ތަފާތު ލޯތްބެއް - 07

ކެމީލާ އިޝާކޮށްލުމަށްފަހު އެނދުގައި އޮށޯތްތަނާ ފުލުފުލުގައި ވައިބާ މެސެޖް އަންނާންފެށިއެވެ. ނާޔަލް ފޫހިވެގެން ކުރާނެކަމެއް ނެތިގެން ކެމީލާއާއި ވާހަކަދައްކަން ބޭނުންވީއެވެ.

"ޑޮކްޓަރ ނާޔަލް. އައި ކާންޓް ޑޫ ދިސް......"

"ވައިބާއިން ވާހަކަދެއްކީމަ ވެސް މައްސަލައަކަށް ވަނީތަ....." ނާޔަލް ސުވާލުކުރިއެވެ.

"ފިރިހެންކުއްޖަކާއި ފްރެންޑެއްނުވެވޭނެ. އެހެންވެ. އައިމް ސޮރީ....." ކެމީލާ ހިތާހިތުން އަޒުމް ކަނޑައެޅީ މިހިސާބުންފެށިގެން ނާޔަލް އާއި އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށެވެ. ރޭގަނޑު ނިދާގަޑިއަށް މެސެޖްކުރާން ފެށުމުން އެއަށް އެކުވެރިކަމެއް ނުކިޔާނެއެވެ.

"މެރީ މީ......."ނާޔަލް ހަމަޖެހިލާފައި ޕްރޮޕޯސްކޮށްލުމުން ކެމީލާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ސަމާސާއަކަށް ހަދައިގެންވެސް އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެ ނޫންހެއްޔެވެ؟ ލޯބިވެރިޔަކު ހުއްޓާ އޭނަފަދަ ނިކަމެތި އަންހެންކުއްޖަކާއި އެގޮތަށް ކުޅުމަކީ މާތް އިންސާނުންގެ ހުންނަންވާނެ ސިފައެއް ނޫނެވެ. އޭނަގެ ހިތުގައި ނާޔަލްއާއިމެދު އެކައްޗެއްވެސް ނެތެވެ. އޭނަ އެހެން އަންހެންކުދިން ފަދައިން ނާޔަލް "ހޮޓް" ވެގެނެއް ނޫޅެއެވެ. އެހެން އަންހެންކުއްޖަކާއި މިގޮތަށް މުއާމަލާތުކޮށްފިއްޔާ އެކުއްޖެއްގެ ހިތް ހަލާކުވެދާނެއެވެ.

"ޕްލީޒް ސަމާސާއަކަށް ހަދައިގެންވެސް ތިކަހަލަ ވާހަކަދައްކާކަށްނުވާނެ. އިޓްސް ނޮޓް ގުޑް ފޯ ޔޯ ރެޕިއުޓޭޝަން. އެއަށްވުރެ މާ މާތް މަގާމެއްގައި ތިހިރީ. ތީ ޑޮކްޓަރެއް. ގަދަރުހުރި އާއިލާއެއްގެ ފިރިހެންކުއްޖެއް. އަޅުގަނޑާއި ޑޮކްޓަރ ނާޔަލް އެކަށީގެނެއް ނުވޭ. ނިކަމެތި އާއިލާއެއްގެ ނިކަމެތި އަންހެންކުއްޖެއް. ވީއިރު މަޖަލަކަށްވެސް ތިގޮތަށް ދިމާކުރާކަށް ނުވާނެ. ޕްލީޒް ލީވް މީ އެލޯން ......" ކެމީލާ ނާޔަލްގެ އެ ސަކަރާތާއި ބައިވެރިވާކަށް ނޭދެއެވެ. އެކަމަށް އެހެން އަންހެންކުއްޖަކު ހޮވިއްޔާ މާ ރަގަޅުވާނެއެވެ.

"އަހަންނަށް ނޫނެކޭތަ ތިބުނީ؟ " ނާޔަލް ސުވާލުކުރިއެވެ.

"އެހެން ހީކުރިޔަސް ރަގަޅުވާނެ ޑޮކްޓަރ ނާޔަލް...."

"ވެލް.........މިވީހާތަނަށް އަހަރެން ބޭނުންވި އެއްޗެއް ނުލިބި ނުދޭ........." ނާޔަލްގެ އެ ޖުމްލައިން ދެނެގަންނަންވީ އެއްޗެއް ނޭގުނެވެ. ދޭނެ ޖަވާބެއް ވިސްނުމަކަށް ނައެވެ. ހިތުގައި އަތް އަޅާ ބާރުކޮށްލައިގެން ދެލޯ މަރާލާއިރަށް ލޮލުގެ އެސްފިޔަތަކުގެ ތެރެއިން ކައިޒާންގެ މޫނު ފެނިލިއެވެ. އެކުޑަ އަންހެންކުއްޖާ އަނގައިގާ އިނގިލިޖަހައިގެން ބައްޕަގެ މުލައްދަނޑީގެ ހިމާޔަތުގައި އޮތްއިރު ހާމަކޮށްދިނީ ބައްޕައާއި އަންހެންދަރިއެއްގެ ދެމެދުގައި އޮންނަންވީ ލޯތްބެވެ. އޯގާތެރިކަމެވެ. ދުވަހަކުވެސް އޭނައަށް ބައްޕަ އަދި މަންމަގެ ފަރާތުންވެސް އެފަދަ ގާތްކަމަކާއި ލޯތްބެއް ލިބިފައިނުވާކަން ހިތަށް އެރިވަރަކަށް ހިތް ކައިޒާންއަށް ތައުރީފުކުރިއެވެ. ކޮންފަދަ ރަގަޅު ޒުވާން ބައްޕައެއް ހެއްޔެވެ. އެދުވަހު ކޮޓެޖަށް ދިޔައިރު އެކުއްޖާއާއި މަންމަ އުޅުނީ ކޮންތާކުހެއްޔެވެ. ކޮންމެގޮތެއްވިޔަސް އެއާއިލާއާއިމެދު ހިތުގައި ޝައުގުވެރިކަން އުފެދި އަލުން ބައްދަލުވާ ހިތްވިއެވެ. ކައިޒާން ލޮލަށް އެންމެ ފަހަރަކު ފެނިލިޔަސް އޭނައާއި ބެހޭގޮތުން އެނގެނީ ކުޑަ މިންވަރެކެވެ. ކައިޒާންއަށް ޖޯން އެނގެއެވެ. އެދެމީހުންގެ ސިފަ އެހާ ވައްތަރެވެ. ދެމީހުންގެ ގުޅުމެއް އޮތްކަން ސާބިތުވީ ޖޯންއަކީ ކާކުކަން ކައިޒާންއަށް އެނގޭތީއެވެ. އެވާހަކަދެއްކުމުން މަނާވެގަތީ ކޮންފަދަ މަޖުބޫރީއެއް ކަމެއް ނޭގެއެވެ. ކައިޒާންއާއިމެދު ގޮތްގޮތަށް ވިސްނެން ފެށުމުން ބަލައިލެވުނީ މޭޒުމަތީގައި ހުރި ވާސްއަށެވެ. ނޫކުލައިގެ އޯކިޑްމަލާއެކު ނާޔަލް ދިން މާތައްވެސް ފެންތަކުގެ ތެރޭގައި އެކީގައި ތިބިތަން ފެނިފާ ކެމީލާ ހިނި އަންނަގޮތްވިއެވެ. ނަމަވެސް ދާދި އަވަހަށް އެހިނިތުންވުން ފިލައިފިއެވެ. ފިރިހެނުން ދޭ އެއްޗެހީގައި ހިފުން ހުއްދައެއް ނުވާނެއެވެ. ހިތަށް ވިސްނައިދިނަސް ބައެއްފަހަރު ގޯސް މަގު ޚިޔާރުކުރެވެން އުޅެއެވެ. އީމާންތެރިކަން ތަންކޮޅެއް ބަލިކަށީއެވެ.

އިރާދަކުރެއްވިއްޔާ ދެން އޭނަ އުޅޭނީ ވިސްނައިގެންނެވެ. ނާޔަލް އަދި ކައިޒާންއާއި ވީހާވެސް ދުރުގައި އުޅެން އޭނަ މަސައްކަތްކުރާނެއެވެ. މާތައް ނަގާފައި އެއްލައިލަން އުޅެފައިވެސް އެމާތަކަށް އަނިޔާވެރިވާކަށް ނުކެރުނެވެ. މާތަކުގެ އެއްވެސް ކުށެއް އޮތީއެއް ނޫނެވެ.

މިދުވަސްކޮޅު ތަމަންނާގެ އަތުގައި ފައިސާ ކުއްލިއަކަށް ތިޔާގިވެ ހެދުންތައް އިތުރުކޮށްލާ ސެލޫންއަށް ދާންފެށިއެވެ. އުލާގެ އިސްތަށިގަނޑު ސްޓައިލްކޮށް ރަތްކުލައަކަށްދާ ކުލައެއް ޖެއްސިއެވެ. ފޭޝަލް ހެދުމާއި ވެކްސްކުރުމަކީ އެދެމައިންގެ ދިރިއުޅުމުގެ އެއްބަޔަށް ވެއްޖެއެވެ. ލޯރިއަލް ލިޕްސްޓިކުން އުލާގެ ތުންފަތް ރަތްވެއްޖެއެވެ. މަސަކަރާއިން އެސްފިޔަތައް ބޯވެ އެހެން ކުއްޖެއް ފެންނަފަދައެވެ.

އެރޭވެސް އުލާ ކޮޓަރިއަށްވަން ގޮތަށް އިނގިރޭސިލަވަ އަޑުއަހަންފެށިއެވެ. ނިދީގައި އޮތް މާމަ އުދަގޫގޮތަކަށް ކިރިލުމުން އެއްޗެކޭ ނުބުނެ ކެތްތެރިވެލައިގެން އޮތް ކެމީލާ އެދުނީ ލަވަޖަހަން ސިޓިންރޫމަށް ދިޔުމަށެވެ. އުލާ ޖެއްސުންކުރާނީ އެންމެ އުދަގޫވާގޮތަށެވެ. އަނގައިގާ އެބަސް އޮތްވާ ނިކުމެގެން ދިޔައީ ދޮރު އަތުކޮޅަށް ޖަހާފައެވެ. މާމަ ސިހިފައި ފުންމައިގެން ތެދުވެ އެނދުގައި އިށީންތަން ފެނުނެވެ. އުލާ ޓީވީގެ އަޑު އެންމެ ބާރުކޮށްލައިގެން އިނުމުން ކަންފަތަށް އުދަގޫވެ މާމަގެ ނިދިވެސް ޚަރާބުވީއެވެ. އަމިއްލަ ނަފުސު ގެނބިގެން ދިޔަސް އޭނަ ހިމޭނުން ހުރެދާނެއެވެ. ވިސްނެނީ މާމައާއި މެދުގައެވެ. އޭނައަށް ލޯބި ދިން ހަމައެކަނި އިންސާނަކީ މާމަ ކަމުގައިވެފައިވާއިރު އެމާމައަށްޓަކާ ކެމީލާ ގުރުބާންވެދާނެއެވެ.

"މާމާ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެހެން ތަނަކަށް ބަދަލުވާނަން......މާމަ ގޮވައިގެން ކޮންމެ ދުވަހަކު ހިނގާލަންވެސް ގެންދާނަން......"

"އާން ދަރިފުޅާ. މާމަ ބޭނުންވޭ ތަރިތައް ދެކެން. މޫދު ނުފެންނަތާ ކޮން ޒަމާނެއް. ހަނދުވަރު ރީތި ރޭރޭ ގޮނޑުދޮށުގައި ހިނގާލެވުނު ހަނދާނެއްނެތް. އެކަމަށް މާމަގެ މި އުމުރު ތަންނުދެނީ ދަރިފުޅާ. މާމަ ދެކެމުން އައި ހުވަފެނަކީ ހައްޖަށް ދިޔުން. އެކަމެއް ނުވިއެއްނު. ދަރިފުޅު ދުނިޔޭގައި ސަލާމަތުން ހުރިއްޔާ މާމައަށްޓަކާ ހައްޖުވެދީ. މާމަ ދެން ގިނަ ދުވަހަކަށް ދުނިޔޭގައި ހުންނާނެހެން ހިޔެއްނުވޭ......" މާމަގެ ނާ އުއްމީދީ ވާހަކަތައް އިވުމުން ކެމީލާއަށް ރޮވޭގޮތްވިއެވެ. އޭނަ މާމައަށް ހިތްވަރުދިނެވެ. އުއްމީދު ގެއްލުވާނުލަން އެދުނެވެ. ކެމީލާ ވަޒީފާއަށް ގޮސްގެން އެންމެ ކުރިން މާމަ ހައްޖަށް ފޮނުވާނެއެވެ.

މާމަ ވާހަކަދައްކާއިރު ކިޔާ އެއްޗެއް ރަގަޅަށް އޮޅުމެއް ނުފިލައެވެ. ސްޓްރޯކް ޖެހުމަށްފަހު ތެދުވެ އުޅެވުނަސް މާމަގެ ހިނގުމާއި އެހެން ކަންތައްތަކަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށް މާމަ ބަލި މީހަކަށް ހަދައިފިއެވެ. މާމަ އަށް މިގެއެކޭ ޖަލެއްގައި އޮތުމެކޭ ތަފާތެއްނެތެވެ. ޖަލުގައި އޮންނަ މިހާވެސް ދޭތެރެއަކުން ވައިޖައްސާލަން ނިކުމެވެއެވެ. ކުޅިވަރު ކުޅެވެއެވެ. މާމައަށް އެވަރުގެ ނަސީބެއްވެސް ނުލިބެއެވެ. މާމަ ހައްޖަށް ދާން އެއްކުރި ފައިސާ ކޮންމެވެސް ބޭނުމެއްގައި ޔާސިރު ނެގީ މާމަ ހައްޖަށް ފޮނުވާނެ ކަމަށް ދޮގު ވައުދެއްކޮށްފައެވެ. ކޮންމެ އަހަރަކު ދޮގު އުޒުރެއް ދައްކަނިކޮށް މާމަ އެއްފަޅިން ވާގިދޫވުމުން ޔާސިރު ބުނީ ބަލިކަމުން އަދި ނުދެވޭނެ ކަމުގައެވެ. ޑޮކްޓަރު ހުއްދަ ނުދޭނެކަމުގައެވެ.

މާމަގެ ފަހަތުގައި ހުރެ ކެމީލާ ނަމާދުކުރިއެވެ. އިޚުލާސްތެރިކަމާއިއެކު ނަމާދުކުރުމަކީ ސްޓްރެސް ފިލާ ހިތަށް ފިނިކަން ގެނެސްދޭކަމެކެވެ. މާމައަށް ސޫރަތްތައް ކިޔެވެނީ ލަހުންނެވެ. އެކަމާއި ހުރެ އުލާ އެއްގޮތަކަށްވެސް މާމަގެ ފަހަތު ހުރެ ނަމާދެއް ނުކުރާނެއެވެ. އެހެންނޫނަސް އުލާ ނަމާދުކުރާނީ ހިތަށް އެރިއްޔާއެވެ. ސަޖިދައިގާ އޮވެވެސް ހީގަންނާނެއެވެ. ޒުވާނެއް ގެ މަރުގެ ޚަބަރު އިވިއްޖެއްތާ ދެ ދުވަސްވާންދެން ނަމާދުކޮށްފާނެއެވެ. އެވެސް ނަމާދަކަށް ދެ މިނިޓެވެ. ޚުޝޫއަތްތެރި ކަމެއް ނުހުރެއެވެ. ކެމީލާ ކޮއްކޮއަށް ވިސްނާދެއެވެ. ނަމަވެސް އުލާގެ އެއްކަންފަތުން ވަދެފައި އަނެއް ކަންފަތުން ނެރެލަނީއެވެ.

މިފަހަކަށް އައިސް އުލާ ޑްރާމާގެ އަވައިގާ ޖެހި ހަތަރުދަމު އިންނަނީ ޓީވީ ހުޅުވާލައިގެންނެވެ. ކޮމްޕިއުޓަރުގައި ނޫނީ ފޯނުގައެވެ. ފޭސްބުކްގައި ފޮނި ސްޓޭޓަސްތައް ޖަހާ އެކި ފޮޓޯތައް ލައިގެން ކޮމެންޓްކުރަންވެސް ފޯރިފަށެއް ހުރެއެވެ. އެކިގޮތްގޮތަށް ސެލްފީ ނަގާފައި އިންސްޓާކުރުމުން ނޫނީ އެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.

ނަމާދުކޮށް ނިމިގެން ކެމީލާ މުސައްލަމަތީ ގުރުއާން ކިޔަވަން ގެއްލިފައި އިންދާ އުލާ ރާސްލާފައި ވަނެވެ. އަތުގައި ކިރިޔާ އުފުލައިލެވޭވަރުގެ ޕާރުސަލެއް އޮތެވެ. ހިތްތަކެއް ކުރަހާފައިވާ ޕާރުސަލް ކަރުދާހުގައި ޕެކްކޮށްލިމީހެއްގެ ހުނަރަށް ތައުރީފު ހައްގެވެ.

"ކެމީލާ އަހުމަދު ޔާސިރުގެ ނަމުގައި އޮތީ. ގުރުއާން ކިޔަވަން އިނދެފައި ދޮންތަ ނުތެދުވާނެކަން އެނގޭ. ކިޔަވަން އިނދޭ. އަހަރެން މީތި ކަނޑާލަދޭނަން......." އުލާ ޕާރުސަލް އެނދުމަތީ ބަހައްޓާފައި އެ ރީތި ޕާރުސަލް އިރާލައިފިއެވެ. ކެތްތެރިކަމެއްވެސް ނެތީއެވެ. ކެމީލާ ބަލާވެސް ނުލާ އިނދެ ކިޔަވަމުން ދިޔައެވެ. އުލާ ފޯރިއާއިއެކު ހަޅޭއްލަވައިގެންފާ އެނބުރުނީ ސެންޓު ފުޅިއެއް ދައްކާލަމުންނެވެ.

"މައި ސްވިޓް ސިސް. ވިލް ޔޫ ގިވް މީ ދިސް.......ޔޫ ގޮޓް ސޯ މެނީ ވެލިއަބުލް ގިފްޓްސް. ސީ ދިސް ޑިއޯ ފޭސްކްރީމް. މީތަ ދޮންތަގެ ފްރެންޑް އެދުވަހު މޫނު އޮމާންކޮށްލި ރޯޒް ފޭސް ކްރީމް. ޕްލީޒް ޕްލީޒް މަށަށް........." އުލާ އެފުޅި މޭގައި ޖައްސާލީ އަގުބޮޑު ޖަވާހިރެއް ލިބިގެން އުޅޭ ފަދައަކުންނެވެ. ކެމީލާގެ ބުމަ ގޮށްޖެހުނެވެ.

"ކާކު ފޮނުވި އެއްޗެއް......." ކެމީލާ އެ ސުވާލުކޮށްލިއިރަށް ސިކުނޑިއަށް ވެރިވީ ނާޔަލްގެ ސޫރައެވެ. ނޫނެކެވެ. އޭނަ މިއިން އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ. އޭނަ މި ޕާރުސަލް އަލުން އަނބުރާ ފޮނުވާނީއެވެ. ނަމަވެސް ޔަގީންނުވާއިރު އެހެން ހަދައިފިއްޔާ ނާޔަލް ހިތަށް އަރާނީ ކީކޭހެއްޔެވެ.

"ނަމެއް ނެތް. ދޮންތަގެ ރިޗް ފްރެންޑް ސަޕްރައިޒެއް ދިނީކަމަށްވާނީ. މޭކަޕްނުކުރާ ސެންޓް ނުޖަހައި އުޅޭ ކުއްޖެއްގެ ކޮއްކޮއަކަށް ވިކަމީ އަހަރެންގެ ނަސީބު......." އުލާ އެ ޕާރުސަލްގައިވާ އެއްޗެއްސަށް މޮޔަވެގެން އުޅެނިކޮށް ކެމީލާ ނޯޔާއަށް ގުޅާލައިފިއެވެ. ޑިއޯ ފޭސް ކްރީމްގެ ވާހަކަ އެހިއެވެ. ނޯޔާ ބުނީ ދޮންބެގެ ގާލްފްރެންޑަށް ދޭން އުޅުނު ފުޅި އެންމެފަހުން އޭނައަށް ދިނީ ކަމުގައެވެ. އޭނަ އެކަމާއި ދެރަވެގެން އުޅުނީމަ މަންމަ ދޮންބެއަށް އަންގާފައިވަނީ ލޯބިވެރިޔާއަށް ދޭ ކޮންމެ އެއްޗެއް ކޮއްކޮއަށްވެސް ގަނެދޭންވާނެ ކަމުގައެވެ. ކެމީލާ އުލާ ކައިރީ ބުނީ ކާކުކަން ނޭގޭ މީހަކު ދިން އެއްޗެއްގައި ހިފަން ބޭނުންނުވާކަމަށާއި ރައްދުކުރާނީ ކަމުގައެވެ. ކެމީލާ ދައްކާ ވާހަކަ އަޑުއިވުނުކަމަށް ނަހަދާ އުލާ އެ ޕާރުސަލުގައި ހުރި އެއްޗެހި އަލަމާރިއަށް ލާފައި ތަޅުލިއެވެ.

ހައްޖު ދުވަހު އެގެއިން ރޯދަ ހިފީ ހަމަ އެކަނި ކެމީލާއެވެ. މާމަ ރޯދަ ހިފާން ބޭނުންވިޔަސް ހަށިގަނޑުގައި ވަރު ނުހުންނާތީ ސުންނަތް ރޯދަ ނުހިފިޔަސް ރަގަޅުވާނެ ކަމުގައި ކެމީލާ ބުންޏެވެ. މަންމަ ދީނީ ކަންތައްތަކަށް ފަރުވާލެއް ނުހުރެއެވެ. ހައްޖު ދުވަހު އިރުއެރިއިރުވެސް އުލާއާއި ދެމައިން ތިބީ ޑްރާމާގެ އަވައިގާ ޖެހިފައެވެ. ހޫނު ކޮފީއާއެކު ސަބްމެރިން ކާން ތިބިއިރު ދެމީހުން ވަރަށް އުފަލުން ތިބިހެން ހީވިއެވެ. މޭޒުމަތީގައި ތެލުލި އަލައާއި ބަނބުކެޔޮ ދަޅުތަކެވެ. ޗިޕްސް ދަޅު ހުސްވުމުން އިނގިލީގައި ހުރި ކުނޑިތަކަށްދާން ދެން އުލާ ލޮވުނެވެ. އުލާ އަޑުކިޔާފައި ފަލަވާއިރުވެސް ކެއުން ހުއްޓާލާކަށް ނޫޅެއެވެ. ފަލަވާތީ އޭ ކިޔާފައި ޒުމްބާ ޖައްސާނެއެވެ. ގޭތެރޭގައި ހުރެ ނަށާލާ ސަކަރާތް ފަށެއް ޖަހާލާފައި ދެދުވަސް ފަހުން ކަންނެތްވެގެން ހުއްޓާލާނެއެވެ.

"ކެމީލާ މިރޭ ބާޒާރުކޮށްލަންދާން. ކެމީލާ ނޫޅޭވިއްޔާ އުލާހެން ހެދުން ގަނެދޭށޭ ކިޔާފައި މަގޭ ފޫބުޑުގައި ޖައްސާލައިގެނެއް. ވަޒީފާއަށް ދާއިރު ރީތި ހެދުމެއް ނުލާ ހުރިއްޔާ މީހުން މަލާމާތްކުރާނެ. އީދު ހެދުމަކާއި އެއްޗެހި ގަނެލަން މިރޭ ދާނީ................." ތަމަންނާ ބުނެލީ ތަފާތު ނަޒަރަކުން ބަލައިލަމުންނެވެ. އެދެލޮލުން ކެމީލާއަށް އަބަދު ފެނިފައިވަނީ ރުޅިވެރި ބެލުންތަކެވެ. ކަޅި އެޅުމެވެ. ނަމަވެސް މިއަދު އެލޮލުން ފެންނަނީ ކުލުނު ބާވައެވެ.

މަންމަ މިހާ ހެޔޮވާނެ ޖެހުނު ސަބަބެއް ނޭގި ހުރެވެސް އެރޭ ކެމީލާ މަންމައާއިއެކު ބާޒާރުކުރަން ދިޔައެވެ. ދެތިން ހެދުން ގަނެދިނެވެ. ޝޯލާއި ހަރުވާޅު އެއްޗެހިވެސް ދިނެވެ. އެތެރެއިން ލާ އެއްޗެހި ބާވެ ދޫވެފައި ހުއްޓާ އެވެސް ގަނެދިނީ އިތުރު ސުވާލެއް ކޮށްލުމެއް ނެތިއެވެ. އޭގެ އަގު އަދާކުރަން ޖައްސާނެގޮތެއް އޭރު ކެމީލާގެ ހިތަކަށްވެސް ނާރައެވެ. އީދު ދުވަހު މެންދުރަށް ކުކުޅު ބިރިޔާނީއާއި ކެރެޓް ޕިރިނީ އަދި އޮރެންޖް ޖޫސް ހަދަން ކެމީލާއަށް ޖެހުނެވެ. މެހުމާނުންތަކެއް އަންނަނީ ކަމުގައި ބުނެފާ ދެކުދިން އާހެދުން ލައިގެން ރީތިވެގެން އަންނާން ތަމަންނާ އެންގިއެވެ. އުލާ ރަތްކުލައިގެ ކުރު މިޑީއަކާއިއެކު ގުޅޭގޮތަށް މޭކަޕްކޮށްލައިގެން ނިކުތްއިރު އުލާ ހެނެއް ހިޔެއް ނުވެއެވެ. އެހާ ލޯތްބެވެ. ކެމީލާ ލައިގެން ހުރި އަޅި ޝޭޑެއްގެ ހެދުމާއި ޝޯލްގައި އެއްވެސް މޭކަޕެއްނެތި ހުރިއިރު މައުސޫމްކަމުން އުލާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނައަށްވުރެ ކެމީލާ ރީއްޗޭ ހިތަށް އަރާފައި އެތައް ހާސް ކަށިތަކެއް ހިތަށް ހެރިއްޖެއެވެ.

