އެމްޕީއެލްއަށް މިދިޔަ އަހަރު 158.6 މިލިޔަން ރުފިޔާގެ ފައިދާ

އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް 2017 ވަނަ އަހަރު 158.6 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ، އެމްޕީއެލްގެ 2017 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު އެމްޕީއެލްއަށް އާމްދަނީގެ ގޮތުގައި 628.2 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު އެމްޕީއެލް އިން 28 މިލިޔަން ރުފިޔާ ދެއްކި އިރު، އާމްދަނީގެ ގޮތުގައި ލިބުނީ 158.56 މިލިޔަން ރުފިޔާ އެވެ.

އޭގެ ކުރީ އަހަރު އެމްޕީއެލްއަށް އާމްދަނީގެ ގޮތުގައި ލިބުނީ 559.8 މިލިޔަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 152.35 މިލިޔަން ރުފިޔާ ލިބުނެވެ.

ރޭ ހޮޓެލް ޖެންގައި އެމްޕީއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވި އިރު، އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެމްޕީއެލްގެ ބަނދަރުން ކާގޯ އުފުލި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ބަނދަރަށް ބޭލި ކޮންޓެއިނަރުގެ އަދަދު، 93،609 އިން 106،705 އަށް އިތުރުވެފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ރޭގެ އަހަރީ އާންމު ޖަލްސާގައި އެމްޕީއެލްގެ ޗެއާމަން އަލީ ރިފާއު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ކުންފުނީގެ ބޯޑުން ވަނީ ކުންފުނީގެ ކުރު އަދި ދިގު ރާސްތާ އަމާޒުތައް ހާސިލުކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމުގައި ދެމިހުންނާނެ ކަމަށާއި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް