ޓްރަމްޕާއި ކިމްގެ ސަމިޓުގައި ދެކުނު ކޮރެއާގެ ރައީސް ބައިވެރިވެވަޑައިގެންފާނެ: ދެކުނު ކޮރެއާ

އެމެރިކާ އާއި އުތުރު ކޮރެއާގެ ސަމިޓުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް -- ފޮޓޯ: ގެޓީ

ސޯލް (މޭ 28): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހު ބާއްވާ ބައްދަލުވުމުގައި ދެކުނު ކޮރެއާގެ ރައީސް ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ ރިޔާސީ ގަނޑުވަރުން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ބްލޫ ހައުސްއިން ބުނި ގޮތުގައި ރައީސް މޫން ޖޭ އިން އެސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނީ އެބައްދަލުވުމުގެ ކުރިން އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ބާއްވާ ވާހަކަތައް ކުރިއަށްދާ ގޮތަކުންނެވެ.

ލީޑަރު ކިމް އާއި ރައީސް ޓްރަމްޕްގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12އިގައި ސިންގަޕޫރުގައެވެ. އެސަމިޓު ވާނީ އެމެރިކާގެ ރައީސަކު އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.

ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ އެސަމިޓު ކެންސަލް ކުރަން ނިންމެވިކަން މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް އިއުލާން ކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން 24 ގަޑިއިރުވެސް ނުވަނީސް ޓްރަމްޕް ވަނީ އެކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލު ކުރައްވާފައެވެ.

އަދި އެމެރިކާއާއި އުތުރު ކޮރެއާގެ ސަމިޓު ބާއްވަން ހަމަޖެހިފައިވާ ދުވަހާއި ތަނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހޮނިހިރު ދުވަހު ވިދާޅުވެފައިވެއެވެ. (ބީބީސީ)

comment ކޮމެންޓް