ގޭގެ ބެލް އަޅައިލިއަޑަށް ތަމަންނާ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ދޮރު ހުޅުވާލައިފިއެވެ. ތަމަންނާގެ ދައުވަތަށް އެގެއަށް އައި މެހުމާނުން ފެނިފާ ކެމީލާގެ މެޔަށް ނުބައިގޮތެއްވިއެވެ. ދެބައި އުމުރުގެ ފިރިހެނާއަކީ ދަންވަރު މަންމަގެ ކޮޓަރިއަށް ވަންނަނިކޮށް ފެނުނު މީހާއެވެ. ޒުވާނާގެ ދިގުކޮށްފައިވާ އިސްތަށިގަނޑުއޮތީ ފަށަކުން އައްސާފައެވެ. އަތުގަޔާއި ކަނދުރާ ފަށްތަކުން ފުރާލާފައެވެ. ބަލާބެލުމަށް ގޭންގެއްގެ ލީޑަރެކެވެ.

"މިއީ މަންމަގެ ފްރެންޑް ޒާދީއާއި ފިރިހެންދަރިފުޅު އަރީން........" ތަމަންނާ އޭނަގެ ދެދަރިންނަށް އެކުވެރިޔާއާއި ދަރިފުޅު ތައާރަފުކޮށްދިނެވެ. އަރީން ކެމީލާއަށް ބަލައިލީ ދަހިވެތިކަމުގެ ނަޒަރަކުންނެވެ. ވަގުތުން ކެމީލާގެ ހިތަށް ނުބައި ސިގްނަލްތަކެއް ލިބުނެވެ. މަންމަ އެހާވަރުން އޭނައަށް ހެދުން ގަނެދީ ޒީނަތްތެރިކޮށްގެން ގެނައީ މަންމަގެ އެކުވެރިޔާގެ ފިރިހެންދަރިއަށް ވިއްކާލުމުގެ ނިޔަތުގައެވެ. މަންމަގެ އަތުގައި ފައިސާ ގިނަވީ ސަބަބު މިއޮތީ ހާމަޔަށެވެ. މަންމަ ބުނިގޮތުން ވިއްޔާ އަރީން މުއްސަދިވީ އަމިއްލަ މަސައްކަތުންނެވެ. އެ މުއްސަދިކަމުގެ ސިއްރު ބުނެދޭކަށް ތަމަންނާއަކަށް ނޭގުނެވެ. މޭޒުގެ ވަށައިގެން އެންމެން ކާން ތިބިއިރު ކެމީލާ ތަށްޓަށް އެޅި ބަތްކޮޅުން އެންމެ ސުވަލެއްވެސް އެތެރެއަކަށް ނުދިޔައެވެ. އޭނައަށް ވާންއުޅޭގޮތް ވިސްނުނެވެ. މަންމަ އެމީހުންނަށް ދައުވަތު ދީގެން ގެނައި ނިޔަތް ހާމަވާން ނެގީ އިރުކޮޅެކެވެ.

"ކެމީލާ. އަރީން ބޭނުމޯ ކެމީލާއާއި އިންނަން......" ތަމަންނާގެ ޖުމްލައިން އެތަނުގައި ބާރުގަދަ ބޮމެއް ގޮވުމެކޭ ކެމީލާއަކަށް ތަފާތެއްނުވިއެވެ. ކެމީލާ ކޮށި އަރައިގަނެގެން ކެއްސައިގަތުމުން އުލާ ބުރަކަށީގައި ޖެހިއެވެ.

"އެކްސައިޓްވީމަ ދޮންތަ މިގޮތަށް ކެއްސާނީ......." އުލާ ހަމަޖެހިލާފައި ކިޔައިލިއެވެ.

"އެކްސްކިއުޒް މީ...." ކެމީލާ މޭޒުދޫކޮށްލާފައި ހަރު ކޮށް ހިނގާލާފައިގޮސް ކޮޓަރިއަށް ވަނެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިލިގޮތަށް އެނދުގައި އިށީނދެވުމާއިއެކު މާމަގެ ސުވާލުތައް އަމާޒުވިއެވެ. ކެމީލާ މާމަގެ ބޮލުގައި ރިހޭކަށް ބޭނުމެއްނުވިއެވެ. އެއްޗެކޭ ކިޔާލާފައި ކެމީލާ މަޑުން އިންދާ ބައިގަޑިއެއްހާއިރު ފަހުން ތަމަންނާ ކޮޓަރީގެ ދޮރު ހުޅުވައިލިގޮތަށް މުޅި ގޭގައި އަޑު ހިފާލާހާ ބާރަށް އެއްޗެހި ކިޔައިގަތެވެ. ކެމީލާ އަރީންއާއި ކައިވެނި ނުކޮށްފިއްޔާ އެންމެ ހިދުކޮޅަކަށްވެސް ގޭގައި ނުބަހައްޓާނެކަމަށް އެންގިއެވެ. އެމީހުންނަށް ޖެހިފައިވާ ދަތިވަގުތު އެހީވެދިނީ އަރީންކަމަށާއި ކެމީލާ ޖެހޭނީ އަގު އަދާކުރަން ކަމުގައި ބުނެ އަޑުގަދަކުރިއެވެ.

ކެމީލާ ނަމާދުކޮށްގެން ދުޢާކުރިއެވެ. އެނުލަފާ ފިރިހެނާގެ ފަރާތުން ސަލާމަތްކުރެއްވުން އެދި ދުޢާކުރެވުނެވެ. އާދޭހާއިއެކު އެތައްފަހަރު ދުޢާކުރެވުމަށްފަހު ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އޭނަ އެންމެފަހު ވަގުތާއި ހަމަޔަށްވެސް ހެއްދެވި ފަރާތަށް އިތުބާރުކުރާނެއެވެ. އެފަރާތުން އޭނައަށް މަގެއް ދައްކަވާނެއެވެ.

އެނދުގައި ޖައްސައިލިތަނާ އަދި ނުދަންނަ ނަމްބަރަކުން ގުޅަންފެށިއެވެ. ކެމީލާ ފޯނު ނުނެގުމުން އެމީހަކު މެސެޖްކުރިއެވެ. އެއީ އަރީންއެވެ. ނަމްބަރުދިނީ މަންމަ ކަމަށާއި އޭނައާއި ވާހަކަނުދައްކަންޏާ ނަތީޖާ ރަގަޅު ނުވެދާނެކަމަށް އިންޒާރުކުރިއެވެ. ކެމީލާ އޭނައާއި އިންނަން އެއްބަސްނުވެއްޖެއްޔާ އެކަމުގެ ހިތިކަން ފެންނާނެ ކަމަށާއި ރީތިކޮށް އޭނަ ކައިރިއަށް އަންނަންވީކަމުގައި ބުނެލިއެވެ. ވަގުތީއަގަކަށް ތަމަންނާއަށް ދެލައްކަ ރުފިޔާ ދީފައިވާނެ ކަމަށާއި ކެމީލާއަކީ އޭނަގެ މީހެއްކަމަށް އެބަރު އަޑުން ބުނުމުން ކެމީލާގެ ހިތަށް އިންތިހާ ދަރަޖައަށް ބިރުވެރިކަންވަނެވެ.

"ތީ މަގޭ މިލްކެއް. ކަލޭގެ މަންމަ މަށަށް ވިއްކާލާފައި ތިހިރީ އެކަން ހަނދާން ނައްތާނުލާތި. ވިސްނާލަން ދޭނީ ދެހަފްތާ. ޔޫ އާ މައިން. ކީޕް ދިސް އިން މައިންޑް....................." އަރީން މެސެޖްކުރިއެވެ.

"ބިރުނުގަނޭ.....އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. އަނިޔާލިބިފައިވާ މީހުންގެ ދުޢާ އެފަރާތުން އަޑު އައްސަވާނެކަމަށް ހަދީސްގައިވޭ....." ކެމީލާ އަމިއްލަ ނަފުސަށް ހިތްވަރުދީފައި ހިނިތުންވެލިއެވެ. މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ދަރިންނަށް ވާޖިބުކަމެކެވެ. ނަމަވެސް އެމީހުންނަށްވެސް ދަރިންގެ މައްޗަށް ހައްގުތަކެއްވެއެވެ. ނުރުހޭ މީހަކާއި މަޖުބޫރުން ކައިވެނިކުރުވަން އުޅެފިއްޔާ އެމީހުން ދޫކޮށްލާފައި ދުރަށް ދިޔުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ބަލަން ޝޭޚަކާއި ސުވާލުކުރަން އޭނަ ބޭނުމެވެ. އެވެސް ގޭންގު ލީޑަރަކާއެވެ. އެކަހަލަ މީހުންނަށް ހިތްކިޔާނެ އަންހެންކުދިން މަދެއްނުވާނެއެވެ. މައްސަލައަކީ އޭނަގެ ވިސްނުމެވެ. އޭނަ އެއްގޮތަކަށްވެސް މީހަކާއި އިންނާކަށް ބޭނުމެއްނޫނެވެ. ކައިވެންޏެއް ކުރިޔަސް ބޭނުމީ މަޑުމައިތިރި ދީނަށް ލޯބިކުރާ ޒުވާނެކެވެ. ހިތްހެޔޮވާން ޖެހޭނެއެވެ. ފޮނި ބޮޑާ މީހުންނަކަށް އޭނަގެ ހިތުގައި ޖާގައެއްނެތެވެ. އެ ޝަރުތުތައް ހަމަވާ ޒުވާނެއް ކަމަށް ފެނުނީ ކައިޒާންއެވެ. ކައިޒާންގެ ސޫރަ ހިތަށް ފެނިލުމާއިއެކު އެކަނި އިނދެވެސް ކެމީލާގެ މޫނަށް ރަތްކުލަވެރިވިއެވެ. ނުވެސް ދަންނަ ބީރައްޓެހި ޒުވާނަކާއިމެދު ވިސްނަން ޖެހޭހެއްޔެވެ.

"ސްޓުޕިޑް. އެއްވެސް ފިރިހެނަކާމެދު ނުވިސްނާށޭ. އެންމެންވެސް ހަމަ އެއްގޮތްވާނެ. މެން ވިލް ބީ މެން.....މީހަކާއި އިންނާކަށް ނޫންވީ. ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވަންވީ. އޭގެފަހުން މީހަކާއި އިންނަން ވިސްނާނީ............." ކެމީލާ އަމިއްލަ ނަފުސަށް އަޑުލައިގަތެވެ. ނަމަވެސް މިގެއިން ފިލައިގެން ކޮންމެވެސް އެހެން ތަނަކަށް ދާން އޭނަ ކޮންމެހެންވެސް ޖެހޭނެއެވެ. ނޯޔާއަށް ހަގީގަތް ކިޔައިދީފިއްޔާ އެގެއިން ޖާގަދޭނެ ކަމާއިމެދު ޝައްކެއްނުކުރެއެވެ. ނަމަވެސް އޭރުން ނާޔަލްގެ ބެލުންތަކުން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ. ނާޔަލްގެ ގޯނާތަކާއިހެދި ހަމަޖެހިލައިގެން އެގެއަކު ނޫޅެވޭނެއެވެ. އެކިގޮތްގޮތަށް ވިސްނާ ޚިޔާލުކުރިޔަސް ރަގަޅު މަގެއް ނުފެނުނެވެ.

ނޯޔާ ބަލިވެގެން ކޮލެޖަށް ނަޔަސް އޭނަ ކެމީލާއަށް ގުޅިއެވެ. އެކުވެރިކުއްޖަކު ފޮށިގަނޑެއް ގެނެސްދޭނެ ކަމަށާއި އޭނަ ބުނަންދެން ކެމީލާގެ އަތުގައި އެ ހަދިޔާ ބަހައްޓަން އެދުނެވެ.

"އިޓްސް ވެރީ ޑެލިކޭޓް. ވަރަށް ބަލައިގެން ގެންގުޅެއްޗޭ..." ނޯޔާ އެދުނެވެ. ރިމީ ގެނެސްދިނީ ކުޑަ ކުޑަ ފޮށިގަނޑެކެވެ. އަތުން ހިފާލައިގެން ގެންދެވޭވަރުވެފައި ލުއިކަމުން އަތުން ހިފާލައިގެންވެސް ގެންދެވިދާނެއެވެ. ކެމީލާ ހިނގައިގަތީ ކެރިގަނޑުގައި ޖެހުމުގެ ކުރިން ގެއަށް ވަނުމުގެ އަޒުމްގައެވެ. އުޑުމަތީގައި ވިލާ ބޯކަމުން ދުވާ ރޭގަނޑަށް ހަދާލައިފިއެވެ. ފަޒާގައިވާ ފިނިކަން ކެމީލާގެ ހަމުގައި ބީހިލުމުން ތުރުތުރުލާގޮތްވިއެވެ. ހަނިހަނި ގޯޅިތަކުން ހިނގިޔަސް ކެމީލާއަށް ހުއްޓިފައިވާ ލޯތައް މަދެއްނޫނެވެ. ކުއްލިއަކަށް ފޮށިގަނޑު ތެޅިލިހެން ހީވެ ސިހުނުވަރުން ކުޑަކޮށް ހަޅޭއްލަވައިގަނެވުމާއެކު އަތުން ދޫކޮށްލެވިއްޖެއެވެ.

"ނޯ..... ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ. މި ފޮށި ތެރޭގައި ދިރޭ އެއްޗެއް އެބައޮތް........" ކެމީލާ އެއްފަރާތަކަށް ޖެހިލާފައި ނޯޔާއަށް ގުޅާފައި ބުނެލިއެވެ.

"ކައްމި. ރިމީ ނުބުނޭތަ. އިޓްސް އެ ޕާޝިއަން ކެޓް. ޅަ ބުޅަލެއް. ކައްމި ބުޅާދެކެ ބިރުނުގަނެއެއްނު. ދޮންބެ ކައިރީ ބުނަންވެގެން ގުޅިއިރު ޑިއުޓީގައި ބިޒީކޮށް އިނީ..................."

"ހޫމް. އެކަމަކު ނޯ ކުރިން ނުބުނީމަ ކުއްލިއަކަށް ފޮށިގަނޑު ތެޅެންފެށީމަ ބިރުގަތީ...." ކެމީލާ އެނބުރުނުއިރު ފޮށިގަނޑުން ބޭރަށް ނިކުމެފައި އޮތް ކަފަ ބޯޅައެއްކަހަލަ ބުޅާ އުރާލައިގެން ކުޑަ ކުޑަ އަންހެންކުއްޖަކު ހިނިތުންވެލައިގެން ހުރިއިރު ހިތްގައިމު މަންޒަރެކެވެ. އެކުއްޖާގެ ހިތުގައި ބުޅަލަށް އޮތް ކުލުނާއި ލޯބި އެ ވިދުވަރުގަދަ ދެލޮލުން އޮހޭފަދައެވެ. ކެމީލާގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ.

(ނުނިމޭ)

comment ކޮމެންޓް