އެމެރިކާގެ ޚާއްސަ ވަފްދެއް އުތުރު ކޮރެޔާގައި ހަރަކާތްތެރިވަނީ

ޕިޔޮންގްޔަންގް (މޭ 27): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާބެހޭގޮތުން އުތުރުކޮރެޔާ ސަރުކާރާ ވިލަރެސް ކުރުމަށްޓަކައި އެމެރިކާގެ ޚާއްސަ ވަފްދެއް އުތުރު ކޮރެޔާގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

އެމެރިކާގެ ވަފްދުގައި ހިމެނެނީ ފަންނީ ބޭފުޅުންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން ތަޖްރިބާކާރުން ކަމަށްވެއެވެ. އެމެރިކާގެ ވަފްދެއް އުތުރުކޮރެޔާގައި ހަރަކާތްތެރިވަމުންދާކަން އެގައުމުގެ ސެންޓްރަލް ނޫސްއެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ވިދާޅުވީ، ސަމިޓުގެ ތައްޔާރީތައް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ކަންކަން އުތުރުކޮރެޔާ ސަރުކާރާ ގުޅިގެން ވައިޓް ހައުސްއިން ކުރިޔަށްގެންދާ ކަމަށާއި މިކަމަށްޓަކައި އެމެރިކާގެ ޚާއްސަ ވަފްދެއް ޕިޔޮންގްޔަންގްގައި ހަރަކާތްތެރިވަމުން ދާކަމުގައެވެ. މީގެއިތުރުން ޓްރަމްޕާއި ކިމްގެ ސަމިޓަށް ތައްޔާރުވުމުގެގޮތުން އެމެރިކާގެ އެޑްވާންސް ވަފްދެއް ސިންގަޕޫރުގައިވެސް ހަރަކާތްތެރި ވަމުންދާކަން ވައިޓް ހައުސް އިންވަނީ ކަށަވަރުކޮށްދީފައެވެ.

ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓް އަންނަ ޖޫންމަހު 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އެމެރިކާއާއި އުތުރުކޮރެޔާގެ އިތުރުން ސިންގަޕޫރުގައިވެސް ދަނީ އެސަމިޓަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުންނެވެ. މީގެއިތުރުން ސަމިޓްގެ އެންމެހާ ކަންކަމުގައި ވައިޓް ހައުސް އާއި ދެކުނު ކޮރެޔާގެ ރިޔާސީ ގަނޑުވަރު ބްލޫހައުސްއާ ދެމެދުވެސް ދަނީ ވިލަރެސް ކުރަމުންނެވެ.

ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވަނީ ދިފާއީ އަދި އިގްތިސާދީ ކަންކަމުގައި އުތުރުކޮރެޔާ އެދޭކަންކަން ކޮށްދޭނެކަމުގެ ގެރެންޓީ އެމެރިކާއިން ދިނުމުން އުތުރުކޮރެޔާގެ އަސްކަރީ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި އުތުރުކޮރެޔާގައިވާ ނިއުކްލިޔަރ ހަތިޔާރުގެ ސްޓޮކް ނައްތާލުމުގެ އަސާސުގެ މައްޗަށް ބިނާކޮށްގެންނެވެ. މިކަންކަމާބެހޭގޮތުން ސަމިޓްގައި ޓްރަމްޕާއި ކިމް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސަމިޓް ކެންސަލް ކުރިކަން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޓްރަމްޕް ކުއްލި ގޮތަކަށް އިޢުލާން ކުރެއްވުމަށްފަހު އަނެއްކާ ހޮނިހިރުދުވަހު ޓްރަމްޕް ވަނީ އެސަމިޓް ބާއްވަން ނިންމެވިކަން އަލުން އިޢުލާންކުރައްވާފައެވެ. މިކަމަށް އުތުރުކޮރެޔާ އިންވެސް ތާއީދުކުރުމުން އަންނަ ޖޫންމަހު 12 ވަނަ ދުވަހު ޓްރަމްޕާއި ކިމްގެ ސަމިޓް ސިންގަޕޫރުގައި ބޭއްވޭނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.

މިއީ އުތުރުކޮރެޔާގެ ޒައީމާއި އެމެރިކާގެ ރައީސް ސީދާގޮތެއްގައި ބައްދަލުކުރައްވާ ފުރަތަމަ ސަމިޓެވެ. އެހެންކަމުން ދެގައުމުންވެސްވަނީ މިއީ ތާރީޚީ ސަމިޓެއްކަމަށް ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް