ޓެސްޓްކުރި 69 ޕަސެންޓް މީހުން އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެއްޖެ

16 މާޗު 2016: އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންފްލުއެންޒާއަށް ޓެސްޓްކުރި 69 ޕަސެންޓް މީހުން އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ އަދިވެސް ފެތުރެމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ރޯގާއާ އިންފުލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.

"މުޅިއަކު 6669 މީހުންވަނީ ރިޕޯޓްކޮށްފައި.2017 ވަނަ އަހަރު މާރިޗް މަހުގައި ފެތުރު ރޯގާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ހަފްތާގައި ޖުމުލަ 14300 މީހުން ވަނީ ރިޕޯޓްކޮށްފައި،" އެޗްޕީއޭގެ ބަޔާނުގައިވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އިންފުލެންޒާއަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުނު މީހުންގެ ނިސްބަތުން 69 ޕަސަންޓް މީހުން އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މިދުވަސްވަރު އެންމެ ގިނައިން ފެންނަމުންދަނީ އިންފުލުއެންޒާ އޭގެ ވައްތަރެއްކަމަށްވާ އެޗް3 އެން2،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންފުލުއެންޒާ ޖެހުން އިތުރުވަމުން އަންނަ އިރު މިދިޔަ ހަފްތާތެރޭގައި އެ ބަލި ޖެހުނު އުމުރުން ދުވަސްވީ މީހަކު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ވަނީ މަރުވެފައެވެ.

comment ކޮމެންޓް