ރެއާލްއިން ޗެމްޕިއަންސް ލީގު ނެގި ނަަމަވެސް ޔޫރަޕްގެ އެއްވަނަ ބާސާއަށް!

ރެއާލްއިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑުން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލީ މި ހަފްތާ ތެރޭގައެވެ.

މިސީޒަނަކީ ރެއާލްއަށް ޗެމްޕިއަންސް ލީގުގައި އަނެއްކާވެސް ކާމިޔާބު ސީޒަނެއް ނަމަވެސް ލޯކަލް ދެ މުބާރާތުގެ ތަށި ނެގީ ވާދަވެރި ބާސެލޯނާއެވެ. ޔޫރަޕްގެ ކްލަބުތައް ރޭންކް ކުރާ ސްޕޯޓްސް ޑޭޓާ ކުންފުންޏެއް ކަމަށްވާ ގްރޭސް ނޯޓުން ނެރުނު ޔޫރަޕްގެ ކްލަބް ރޭންކިންއަށް ބަލާ އިރު، ޔޫރަޕްގެ އެއްވަނަ ކްލަބުގެ ގޮތުގައި އޮތީވެސް ބާސާއެވެ. ދެވަނައިގައި ރެއާލް އޮތް އިރު، ލިސްޓްގެ ތިން ވަނައިގައި އޮތީ ޖަރުމަން ލީގު ކާމިޔާބުކުރި ބަޔާން މިއުނިކެވެ.

ގްރޭސް ނޯޓުން ޓީމުތަކުގެ ޑޭޓާ ނަގަނީ އެޓީމަކުން ސީޒަންގައި ކުޅޭ މެޗުތަކަށް ބަލައިފައެވެ. ޓީމުތައް މެޗުތައް ރޭޓް ކުރާ އިރު، އެ ޓީމަކުން ކުޅޭ މެޗުތަކުގެ ފެންވަރަށްވެސް ގްރޭސް ނޯޓުން ބަލައެވެ.

ގްރޭސް ނޯޓުން ޔޫރަޕްގެ ލީގުތައްވެސް ރޭޓް ކުރާ އިރު، ޔޫރަޕްގެ މުބާރާތްތަކުގައި އެ ލީގެއްގެ ޓީމުތަކުން ނެރޭ ނަތީޖާތަކަށް ބޯނަސް ޕޮއިންޓް އިތުރުވާނެއެވެ. އަދި ލީގު މިނެކިރުމުގައި ޓީމުތަކުގެ ވާދަވެރިކަމަށްވެސް ބަލައެވެ.

ގްރޭސް ނޯޓުން ނެރުނު ޔޫރަޕްގެ އެންމެ މޮޅު ކްލަބުގެ ލިސްޓްގެ ހަތަރުވަނަ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ލިބޭ އިރު، ފަސްވަނަ ލިބެނީ އިނގިރޭސި ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށެވެ. މިދިޔަ އަހަރު އިނގިރޭސި ލީގުގެ ޗެމްޕިއަން ޗެލްސީ ލިސްޓްގެ 12 ވަނައަށް ވެއްޓިފައިވާ އިރު، އިނގިރޭސި ލީގުގެ ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ނުވަވަނައިގައެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ އެ ލިސްޓްގެ 10 ވަނައިގައެވެ.

ގްރޭސް ނޯޓުގެ ޑޭޓާއިން ދައްކާ ގޮތުން ޔޫރަޕްގެ އެންމެ ވަރުގަދަ ލީގަކީ ސްޕެނިޝް ލީގެވެ. ޕްރިމިއާ ލީގު ދެވަނައިގައި ރޭންކް ކުރެވިފައިވާ އިރު، ތިންވަނަ ލިބެނީ ޖަރުމަނު ލީގަށެވެ.

ގްރޭސް ނޯޓުގެ ކްލަބު ރޭންކިން ލިސްޓް:

Euro club ranking

comment ކޮމެންޓް