އީގަލްސް ބަލިކޮށް، ޕޮލިސް ކްލަބު ޕްލޭ އޯފްއަށް

ޕޮލިސް ކްލަބާއި މާޒިޔާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްލަބު އީގަލްސް ބަލިކޮށް، ޕޮލިސް ކްލަބުން ދެވަނަ ބުރުގެ ޕްލޭ އޯފް ޖާގައެއް ޔަގީން ކޮށްފިއެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޕޮލިހަށް ދެ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުލް ރަހީމް އަދި އަބްދުﷲ އިބްރާހީމް މަނިކެވެ. އީގަލްސްއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ރަޝީދެވެ.

މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝަހީމެވެ.

މިއަހަރުގެ ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އިއްޔެ ނިމިފައިވާ އިރު، ގްރޫޕް އޭއިން ދެވަނަ ބުރުގެ އޮޓޮމެޓިކް ކޮލިފިކޭޝަން ހޯދީ ގްރޫޕްގެ އެއްވަނަ ޓީމު ކްލަބު ވެލެންސިއާއި ދެވަނަ ޓީމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ބީ އިން ދެވަނަ ބުރަށް އޮޓޮމެޓިކް ކޮލިފިކޭޝަން ހޯދީ ގްރޫޕްގެ އެއްވަނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ގްރޫޕްގެ ދެވަނަ ޓީމު ދިވެހި ސިފައިންގެ ކްލަބެވެ.

ގްރޫޕް އެކެއްގެ ތިންވަނަ ޓީމުގެ ގޮތުގައި ވިކްޓަރީ ޕްލޭ އޯފްއަށް ދަތުރުކުރި އިރު، އީގަލްސްއާއި ވިކްޓަރީ ވާދަކުރާ ދެވަނަ ބުރުގެ ޕްލޭ އޯފް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރު ދުވަހުގެ ހަވީރެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމުތައް:

ކްލަބު ވެލެންސިއާ

ކްލަބު އީގަލްސް

ޕޮލިސް ކްލަބު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ގްރޫޕް ބީގައި ހިމެނޭ ޓީމުތައް:

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ދިވެހި ސިފައިންގެ ކްލަބު

ވިކްޓަރީ ސްޕޯޓްސް ކްލަބު

ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

comment ކޮމެންޓް