ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރަކަށް ހާފިޒް

ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު ހަމަޖެއްސި އަހުމަދު ހާފިޒް --- ފޮޓޯ/ މީސް މީޑިއާ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަހުމަދު ހާފިޒް، ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ކުޅިވަރުގެ މާދައިނުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ހާފިޒް، ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު ހަމަޖައްސަވައިފައިވާ އިރު، އޭނާ ހުރީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވި ހާފިޒަކީ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ރައީސެވެ. ސާބާގެ ރައީސްކަމަށް ހާފިޒް އިންތިހާބުވީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސްކަން ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މެދުކެނޑުމެއްނެތި 21 އަހަރު ވަންދެން ބާސްކެޓް އެެސޯސިއޭޝަންގެ ރައީސްކަން ކުރެއްވުމަށް ފަހު ހާފިޒް އެ މަގާމުން ދުރަށް ޖެހިވަޑައިގަތީ 2016 ވަނަ އަހަރުގަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް ބާސްކެޓް އެސޯސިއޭޝަންގައި ހާފިޒް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ.

comment ކޮމެންޓް