އެންމެ އުފާވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަމާންކަން އޮތީމަ: ރައީސް

މެއި 11، 2018: ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި "ހެސްކިޔާފަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމަނިކުފާނު އެންމެ އުފާފުޅުވާ ކަމަކީ ކުރިން ނެތްވަރަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަމާންކަން އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަމާންކަން އޮތްކަން ގަބޫލުކުރަން އެބަޖެހޭ ކަމަށެވެ.

"އެންމެ އުފާވާ ކަމަކީ އަމާންކަން އިރާދަކުރެއްވިއްޔާ ކުރީގަ ނެތްވަރަށް މި ހާލަތުގައި، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ އަމާންކަން އެބައޮތް ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 57 މީހަކު ގަސްތުގައި މަރާލާފައިވާ ކަމަށާއި އެއީ ކުޑަކުޑަ މުސްލިމު ދިވެހި މުޖުތަމައުއާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އަވަށްޓެރިއަކަށް ހުރީ ތިމާ އާއި ޚިޔާލު ތަފާތު މީހަކު ކަމުގައިވާނަމަ އެމީހަކަށާއި އެމީހެއްގެ އަނބިދަރިންނަށް ގޯނާ ކުރުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހުރި ކަންކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވި މުއްދަތުގެ ތެރޭގައި ރާއްޖެ އަމާންވެފައިވާ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުވަހަކު ވެސް އަޅުގަނޑުމެން އުންމީދު ނުކުރާ ކަހަލަ، ހުވަފެނުން ވެސް ދެކުން ނާދިރު ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިނގަމުން އަންނަ ކަމަށާއި އެއީ ވެސް އެމަނިކުފާނު އުފާވާ ކަމެއް ކަމަށެވެ.

އެ މަޝްރޫއުތަކުގެ ފައިދާ ކުރަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ޚާއްސަކޮށް ޒުވާން އުމުރުގައި މަސައްކަތުގެ މާހައުލަށް ނުކުންނަ މީހުންނަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދާނެ މި ހަފްތާގެ ބާކީ މިއޮތް ހަތަރު ދުވަހެއްގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދުވާލަކު އެއާޕޯޓެއް އެޅުމަށް އަޅުގަނޑުމެން މި ހަވާލު ކުރަނީ. ހަމަ ފައިސާ ހުރެގެން މި ޕްރޮޖެކްޓުތައް ހަވާލު މިކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ގާއިމް ކުރާ ހަތަރު އެއާޕޯޓުގެ ސަބަބުން ހަމައެކަނި ރައްޔިތުންގެ ދަތުރުފަތުރަށް ފަސޭހަކަމެއް އަންނަނީ ނޫން ކަމަށާއި އެކަމުގެ ސަބަބުން އަތޮޅުތަކުގައި ތިބެގެން ޒުވާނުންނަށް ވަޒީފާ ހޯދުމަށް މަގުފަހިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އަލަށް ހަދާ ހަތަރު އެއާޕޯޓާ އެކު މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރަން އެބަޖެހޭ ކަމަށެވެ.

"މުޅި ރާއްޖެއަށް ޓޫރިޒަމް ގެންދަންޖެހޭ ސަބަބަކީ މިހާރު މިހަދާ ބިޔަ އެއާޕޯޓަށް ގާތްގަނޑަކަށް ހައެއްކަ އަށެއްކަ ޕަސިންޖަރުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރެއް، އަށް އަހަރު ދުވަހުގެ ތެރޭ އަންނަ ކަމަށް ވަންޏާ މި އެންމެންނަކީ މާލެ ކައިރީ ހުރި ރިސޯޓުތަކުގެ އެނދުތައް ފުރާލަން ތިބި ބައެއް ނޫން. އެއަށްވުރެ މާބޮޑަށް އާންމުވެގެން އެބަދޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް