނެ ކަމެއް ކަމަށެވެ.

"ޕޮލިސް ކަމިޝަނަރު އޭގެ ތެރެއަށް ވަދެއްޖެ. އެއީ ދާޚިލީ ކަންކަމުގައި ކޯޓުތަކުން އަމުރުކުރީމައި ހުކުމް ތަންފީޒު ކުރަން ނުކުންނަން ތިބި ބަޔަކީ. ދާޚިލީ ކަންކަން ހަމަޖައްސަން ތިބި ބަޔަކީ އެއީ. އެހެންވީމަ ކޮމިޝަނަރު މީގައި ބައިވެރިވެއްޖެ. ދެން އަޅުގަނޑުމެން އެންމެ އިތުބާރު ކުރާ ސުޕްރީމް ކޯޓުގެ ދެ ފަނޑީޔާރުން އޭގެ ތެރޭގައި ހިމެނިއްޖެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކެއް ފެބްރުއަރީގެ އަމުރު ފަހުން ބާތިލް ކުރީ އޭގައި ބޮޑެތި މައްސަލަ ތަކެއް ހުރިކަން އެ ކޯޓުގައި މިހާރު ތިިއްބެވި ތިން ފަޑިޔާރުންނަށް ފާހަގަ ވެގެން ކަމަށެވެ.

ސިޔާސީ އެހެން ލީޑަރުންގެ ފަރާތުން މިހާތަނަށް ފެނިގެންދިޔައީ ގައުމީ މަސްލަހަތާ ފުށުއަރާ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެކަމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެންދިޔަ އެންމެ ފަހު ކަމަކީ އެކެއް ފެބްރުއަރީގެ އަމުރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހުރިހާ ކަމެއްގައި ސީލްޖަހައި. ސިއްކަޖަހައި އެންމެ ފަހު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ފެނިގެންދިޔައީ އެކެއް ފެބްރުއަރީގެ އަމުރު. ސުޕްރީމް ކޯޓުގެ އަމުރުގައި ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހުރުމުން ހަމަ ސުޕްރީމް ކޯޓުގެ ފުރަތަމަ އަމުރުގައި ސޮއިކުރެއްވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން އެ އަމުރު ބާތިލް ކުރައްވާފައި އެއޮތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މުޅި ގައުމާ މެދު ވިސްނާނެ ބަޔަކީ ރައްޔިތުންކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ މިއަދު ޔާމީން ހުރެދާނެ ކަމަށާއި މާދަމާ އެހެން މީހަކު ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ގައުމު ސަލާމަތް ކުރާނެ ބަޔަކީ ދިވެހި ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ލީޑަރުންނަކީ ލީޑަރުންނާ އެކު މަސައްކަތް ކުރާ މީހުންގެ ހަކަތައިން އެމީހުންގެ މަސައްކަތަށް ހަކަތަ ލިބޭ ބައެއް. އެހެންވީމަ ލީޑަރުން މިއަދު އުޅޭލާފަ މާދަމާ ފުރައިގެންދިޔާމަ. ކޮބައިތޯ ލީޑަރުންތައް މިހާރު،" ސިޔާސީ އެކިއެކި ކަންކަމާއި ހުރެ ކަމަށް ބުނެ ބޭރުގައުމުތަކަށް އަރުވާލެވިގެންތިބި ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއިން އެއްވެސް ލީޑަރަކު ރާއްޖެ ވަޑައިގަތުމަށް އެއްވެސް މީހަކު މަނާ ނުކުރާ ކަމަށެވެ. އަދި މިއީ ހަމަ އެ ބޭފުޅުންގެ ވެސް ފަސްގަނޑު ކަމަށް ވިދާޅުވިއެވެ.

"އަންނަންވީ ނޫންތޯ. ދެން ހުކެމެއް ކޮށްފާނެތީ. ހުކުމެއް ތަންފީޒުކޮށްފާނެތީ ބިރުން އުޅޭ ކަމަށްވަންޏާ ގާނޫނީ ވެރިކަމެއް ހިންގަން ކުފޫ ހަމައެއްނުވޭނުންތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް